މި ސަރުކާރުން ކުރިއަށްގެންދާ، ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ލ. ގަމުގައި ގަސް އިންދުމަށް ޚާއްސަ ދެ ނާސަރީއާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނާސަރީއެއް ތަރައްގީކުރާކަން އިއުލާންކޮށްފިއެވެ.

ގަމުގައި ދެ ނާސަރީ ތަރައްގީ ކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރީއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ދެމެދު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ ގަމުގައި ތަރައްގީކުރާ ދެ ނާސަރީއަކީ، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރަށް ފުޅާކޮށް، ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށްޓަކައި ހިންގާ މަސައްކަތެއް ކަމަށެވެ. އޭގެ ތެރޭގައި 20,000 އަކަފޫޓުގެ ނާސަރީއަކާއި 100,000 އަކަފޫޓުގެ ނާސަރީއެއް ހިމެނޭ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދީފައިވެއެވެ.

އެ ޕްރޮގުރާމް ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރު އަޙްމަދު އަތީފް ފާހަގަކުރެއްވި ގޮތުގައި، 20,000 އަކަފޫޓުގެ ނާސަރީ މި އަހަރު ނިމުމުގެ ކުރިން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ލަފާކުރެވެއެވެ. އަދި 100,000 އަކަފޫޓުގެ ނާސަރީ އަންނަ އަހަރުގެ ޖުލައި މަހުގެ ކުރިން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އަތީފް ވިދާޅުވިއެވެ.

ނާސަރީގެ ކުރެހުމެއް: ----ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީން

އަތީފް ވިދާޅުވީ، އެ ދެ ނާސަރީ ތަރައްގީކޮށް ބޭނުން ކުރެވެން ފެށުމުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޮޑު އިންގިލާބެއް އަންނާނެ ކަމަށެވެ. އަދި މި ވަގުތު މި ޕްރޮގްރާމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖެއިން ގަސް ހޯދުން ކަމަށާއި، މި ނާސަރީތަކުގެ ސަބަބުން އެކަމަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނާސަރީ އަޅަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. އެގޮތުން، 55,000 އަކަފޫޓުގެ ނާސަރީއެއް އެޅުމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މިނިސްޓްރީން ބުނީ އެ ނާސަރީގައި މީޓިން ރޫމަކާއި، ލެބޯޓަރީއަކާއި، އޮފީސް އަދި ލޭބާ އެކޮމޮޑޭޝަން ހުންނާނެ ކަމަށެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ ވަފުދެއް ޗައިނާއަށް ޒިޔާރަތް ކުރުން -- ފޮޓޯ/ އެންވަޔަރަމެންޓް މިނިސްޓްރީ

މިނިސްޓްރީން ބުނީ، ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް ޚާއްސަ ޑިޕާޓްމެންޓުން މި އަހަރު ޗައިނާއަށް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އެ ދަތުރުގެ ބޭނުމަކަށްވީ ޗައިނާ ސަރުކާރުން ރާއްޖޭގައި އަޅާ، ޒަމާނީ ނާސަރީގެ މަސައްކަތާ ގުޅޭގޮތުން މަޝްވަރާ ކުރުން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުންޏެވެ.

އެ ދަތުރުގައި ވަނީ، ނާސަރީގެ ޑިޒައިނާއި އިންދާނެ ގަސްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ހުޅުމާލޭގައި ތަރައްގީކުރާ ނާސަރީއަކީ އާންމުންނަށް ފަސޭހައިން ބަލާލެވޭނެ ގޮތަށް ހިތްގައިމު، ޖާގައިގެ ގޮތުން ބޮޑު ނާސަރީއަކަށް ވާނެ ކަމަށެވެ. އަދި އެ ނާސަރީއަކީ މުސްތަގުބަލުގައި ސްކޫލު ކުދިން ގެންގޮސްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގޭނެ ގޮތަށް ޑިޒައިން ކުރާނެ ތަނެއްކަމަށްވެސް އެ ވުޒާރާއިން ފާހަގަކޮށްްފައިވެއެވެ.

މިދިޔަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ކަމަށްވާ ޖޫން ފަހެއް، 2024ގައި ފަސް މިލިއަން ގަސްއިންދުމަށް ފަށާފައިވަނީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ ދަށުންނެވެ.