10 Nov 2025, 18:35
މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށްގެންދާ، ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން މިއަދު ފަށައިފިއެވެ.
ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އެ މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، މިއަދު ފެށީ ތިންވަނަ ފިޔަވަހިން ބާކީ 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތަކެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި އެ މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 24 ހެކްޓަރުގެ ބިން ހިއްކާފައެވެ.

ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުން އަލުން ފެށުން -- ފޮޓޯ/ ރައީސް އޮފީސް
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނި ގޮތުގައި ބިން ހިއްކުމުގެ މަސައްކަތް މަޑުޖެހުނީ، ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށް ދިޔުމުންނެވެ.
އެއަށްފަހު އަލުން ބިން ހިއްކުމުގެ މަސައްކަތް ފެށުމުން، އެ ސަރަހައްދުން ދަތުރުކުރާ ކަނޑު އުޅަނދުފަހަރުތައް އެކަމަށް ސަމާލުވުމަށް މިނިސްޓްރީން އެދިފައިވެއެވެ.
އެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ސަރަހައްދަށް ވަޑައިގެން މިއަދު ބައްލަވައިލެއްވިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ބުނެފައެވެ. އެ މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ތިން ވަނަ ފިޔަވަހިން ގޯތި ދިނުމަށް ނިންމައިފައި ވަނިކޮށް، މި ސަރުކާރުން ވަނީ މިހާތަނަށް އިއުލާންކުރި އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއު ކަމަށްވާ ފުށިދިއްގަރު ހިއްކުމުގެ މަޝްރޫއު އިއުލާންކޮށްފައެވެ. އަދި މި ސަރުކާރުން، ހުޅުމާލޭ ތިން ވަނަ ފިޔަވަހިން ގޯތި ދިނުމަށް ވުރެ، ފުށިދިއްގަރު މަޝްރޫއަށް އިސްކަން ދޭ ކަމަށް ބުނެ ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.