އިންޑިއާގެ ވެރިރަށް ދިއްލީގެ ރެޑް ފޯޓް މެޓްރޯ ސްޓޭޝަން ކައިރީގައި އެއްޗެއް ގޮވައި، 10 މީހަކު މަރުވެއްޖެއެވެ.

އިންޑިއާ ޓުޑޭގައިވާ ގޮތުން އެއްޗެއް ގޮވައިފައިވަނީ، ރެޑް ފޯޓް މެޓްރޯ ސްޓޭޝަންގެ އެއް ވަނަ ގޭޓު ކައިރީގައި އޮތްް ކާރެއްގައެވެ. އެ ހާދިސާގައި 10 މީހަކު މަރުވެ، 24 މީހަކަށް އަނިޔާވި ކަމަށް އެ ނޫހުގައިވެއެވެ.

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން އެ ހާދިސާ ހިނގި ސަބަބު ހޯދުމަށް ފޮރެންސިކް މާހިރުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަދި މުޅި ރެޑް ފޯޓް ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފައެވެ.

ދިއްލީގެ ފުލުހުންނާ ހަވާލާދީ ސީއެންއެންގައިވާ ގޮތުން އެ ހާދިސާގައި ނުވަ އުޅަނދެއްގައި ރޯވެފައިވެއެވެ.

އެ ހާދިސާއާ ގުޅިގެން ދިއްލީއާއި ކޮލްކަތާ އާއި ހަރިޔާނާއާއި އުއްތަރަ ޕްރަދޭޝް ވެސް އެލާޓަށް ގެނެސް، ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައިވެއެވެ.

އިންޑިއާގެ ރަސްކަލުންނަށް ދިރިއުޅުއްވި ތާރީޚީ އިމާރާތްތައް ހުންނަ ރެޑް ފޯޓަކީ ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާ ތަނެކެވެ.