10 Nov 2025, 18:51
ކޮރަޕްޝަން ހުއްޓުވައި، ދައުލަތުގެ މުދަލުން ވައްކަން ކުރުން ހުއްޓުވުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކުން ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދު މިއަދު ގޮވާލައްވައިފިއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސިޔާމް ފޮނުއްވި ޚިތާބުގައި ވަނީ، ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ދިވެހި ރައްޔިތުންނަށް އަރިސްކުރައްވައިފައެވެ.
ޖުމްހޫރީ ދުވަސް ފާހަގަކުރާތާ މާދަމާއަށް 57 އަހަރު ފުރޭއިރު، އެ ދުވަސް ދިވެހީންނާ ބައްދަލުކުރަނީ މިހާތަނަށް ގައުމަށް ދިމާވެފައި އޮތް އިގުތިޞާދީ އެންމެ ދަތި ދުވަސްވަރުގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެހެންވެ، އިގުތިޞާދީ ދަތިކަމުން ގައުމު ސަލާމަތްކުރުމަށާއި ދައުލަތުގެ މުދަލުން ވައްކަން ކުރުމާއި ކޮރަޕްޝަން ހުއްޓުވަން ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ސިޔާމް ވަނީ މުއައްސަސާތަކަށް ގޮވާލައްވާފައެވެ.
ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ވެރިންނަކީ ރައްޔިތުންގެ މަތިވެރި އަމާނާތްތަކާ ހަވާލުވެގެން ތިބޭ ބައެއް ކަމުގައި ވީހިނދު، އެ އަމާނާތްތަކަށް ވަފާތެރިވެ، އިޚުލާސްތެރިކަމާ އެކު ޚިދުމަތްކުރުމަށް މި ފުރުސަތުގައި އެ ފަރާތްތަކަށް އަޅުގަނޑު ހަނދާންކޮށްދެންއެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު
މީގެ އިތުރުން، އެ މަނިކުފާނު ވަނީ، ވަޒީފާގެ ހަމަހަމަ ފުރުސަތުތަކާއި ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމުގެ ހައްގު ފުރިހަމައަށް ލިބިފައިވާ ރައްޔިތުން އުޅޭ ގައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރުމަށް އިދާރާތަކަށް އިލްތިމާސްކުރައްވާފައެވެ.
ވަކި ކުލައަކަށް ނިސްބަތްވާތީ ވަޒީފާ ނުލިބުމާއި މަސައްކަތް ހޯދައި، ލިބިގަތުމުގެ ހައްގުން އެއްވެސް ރައްޔިތަކު މަހުރޫމް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމުގައި އަޅުގަނޑު ހަރު އަޑުން ގޮވާލަންއެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު
ހަމައެހެންމެ ސިޔާމް ވަނީ، އިސްލާމް ދީނުގެ އަގީދާގައި ދިވެހީން ސާބިތުކޮށްދެއްވުމަށާއި ސުލްހަވެރިކަމާއި އަމާންކަން ދިވެހީންގެ ތެރޭގައި ގާއިމުކޮށްދެއްވުމަށާއި ޖުމްހޫރީ ނިޒާމު ހަރުދާނާ ކޮށްދެއްވުމަށް އެދި މާތް ﷲއަށް ދުޢާ ދަންނަވައިފައެވެ.
ރާއްޖޭގައި ފުރަތަމަ ޖުމްހޫރިއްޔަތެއް ގާއިމުކުރެވުނީ ޖަނަވަރީ އެެކެއް، 1953ގައެވެ. އެއީ، ސުމުއްވުލް އަމީރު އަލްމަރުހޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލޭގެފާނުގެ ޒައާމަތުގައެވެ.
އޭގެފަހުން، މިހާރު އޮތް ދެވަނަ ޖުމްހޫރިއްޔާ އުފަންވީ މީގެ 56 އަހަރު ކުރިން ނޮވެންބަރު 11، 1968ގައި ސުމުއްވުލް އަމީރު އަލްމަރުހޫމް އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޒައާމަތުގައެވެ. ސިޔާމް ވަނީ، އެ ބޭފުޅުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށް ދުއާ ދަންނަވައިފައެވެ.