10 Nov 2025, 15:48
އައްޑޫ ސިޓީ ހިތަދޫގެ ގެއަކުން މަރުވެފައި އޮއްވައި މިދިޔަ މަހުގެ 22 ވަނަ ދުވަހު ފެނުނު ދެމަފިރިންގެ މަރުގެ ތަހުގީގަށް ބޭނުންވާ ތަހުލީލީ ރިޕޯޓުތައް އަދިވެސް ނުނިމޭތީ، މަރުވި ސަބަބު އަދި ހާމަކުރެވެން ނެތް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ހިތަދޫގެ ޓޫރިޒަމް ޒޯންގައި ހުންނަ ގެއަކުން މަރުވެފައި އޮއްވައި ފެނުނީ, ކުރޭނުގެ، އިބްރާހީމް އަބްދުﷲ (60އ)އާއި ނާރެސް، ފަރަހަނާޒް ރަޝީދު (52އ)އެވެ.
ސައުތު ރީޖަންގެ މަސައްކަތްތަކާ ގުޅޭގޮތުން ފުލުހުން މައުލޫމާތު ދިނުމަށް އޮންލައިންކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ރީޖަންގެ ކޮމާންޑަރު، އަހުމަދު ޝަމީމް ވިދާޅުވީ އަދިވެސް އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި، އެހެން ފަރާތެއްގެ އެއްވެސް އަނިޔާވެރި ހަމަލާއެއް ދީގެން ނުވަތަ އިތުރުކަމެއް ކޮށްގެން އެ ހާދިސާ ހިނގި ކަމެއް ފުލުހުންގެ ތަހުގީގަށް އެނގެން ނެތް ކަމަށެވެ.
ޝަމީމް ވިދާޅުވީ ދެމަފިރިންގެ އޮޓޮޕްސީއެއް ހަދާނެތޯ ނުވަތަ ނުހަދާނެތޯ ކަނޑައެޅުމަށް އެ މަޝްވަރާ ވެސް ފުލުހުން ކުރި ކަމަށެވެ.
އެ ދެމަފިރިންގެ ޖަނާޒާ މިދިޔަ މަހުގެ 25ވީ ހުކުރު ދުވަހު ބާއްވާފައި ވަނީ އޮޓޮޕްސީ ހެދުމަކާ ނުލައެވެ.
ޝަމީމް ވިދާޅުވި ގޮތުގައި އެ ދެމަފިރިން މަރުވި ގޭ ހުރީ އިތުރު ދިމާލަކުން މީހަކަށް ނުވަދެވޭ ގޮތަށް ދޮރުތައް ވަރަށް ރަނގަޅަށް ތަޅުވެސްލާފައި ކަމަށެވެ. އެގޮތުން އެ ގެއަށް ފުލުހުން ވެސް ވަނީ ވަރަށް ބޮޑަށް މަސައްކަތްކޮށްގެން އަދި އާންމު ފަރާތްތަކުގެ އެހީތެރިކަމާ ވެސް އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ފުލުހުންގެ ތަހުގީގަށް ބޭނުންވާ ތަހުލީލީ ރިޕޯޓު ނުލިބޭތީ، މަރުވި ސަބަބު ހާމަކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވީމަ އޭގަ އަޅުގަނޑުމެންނަކަށް އަދިވެސް ނުބެލެވޭ ތަހުގީގުގައި އިތުރު އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތް ކަމެއް، އަނިޔާވެރި އަމަލެއް ހިންގައިގެންކަން އެކަމެއް ދިމާވީ. އެހެންނަމަވެސް ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލްތައް ނަގައި، ތަހުލީލީ ރިޕޯޓުތަކެއް އަދި ނުލިބޭ. އެހެންވީމަ މިވަގުތަށް އަދި މަރުވާން މެދުވެރިވީ ކޮން ސަބަބެއްކަން އަޅުގަނޑުމެންނަށް ހާމަކުރެވޭކަށް ނެތް،ސައުތު ރީޖަން ކޮމާންޑަރު، އަހުމަދު ޝަމީމް
މަރުވި ދެމަފިރިންގެ ތެރެއިން، އިބްރާހީމް އަބްދުﷲއަކީ އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރުގެ ބޮޑުބޭބެއެވެ. އެ ދެމަފިރިން މަރުވެފައި އޮއްވައި އެންމެ ފުރަތަމަ ފެނުނު މީހުންނާ ހަވާލާދީ ލީވާން 'އަދަދު' ނޫހުގައި ލިޔެފައިވާ ގޮތުގައި، ހާދިސާ ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ އެ ގޭގައި ބަހައްޓާފައި ހުރި ޖެނެރޭޓަރުން ކުރި ދުމުގެ އަސަރުންނެވެ.
