ވިލިމާލޭގައި އެޅި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރި މީހުންނަށް ފައިސާ ނުދީގެން، ތިން މިލިއަން ޑޮލަރު މަސް ދުވަހުގެ ތެރޭގައި ދައްކަން އެފްއޭއެމްގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން ހައިކޯޓުން ހުއްޓުވައިފިއެވެ.

މިއީ، ޓީކުއިންގ ކޮންސްޓްރަކްޝަން ކޯ ލިމިޓެޑް ކިޔާ ކުންފުޏަކަށް ފައިސާ ނުދީގެން އެ ކުންފުނިން ދައުވާ ކުރި މައްސަލައިގެ އިސްތިއުނާފެވެ. ކޮރެއާގެ މި ކުންފުނިން ކޯޓަށް ދިޔައީ ލުއި ގޮތްތަކެއް ހަދައިދިނުމުން ވެސް އެ ފައިސާ ނުދެއްކުމުންނެވެ.

މި މައްސަލައާ ގުޅިގެން ދަށު ކޯޓު މަރުހަލާގައި އެފްއޭއެމުން ދައުވާގެ ލިޔެކިޔުންތަކާ ހަވާލުވި ނަމަވެސް ޝަރީއަތަށް ހާޒިރުވެފައެއް ނުވެއެވެ. އެހެންކަމުން ކޯޓުން މައްސަލަ ނިންމާފައިވަނީ އެފްއޭއެމްގެ ޣައިރު ހާޒިރުގައެވެ.

މި މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ ޢަލީ ޢަބްދުﷲ ކުރެއްވި ހުކުމުގައި ވިދާޅުވީ އެއް މަސް ދުވަހުގެ ތެރޭގައި ތިން މިލިއަން ތިން ލައްކަ އަށްޑިހަ ދެ ހާސް އެމެރިކާ ޑޮލަރު ދައްކާށެވެ. އެކަމަކު އެ ފައިސާ ނުދައްކައި އެފްއޭއެމުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރީއެވެ. ހައިކޯޓުގައި އެމައްސަލަ އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އަމުރަކުން މިއަދު ވަނީ އެ ފައިސާ ދެއްކުން މަޑު ކުރުމަށް އަމުރުކޮށްފައެވެ.

ބޮއްސުންލައި، އިނދަޖެހިފައިވާ އެފްއޭއެމްގެ މައްޗަށް އެތައް ހުކުމެއް އިއްވާފައި އެބަހުއްޓެވެ. އަދި އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވީ މައްސަލައިގައި ދެ ކުށެއް ސާބިތުވެ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަލީ ޖަލީލް, މިހާރުވަނީ ޖަލަށްލާފައެވެ. އޭނާގެ މައްޗަށް ޖުމުލަ ނުވަ އަހަރުގެ ޖަލު ހުކުމް ވަނީ އިއްވައިފައެވެ. އެއީ ހިޔާނާތުގެ މައްސަލައަކާ ގުޅިގެން ހަތަރު އަހަރު އަދި މަނީ ލޯންޑްރިންގެ މައްސަލައެއްގައި ފަސް އަހަރަށެވެ.