10 Nov 2025, 21:56
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގައި ރަޖިސްޓްރީނުކޮށް, އިންވެސްޓްމަންޓް ޚިދުމަތް ދޭތީ އެކަމަށް އިންވެސްޓަރުން ސަމާލުވުމަށް ސީއެމްޑީއޭއާއި ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.
ސީއެމްޑީއޭއިން ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖޭގައި ހުއްދަ ނެތި ބައެއް މީހުން އެކި ބާވަތްތަކުގެ އިންވެސްޓުމަންޓު ޕްރޮޑަކްޓު ގަނެ ވިއްކުމުގެ ޚިދުމަތްތަކާއި އެ ޚިދުމަތްތައް މެދުވެރިކޮށް މާލީ މަންފާ ހޯދައިދިނުމަށްޓަކައި އިންވެސްޓުކުރުމުގެ ފުރުސަތު އާންމުންނަށް ހުށަހަޅާކަން އެނގިފައިވާ ކަމަށެވެ.
އެ އޮތޯރިޓީން ބުނި ގޮތުގައި، ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން އިންވެސްޓުމަންޓު ފަންޑު ހިންގުމާއި އިންވެސްޓުކުރުމަށް ލަފާ ދިނުމާއި ފަންޑު މެނޭޖުކޮށްދިނުމުގެ ޚިދުމަތް ދިނުމަކީ ސީއެމްޑީއޭއިން ލައިސަންސް ނަގައިގެން ކުރަން ޖެހޭ ކަންކަމެވެ.

މީހަކު އިންވެސްޓުކުރަނީ: ސީއެމްޑީއޭގައި ރަޖިސްޓްރީ ނުކޮށް، އިންވެސްޓުމަންޓު ޚިދުމަތް ދޭތީ ސަމާލުވާން ވަނީ އެދިފައި ---- ފޮޓޯ/ އިންވެސްޓޮޕީޑިއާ
އެހެންވެ، އެ އޮތޯރިޓީގެ ލައިސަންސް ނެތި، އާންމުކޮށް ފުރުސަތު ހުޅުވާލައިގެން ސޯޝަލްމީޑިއާގެ ވަސީލަތްތައް ބޭނުންކޮށް ނުވަތަ އެ ނޫން ގޮތަށް އިޝްތިހާރުކޮށްގެން ފަންޑު މެނޭޖުކޮށްދިނުމުގެ ޚިދުމަތްތަކާއި އިންވެސްޓުކުރުމަށް ލަފާދިނުމަކީ މަނާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.
އެ ކަންކަމާ މެދު ސަމާލުވުމަށް ތަކުރާރުކޮށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
ސީއެމްޑީއޭއިން ވަނީ، ސޯޝަލްމީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް އިންވެސްޓުކުރުމަށް ލިބޭ ހުށަހެޅުންތަކަށް ގޮތެއް ނިންމުމުގެ ކުރިން އެ ކަމެއް ހުށަހަޅާ މީހަކީ ރާއްޖޭގައި އިންވެސްޓު ފަންޑާއި ސްކީމްތައް ހިންގުމުގެ ގާނޫނީ ހުއްދަ އޮތް މީހެއްތޯ ޔަގީން ކުރުމަށް އެދިފައެވެ.
ނުވަތަ އެފަދަ އިންވެސްޓުމަންޓު ސްކީމްތަކަކީ، ސީއެމްޑީއޭގައި ރަޖިސްޓްރީކޮށްފައިވާ ފަންޑެއް ނުވަތަ ސްކީމެއްތޯ ކަށަވަރުނުކޮށް އިންވެސްޓުނުކުރުމަށް ބަޔާނުގައި ވަނީ ހަނދާންކޮށްދީފައެވެ.
އޭގެއިތުރަށް، އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ފަންޑުތަކުގެ މައުލޫމާތާއި އިންވެސްޓުކުރުމަށް ލަފާދޭ މީހުންގެ މައުލޫމާތުސީއެމްޑީއޭ ވެބްސައިޓުމެދުވެރިކޮށް ލިބޭނެކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި، އޮތޯރިޓީގެ ލައިސަންސް ނުނަގައި ޚިދުމަތެއް ދޭކަން އެނގޭނަމަ ވީ އެންމެ އަވަހަށް އެކަމެއްމެއިލްމެދުވެރިކޮށް އެންގުމަށް ސީއެމްޑީއޭއިން ވަނީ އެދިފައެވެ.
އޭގެފަހުން، ފުލުހުން ވެސް ވަނީ އިންވެސްޓުކުރުމުގެ ޚިދުމަތް ދެނީ ހުއްދަ އޮތް ބައެއްތޯ ޔަގީންކުރުމަށް އެދިފައެވެ.
ފާހަގަކުރެވޭ ގޮތުގައި، މީގެ ކުރިން ވެސް މި ގޮތަށް އެތައް ސްކީމެއް ރާއްޖޭގައި ހިންގައިފައި އެބަހުއްޓެވެ. އެފަދަ ސްކީމުތަކަށް އިންވެސްޓް ކޮށްގެން, ފުރަތަމަކޮޅު ފައިސާ ލިބުނު ނަމަވެސް ފަހުން ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ.
އެގޮތުން، މިދިޔަ ޖޫން މަހުގެ ތެރޭގައި ޖެމްކިއު އިންވެސްޓްމެންޓް ސްކީމް (ޖީއެމްސީއީ) ނަމަކަށް ކިޔާ ޕިރަމިޑް ސްކީމެއް ވަނީ ހިންގާފައެވެ. އެ ސްކީމަށް އޭރު 40،000 އަށްވުރެ ގިނަ ދިވެހީން އިންވެސްޓްކުރިއިރު، އެފަދަ ޕިރަމިޑް ސްކީމުތަކުގައި އިންވެސްޓް ނުކުރުމަށް ފުލުހުންނާއި ސީއެމްޑީއޭއިން އޭރު ވެސް އިލްތިމާސްކުރިއެވެ.
ޕިރަމިޑް ސްކީމްތައް ހިންގޭނީ، އެ ސްކީމަކަށް އައު މެންބަރުން ވެއްދޭ މިންވަރަކުންނެވެ. އެގޮތުން ޕިރަމިޑް ސްކީމުން ފައިސާ ލިބޭނީ ވަކި އެއްޗެއް ނުވަތަ ޚިދުމަތެއް ވިއްކުމުގެ ބަދަލުގައި، އައު މެންބަރުން ސްކީމަށް ވައްދައިގެން ހޯދާ ފީއަކުންނެވެ.