އަންނަ މަހުގެ 13 ވަނަ ދުވަހު ފަށާ ދިވެހި ލީގް ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ކުލަބް ވެލެންސިޔާއާ ދެކޮޅަށް ނުކުންނަ ޓީމަކަށް ދެ ވަނަ ޑިވިޒަންގެ ރަނަރަޕް ޔުނައިޓެޑް ވިކްޓަރީ ވެއްޖެ އެވެ.

ޖުމްލަ ހަތަރު ޓީމް ވާދަކުރާ މިމުބާރާތުގެ ދެ ވަނަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ދެ ވަނަ ޑިވިޒަންގެ ޗެމްޕިއަން ބީޖީ ސްޕޯޓްސް ކުލަބާއި ވިޔަންސާ އެވެ. މިމެޗް ކުޅޭނީ އަންނަ މަހުގެ 14 ވަނަ ދުވަހުގެ ހަވީރު 4:00 ޖަހާއިރު އެވެ.

މިފަހަރުގެ ދިވެހި ލީގުގެ ކޮލިފިކޭޝަންގެ ހުރިހާ މެޗެއް ވެސް ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، ބައެއް މެޗްތައް ކުޅޭ ގަޑިއަށް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން މިމުބާރާތުގެ ފުރަތަމަ ތިން މެޗް ހަވީރު ކުޅުމަށް ހަމަޖެހިފައި ވާއިރު، ބާކީ އަނެއް ތިން މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ރޭގަނޑު 9:00 ޖަހާއިރު އެވެ.

މިމުބާރާތުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމެއް ދިވެހި ލީގަށް ކޮލިފައިވާނެ އެވެ.