އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި މާދަމާ ފަށާ "ނެހެރޫ ކަޕް" ފުޓްބޯޅަ މުބާރާތުގައި ވާދަކުރުމަށް 20 ކުޅުންތެރިންގެ ސްކޮޑަކާ އެކު ރާއްޖޭގެ ގައުމީ ޓީމް މިއަދު ހެނދުނު ދިއްލީއަށް ފުރައިފި އެވެ.

ދިއްލީއަށް ގައުމީ ޓީމް މިއަދު ފުރިއިރު، ޓީމާއެކު ނުދާ ކުޅުންތެރިންނަކީ އަނިޔާގައި ހުރި ނިއުގެ ފޯވަޑް އިބްރާހީމް ފަޒީލް (އޮއްޕޮ) އާއި ވީބީގެ އަހުމަދު ނާޝިދު (ނާއްޓޭ) އާއި ފައިރުޒް އާދަމް ސަމީރާއި އީގަލްސްގެ މުހުތާރު ނަސީރު (ޓޫކިލޯ) އާއި ކީޕަރު މުހައްމަދު ޔަމާނެވެ.

އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގެ ނެހެރޫ ސްޓޭޑިއަމްގައި ބާއްވާ މިމުބާރާތުގައި ރާއްޖެ ފުރަތަމަ މެޗު ކުޅޭނީ މިމަހުގެ 23 ވަނަ ދުވަހު އެވެ. އަދި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި ބައްދަލު ކުރާނީ މުބާރާތް ބައްވާ ގައުމު ކަމަށްވާ އިންޑިޔާއާ ދެކޮޅަށެވެ. މިމެޗް ކުލޭނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. އަދި ރާއްޖެ ކުޅޭ ތިން ވަނަ މެޗުގައި ސީރިއާއާ ދެކޮޅަށް ނުކުންނާނީ މިމަހުގެ 27 ވަނަ ދުވަހު އެވެ. އަދި ލީގު ބުރުގައި ރާއްޖެ ކުޅެން ޖެހޭ ފަހު މެޗުގައި ބައްދަލުކުރާނީ ކެމަރޫނާ ދެކޮޅަށެވެ. މިމެޗު ވެސް ކުޅޭނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.

ރާއްޖެ އާއި އިންޑިއާގެ އިތުރުން ނޭޕާލާއި ކެމަރޫން އަދި ސީރިއާ ވާދަކުރާ މި މުބާރާތުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެންމެ ގިނަ ޕޮއިންޓު ހޯދާ ދެޓީމެއް ފައިނަލަށް ދަތުރު ކުރާނެވެ. އަދި މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.

މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި 6:30 ގައެވެ. އަދި ރާއްޖެ ކުޅޭ މެޗްތައް ޓީވީއެމްއިން ލައިވް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ މި އަހަރު ރާއްޖޭން ވާދަކުރާނެ ހަމައެކަނި ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތަށްވާ އިރު ނެހެރޫ ކަޕަކީ އިންޑިޔާގެ ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމުކޮށްގެން 1982 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.