އައިފޯނަށް ސެޓެލައިޓްގެ ޒަރިއްޔާއިން ލިބޭ ޚިދުމަތްތައް އިތުރުކޮށް ފުޅާކުރުމަށް އެޕަލް އިން ބޮޑެތި ޕްލޭންތަކެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިހާރުވެސް "އެމަޖެންސީ އެސްއޯއެސް ވިއާ ސެޓެލައިޓް" ފަދަ ޚިދުމަތްތައް ދެމުން އަންނައިރު، އެޕަލްގެ އަމާޒަކީ ސެލިއުލާ ނެޓްވޯކް ނުލިބޭ ހާލަތްތަކުގައި އެކަނި ބޭނުންކުރުމުގެ ބަދަލުގައި، އާންމު ދިރިއުޅުމުގައިވެސް ސެޓެލައިޓް ކަނެކްޓިވިޓީއިން ފައިދާ ލިބޭނެ ގޮތް ހެދުމެވެ.

ބްލޫމްބާގްގެ "ޕަވާ އޮން" ނިއުސްލެޓާގައި މާކް ގާމަން ލިޔުއްވާފައިވާ ގޮތުގައި، އެޕަލްގެ އެންމެ ބޮޑު އެއް އަމާޒަކީ ސެޓެލައިޓް ކަނެކްޝަން ޤާއިމުކުރުމުގައި ޔޫޒަރުންނަށް ދިމާވާ ދަތިތައް ނައްތާލުމެވެ. މިގޮތުން، މިހާރު ފޯނު އުފުލާ އުޑުމައްޗަށް ދިމާކުރަންޖެހޭ އުސޫލު ބަދަލުކޮށް، ފޯނު ޖީބުގައި ނުވަތަ ކާރުގައި އޮއްވާވެސް އޮޓޮމެޓިކުން ސެޓެލައިޓާ ގުޅޭނެ ފަސޭހަ ނިޒާމެއް ޤާއިމުކުރުމަށް އެކުންފުނިން މަސައްކަތް ކުރަމުން އެބަދެއެވެ. މިކަމުގެ ސަބަބުން ޔޫޒަރުގެ އެއްވެސް އެހީތެރިކަމަކާ ނުލައި ފޯނަށް ބޭނުންވާ އަޕްޑޭޓްތައް ސެޓެލައިޓް މެދުވެރިކޮށް ލިބޭނެއެވެ.

މި ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ތެރޭގައި، މިހާރު ހަމައެކަނި ޓެކްސްޓް މެސެޖް ފޮނުވޭ ޚިދުމަތަށް ފޮޓޯ ފޮނުވުމުގެ ޤާބިލިއްޔަތު އިތުރުކުރުމާއި، އެޕަލް މެޕްސްގެ ޑޭޓާވެސް ސެޓެލައިޓް މެދުވެރިކޮށް ޔޫޒަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން، އެޕް ޑިވެލޮޕަރުންނަށްވެސް ސެޓެލައިޓް ކަނެކްޓިވިޓީގެ ބޭނުން ހިފޭނެ ގޮތް ހެދުމަށް ޚާއްސަ އޭޕީއައި އެއް ތައްޔާރުކުރަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެޕަލްގެ ހުރިހާ ސެޓެލައިޓް ޚިދުމަތެއް މިގޮތަށް ތާޑް-ޕާޓީ އެޕްތަކަށް ހުޅުވާލާނެ ކަމަކަށް ނުބެލެވެއެވެ.

އަލަށް ތަޢާރަފްކުރާނެ ކަމަށް ބެލެވޭ ފީޗާތަކުގެ ތެރޭގައި "ވެދާ އަޕްޑޭޓްސް ވިއާ ސެޓެލައިޓް" ހިމެނެއެވެ. މި ފީޗާގެ ސަބަބުން، ހައިކިންއަށް ދާ މީހުންނާއި ކަނޑު ދަތުރުކުރާ ފަރާތްތަކަށް ސެލިއުލާ ނެޓްވޯކް ނުލިބޭ ހިސާބުތަކުގައިވެސް މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތާއި އިންޒާރުތައް ސީދާ ސެޓެލައިޓުން ލިބޭނެއެވެ.

ހާޑްވެއަރގެ ގޮތުން ބަލާއިރު، 2026 ވަނަ އަހަރު ނެރޭ އައިފޯންތަކުގައި 5ޖީ އެންޓީއެން (ނޮން ޓެރެސްޓްރިއަލް ނެޓްވޯކްސް) ސަޕޯޓް އިތުރަށް ފުޅާކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރާނެ ކަމަށް ބެލެވެއެވެ.

އެޕަލް އިން މިހާރު މި ޚިދުމަތްތައް ފޯރުކޮށްދެނީ ގްލޯބަލްސްޓާގެ ސެޓެލައިޓްތައް ބޭނުންކޮށްގެން ކަމަށްވާއިރު، މުސްތަޤްބަލުގައި ސްޓާލިންކް އާއި ގުޅިގެން މަސައްކަތް ކުރުމުގެ ވާހަކަތައްވެސް ދެކެވެމުން އާދެއެވެ.

އެޕަލް އިން ވަނީ މިހާރު އައިފޯން 14 އަދި 15 ގެ ޔޫޒަރުންނަށް ލިބެމުން އަންނަ ސެޓެލައިޓް ޚިދުމަތްތައް އިތުރު އެއް އަހަރު ދުވަހުގެ މުއްދަތަށް ހިލޭ ލިބޭނެކަން ކަށަވަރުކޮށްދީފައެވެ.