10 Nov 2025, 19:17
ރަައްޔިތުންގެ މަޖިލީހުން މިއަދު ޓްރޭޑްމާކް ބިލް ފާސްކުރުމަކީ ތާރީޚީ ކާމިޔާބީއެއް ކަމަށާއި، އެ ބިލް ތަންފީޒު ކުރުމުން އިންވެސްޓަރުންގެ ޝަައުގުވެރިކަން ރާއްޖެއަށް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުން މިއަދު ވަނީ، ރާއްޖެއަށް ފޭކު މުދާ އެތެރެކުރުން ހުއްޓުވައި، ދެ މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް 'ޓްރޭޑްމާކްގެ' ބިލު ފާސްކޮށްފައެވެ.
އެކަމާ ގުޅިގެން މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ ބިލަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ލިބުނު ތާރީޚީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އެ ގާނޫނުގެ ސަބަބުން ފުރަތަމަ ފަހަރަށް ރާއްޖެއާއި ބޭރުގެ ޓްރޭޑްމާކްތައް ރާއްޖޭގައި ރަޖިސްޓްރީކޮށް ހިމާޔަތްކުރެވޭނެ ކަމަށާއި ފިކުރީ މުދަލުގެ ހައްގުތައް ރާއްޖޭގައި ހިމާޔަތްކުރުން ހަރުދަނާވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، އެ ބިލް ތަންފީޒު ކުރަން ފެށުމުން ރާއްޖެއަށް އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުވާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ޓްރޭޑްމާކުގެ ގާނޫނުގެ ދަށުން، ޓްރޭޑްމާކުގެ ހައްގުގެ ވެރިފަރާތްތަކުން އުފައްދާ މުދަލަށް ނުވަތަ ފޯރުކޮށްދޭ ޚިދުމަތެއްގައި ބޭނުންކުރާ ޓްރޭޑްމާކް ބޭނުންކުރުމުގެ ''އެކްސްކްލޫސިވް'' ހައްގު ޔަގީންކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން، އުފެއްދުންތަކުގެ ސައްހަކަން ފަސޭހައިން ކަށަވަރުކުރެވޭނެ ކަމަށާއި އެގޮތުން މުދަލާއި ޚިދުމަތް ހޯދާ މީހުންނަށް އޮޅުވާލެވޭ ގޮތަށް ރަޖިސްޓްރީކުރެވިފައިވާ ޓްރޭޑްމާކްތައް ބޭނުންކުރުން ހުއްޓުވައި، ފޭކު ނަކަލުތައް ހެދުން ޖިނާއީ ކުށަކަށް ހެދޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިއީ ފިކުރީ މުދަލުގެ ރައްކާތެރިކަން ހަރުދަނާކޮށް، އުފެއްދުންތެރިންނާއި، ވިޔަފާރިވެރިންނާއި، އިންވެސްޓަރުންގެ އިތުބާރު އޮތް މާޙައުލެއް ޤާއިމްކުރުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް ވާޞިލްވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްއިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
މިނިސްޓަރު އެހެން ވިދާޅުވިއިރު، ޓްރޭޑްމާކްގެ އެކްސްކްލޫސިވް ހައްގު ލިބޭނީ ގާނޫނުގައިވާ ގޮތުގެ މަތީން އެ މާކް ރަޖިސްޓްރީކުރުމުންނެވެ. އެ ބިލުގައިވާ ގޮތުން ރާއްޖޭގައި ޓްރޭޑްމާކެއް ރަޖިސްޓްރީކޮށްދޭނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި، މި މުއްދަތު ހަމަވުމުން އަނެއްކާވެސް 10 އަހަރަށް އިތުރުކުރުމުގެ ފުރުސަތު އޮންނާނެއެވެ.
އެ ބިލުގެ ދަށުން، ޓްރޭޑްމާކުގެ ހައްގަށް އަރައިގަތުމުގެ އަމަލެއް ހުއްޓުވުމަށް ނުވަތަ އެފަދަ މައްސަލައަކާ ގުޅުންހުރި ހެކި ރައްކާތެރިކުރުމަށް ވަގުތީ އަމުރު ނެރުމުގެ ބާރު ވެސް ކޯޓަށް ލިބިގެންވެއެވެ.