10 Nov 2025, 17:29
އަތޮޅުތެރޭގައި ވަސީލަތްތައް މަދުވުމުގެ ސަބަބުން ފުލުހުންގެ ތަހުގީގު ލަސްވެ، ރިމާންޑް ސެންޓަރުތަކުގައި ދޭންޖެހޭ ޑުރަގުގެ ފަރުވާ ވެސް ފުރިހަމައަށް ނުދެވޭ ކަމަށް ދެކުނުގެ ފުލުސް ކޮމާންޑަރުން މިއަދު ވިދާޅުވެއްޖެއެވެ.
ދެކުނުގެ އަތޮޅުތަކުގައި ފުލުހުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އޮންލައިންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ތަހުގީގުތައް ލަސްވާ ސަބަބާ ގުޅިގެން ސައުތު ރީޖަންގެ ކޮމާންޑަރު، އަހުމަދު ޝަމީމް ވިދާޅުވީ މައްސަލައެއް ހުށަހެޅޭ ހިސާބުން ވީހާވެސް އަވަހަކަށް އެ މައްސަލައިގެ ތަހުގީގު އަވަސްކުރަން އިސްކަންދޭ ކަމަށެވެ. ނަމަވެސް އަތޮޅުތެރޭގައި ވަސީލަތްތައް ގާއިމުކޮށްފައި ހުންނަ ގޮތުން، ބައެއް ކަންކަމަށް، އެހެން ހިސާބުތަކުން ވަސީލަތްތަކާއި އެހީތެރިކަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަތޮޅުތެރޭގައި ފުލުހުންނަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ޝަމީމް ވިދާޅުވީ ތަހުގީގަށް ބޭނުންވާ ބައެއް ކަހަލަ ރިޕޯޓުތަކާއި އެސެސްމަންޓުތައް ލިބުމުގައި ބައެއް ފަހަރު ލަސްތަކެއް ހުންނަ ކަމަށެވެ. ކޭސްތަކުގައި އެންމެ ގާތުން މަސައްކަތްކުރަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއެކުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އަތޮޅުތެރޭގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެއްރަށުން އަނެއް ރަށަށް ދަތުރުކޮށް، ސްޓޭޓްމަންޓްތައް ނަގަން ޖެހޭޖެހުން ކަމަށެވެ.
އެފަދަ ހާލަތްތަކުގައި މީހުން ހާޒިރުކުރުމާއި އެ ރަށެއްގައި އެ މީހަކު ނުހުރުން ފަދަ އެތައް ކަމެއް ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެންމެ ބޮޑު ޝޯޓޭޖަކީ އިންވެސްޓިގޭޓަރުން. އެ ދަތިކަން އެބައޮތް. ކޮންމެ އިންވެސްޓިގޭޓަރެއް އަތުގައި ބައިވަރު ކޭސްތައް ހުރޭ. އެހެންވުމުން ވެސް ބައެއް ކޭސްތަކަށް އެޓެންޑުވުމުގައި ލަސްތަކެއް އެބަހުރި،" ޝަމީމް ވިދާޅުވިއެވެ.
"ދެން އަޅުގަނޑުމެން ގަބޫލުކުރަން ބައެއް ހާލަތްތަކުގައި އަޅުގަނޑުމެންގެ ސައިޑުން ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ހުރޭ. އަނެއްބައި ހާލަތްތަކުގައި އަޅުގަނޑުމެންގެ ރިސޯސް ޝޯޓޭޖް. އަޅުގަނޑުމެންނާއެކު ދެން މަސައްކަތްކުރާ އެހެން މުއައްސަސާތަކުގެ މަސައްކަތު ލެވަލް ހުންނަ ގޮތުން ބައެއްފަހަރު ލަސްތަކެއް ދިމާވޭ."
ކުށުގެ ވެއްޓަށް ބަލާއިރު ތަކުރާރުކޮށް ކުށްކުރާ މީހުންނަކީ ވަރަށް ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވައި ޝަމީމް ވިދާޅުވީ އެކަން ހައްލުކުރަން ވަރަށް މަސައްކަތް ކުރައްވާ ކަމަށެވެ. އެފަދަ މީހުން މުޖުތަމައުގައި ވަރަށް ގިނަ ކަމަށާއި އެފަދަ މީހުންނަށް ރިމާންޑް ސެންޓަރުތަކުގެ ފަރުވާ މިހާރު ވެސް ދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.
ރިމާންޑް ސެންޓަރުތަކަކީ މަސްތުވާތަކެތީގެ ކުށުގެ ތުހުމަތުކުރެވޭ މީހުން ޝަރީއަތަށް ބަންދުގައި ބަހައްޓާއިރު ބައިތިއްބާ ފެސިލިޓީއެކެވެ. އެއީ، ބަންދުގެ މުއްދަތުގައި އެތަނުގައި ބައިތިއްބައިގެން، އެ މީހުންނަށް ލިބެންވާ އަސާސީ ފަރުވާ ދޭ ފެސިލިޓީއެކެވެ.
ރިމާންޑް ސެންޓަރުތަކުން ފަރުވާ ދިނުމުގެ އިންތިޒާމްތައް ދެކުނުގައި މިހާރުވެސް އެބަހުރި ކަމަށާއި، އެހެންނަމަވެސް އެފަދަ މީހުން ތިބި އަދަދާ ބަލާއިރު މިހާރު ހަމަޖައްސާފައިވާ އިންތިޒާމްތަކުން ނުވަނީކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންވުމުގެ ސަބަބުން ފުރިހަމަކުރަންޖެހޭ ފަރުވާ ފުރިހަމަ ނުވެ، މުޖުތަމައުގެ ތެރެއަށް އެފަދަ މީހުން ދޫވާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ރާއްޖޭގެ ދެކުނަށް ބަލާއިރު، ގައިދީންނަށް ފަރުވާ ދެވޭ ގޮތަށް, ތިން ރިހެބިލިޓޭޝަން ސެންޓަރެއް، މިއަހަރުގެ ޖޫން މަހު ވަނީ ރިމާންޑް ސެންޓަރުތަކެއް ގޮތަށް ބަދަލުކޮށްފައެވެ. އެ ތިން ސެންޓަރަކީ:
ގދ. ތިނަދޫ ޑުރަގު ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު
- ޏ. ފުވައްމުލަކު ޑުރަގު ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު
- ސ. ހުޅުދޫ ވިލުނު ސެންޓަރު
ފުލުހުން މިއަދު ބުނި ގޮތުގައި ދެކުނުގައި ވެސް އެންމެ ގިނައިން ހުށަހަޅާ މައްސަލަތަކަކީ ވައްކަމާއި މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.