10 Nov 2025, 15:56
އިނގެރޭސިވިލާތުގެ އެންމެ މަޝްހޫރު ފަތުރުވެރިކަމުގެ އެއް މަޖައްލާ ކަމަށްވާ ވޮންޑަލަސްޓްގެ ކިޔުންތެރިންގެ ވޯޓުން ހޮވާ 'ވޮންޑަލަސްޓް ރީޑާސް ޓްރެވަލް އެވޯޑު'ގައި ދުނިޔޭގެ އެންމެ މަގުބޫލު ޖަޒީރާ މަންޒިލްގެ ބްރޯންޒް އެވޯޑް ރާއްޖެއިން ހޯދައިފިއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ އިނގިރޭސިވިލާތުގެ ލަންޑަން ނެޝަނަލް ގެލަރީގައި ބޭއްވި އެ ހަފްލާގައި އެ އެވޯޑާ ހަވާލުވެވަޑައިގަތީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިޢުރީއެވެ.
މިއަހަރު ރާއްޖެއިން ވަނީ ވޮންޑަލަސްޓްގެ ދެ އެވޯޑަކަށް ނޮމިނޭޓްވެފައެވެ. ދުނިޔޭގެ އެންމެ މަގުބޫލު ގައުމު އަދި ދުނިޔޭގެ އެންމެ މަގުބޫލު ޖަޒީރާ މަންޒިލް ކެޓެގަރީއަށެވެ. މީގެ ތެރެއިން ރާއްޖެއަށް ކާމިޔާބު ކުރެވުނީ އެންމެ މަގުބޫލު ޖަޒީރާ މަންޒިލް ކެޓެގެރީގެ ބްރޯންޒް އެވޯޑެވެ.
ލަންޑަނުގައި ބޭއްވި 'ވޯލްޑް ޓްރެވަލް މާޓް 2025'ގެ ހަވާސާގައި ކުރިއަށްދިޔަ މި އެވޯޑު ހަފްލާގައި ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ މަގުބޫލު މަންޒިލްތަކަށް 22 ކެޓަގަރީއަކުން އެވޯޑު ދީފައިވާ ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ.
އޭގެ ތެރެއިން 4.8 މިލިއަން ވޯޓާއެކު މިއަހަރުގެ އެވޯޑުގައި ރާއްޖެ ހޯދި ކާމިޔާބީއަކީ ވިލާތާއި މުޅި ދުނިޔޭގައި ވެސް ރާއްޖެއަށް އޮތް މަގުބޫލުކަން ރަމްޒުކޮށްދޭ ހެއްކެއްގެ ގޮތުގައި ވިޒިޓް މޯލްޑިވްސްއިން ސިފަކޮށްފައިވެއެވެ.
"މި ޝަރަފަކީ އިނގިރޭސި ފަތުރުވެރިންގެ މެދުގައި ދިވެހިރާއްޖެއަށް ދެވިފައިވާ ޚާއްސަކަން ދެމިހުރިކަމުގެ ރަމްޒެއް. މިއީ ސީދާ ކިޔުންތެރިންނާއި ފަތުރުވެރިންގެ ވޯޓުން ހޮވޭ އެވޯޑެއްކަމުން ވިލާތުގައި އަދިވެސް ރާއްޖެއަށް އޮތް ލޯތްބާއި މަގުބޫލުކަން ވަރަށް ބޮޑަށް ވެސް ހާމަވެގެން ހިނގައްޖެ" ޝިއުރީ ވިދާޅުވިއެވެ.
މިހާރު 24 ވަނަ ބާބު ގުނަމުންދާ ވޮންޑަލަސްޓް ރީޑާ ޓްރެވަލް އެވޯޑަކީ ފަތުރުވެރިކަމުގެ މައިދާނުގައި ދުނިޔޭގައި ދެވޭ އެންމެ ގަދަރުވެރި އެވޯޑުތަކުގެ ތެރެއިން އެއް އެވޯޑުކަން ވިޒިޓް މޯލްޑިވްސް އިން ފާހަގަކޮށްފައިވެއެވެ. މިއަހަރުގެ އެވޯޑުގައި ރާއްޖެ ވާދަކުރީ ގަލަޕެގޮސް އައިލަންޑްސް، ބަހާމާސް، ޓެސްމޭނިއާ، ބާމިއުޑާ ފަދަ މަޝްހޫރު މަންޒިލްތަކާއެކު ކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ.
މީގެ ކުރިންވެސް ރާއްޖެއިން ވަނީ ވޮންޑަލަސްޓްގެ އެކި ކެޓަގަރީތަކުން އެވޯޑު ހޯދާފައެވެ. މިއަހަރު ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ)ގެ އިންޑިއަން އޯޝަން ކެޓަގަރީ 2025ގައި ވެސް ފާހަގަކޮށްލެވޭ ދެ ޝަރަފުވެރި އެވޯޑެއް ރާއްޖެއިން ވަނީ ހާސިލުކޮށްފައެވެ. އެއީ އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން 2025 އަދި އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން 2025އެވެ.
ނިމިދިޔަ ފަސް އަހަރު ވެސް ރާއްޖެއިން ވަނީ އިންޑިއަން އޯޝަންސް އަދި ދުނިޔޭގެ ފަތުރުވެރިކަމުގައި އެންމެ މަގުބޫލު މަންޒިލުގެ އެވޯޑް ހޯދާފައެވެ.