ލީވާން ލިޔެފައިވާ ލިޔުމެއްގައިވާ ގޮތުގައި މިދިޔަ ދުވަސްތަކުގައި އިބްރާހީމް އުޅުނީ ބޯޓު ދަތުރުކުރާށެވެ. އެކަމުގައި އުޅެމުން ބައެއް ވިޔަފާރިތައް ވެސް އޭނާ ކުރިއެވެ. އެގޮތުން، ރާއްޖޭން ބޭރުގެ ގައުމުތަކުން ބެޑުޝީޓާއި ފޮތި ގެނެސްގެން ވިއްކިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ބޯޓު ދަތުރުކުރުމަށް ފަހު، އިބްރާހީމް ނިންމީ ރަށަށް ބަދަލުވާށެވެ. އުފަން ރަށް ހިތަދުއަށް ބަދަލުވީ، މީގެ ހަތަރު ވަރަކަށް މަސް ކުރިން ކަމަށް ލީވާން ލިޔެފައިވެއެވެ. އެއީ، ހިތަދޫ ޓޫރިޒަމް ޒޯނުން އޭނާއަށް ލިބުނު ގެ ހަދައި ނިންމާށެވެ.
އެ ގެ ފަރުމާކުރީ އިހުޒަމާނުގެ ގޮތަކަށެވެ. ދެ ކޮޓަރި ހުންނަ ގޮތަށް އެ ގެ ހެދީ ސެކިއުރިޓީ ވަރުގަދަކޮށް ކަމަށް ލީވާން ބުންޏެވެ. އެއީ، އައްޑޫގައި ހިނގާ ވައްކަމުގެ މައްސަލަތައް އިތުރުވުމުންނެވެ. އެ ގެއަށް ވަދެވޭނީ ހަމައެކަނި މައި ދޮރުންނެވެ.
ގޭގެ މަސައްކަތް ބަދަލުވެވޭ ވަރަށް ނިމުމާ އެކު، އިބްރާހީމް ބޭނުންވީ އަވަހަށް ގެއަށް ބަދަލުވާށެވެ. އެހެންވެ، ގެއަށް ކަރަންޓުލާން އެދި ފެނަކައަށް ފޯމު ހުށަހެޅިއެވެ. އެ ގެ ހުންނަ ސަރަހައްދަކީ މީހުން އުޅޭ ހިސާބަކަށް ނުވާތީ، ފެނަކައިން ކަރަންޓު ލައިދޭކަށް އަދި ނުފަށަފައެވެ. އެހެންވެ، އިބްރާހީމް ވިސްނީ އަމިއްލަ ޖަނަރޭޓަރަކުން ގެއަށް ކަރަންޓު ދޭށެވެ.
ލީވާން ލިޔެފައިވާ ގޮތުގައި އެ ގެއަށް ދެމަފިރިން ބަދަލުވީ ތިން ކިލޯގެ ޖަނަރޭޓަރެއް މާލެއިން ގެނެސްގެންނެވެ. އެ ޖަނަރޭޓަރު ބަހައްޓާފައި ހުރީ ގޭގެ އަނެއް ކޮޓަރީގައި ކަމަށްވެއެވެ.
އެ ދެމަފިރިން މަރުވެފައި އޮތްކަން އެނގުނީ ޚަބަރެއް ނުވެ ގިނައިރުވުމުން ގޮސް ބެލުމުންނެވެ.
އެ ދުވަހުގެ ހަވީރުގެ އެ ވަގުތު އެ މީހުންނަށް ވަދެވުނުއިރު ގެއަކު ކަރަންޓެއް ނެތެވެ. ކޮންމެ ވެސް ވަރަކަށް ދުމުގެ އަސަރު ހުރި ކަމަށް ލީވާން ބުނެފައިވެއެވެ. ދެމަފިރިންގެ އެންމެ ފުރަތަމަ ފެނުނު މީހުންނާ ހަވާލާދީ ލީވާން ލިޔެފައިވާ ގޮތުގައި، ހާދިސާ ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ ޖެނެރޭޓަރުން ކުރި ދުމުގެ އަސަރުންނެވެ.