10 Nov 2025, 15:01
އެއާޕޯޓުން ވަގަށްނެގި ޑޮލަރު މައްސަލައިގައި އިތުރު ތިން މީހުން ހައްޔަރުކޮށް، ހަތަރު މީހުންނަށް ރަށުން ބޭރަށް ފުރުން މަނާކޮށްފިއެވެ.
ފުލުހުން ބުނީ އޮކްޓޫބަރު 27 ވަނަ ދުވަހުގެ ފަތިހު އެއާޕޯޓުގައި ހިންގި ފޭރުމުގެ މައްސަލައިގެ ތުހުމަތުގައި އިތުރު ތިން މީހަކު ވަނީ ހައްޔަރުކުރި ކަމަށެވެ. އެހެންކަމުން މައްސަލައިގެ ތަހުގީގުގައި މިހާތަނަށް ހައްޔަރު ކުރި މީހުންގެ ޖުމްލަ އަދަދަކީ ހަތެއް ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފަހުން ހައްޔަރުކޮށްފައިވަނީ ގއ.ވިލިނގިލި /ބިނާ ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު (27އ) އާއި ތ.ވިލުފުށި/ އެހީވާގެ ، އަޙްމަދު މާޙިދު (44އ) އާއި ސ.ހިތަދޫ / ވަށަގުލިމާގެ ، ޢަލީ އަފްޒަލް (21އ) ކަމަށެވެ.
ފުލުހުން ބުނިގޮތުގައި ޢަބްދުލްއައްވަލް ހައްޔަރުކޮށްފައިވަނީ ފާއިތުވި ހަފްތާގެ އާދީއްތަ ދުވަހުއެވެ. މާޙިދު ހައްޔަރުކޮށްފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުގައި ކަމަށް ފުލުހުން ބުންޏެވެ. އަދި ޢަލީ އަފްޒަލް ހައްޔަރު ކޮށްފައިވަނީ ބުދަ ދުވަހުގައި ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައިގައި މިހާތަނަށް ހަތަރު މީހަކު ފުރުން މަނާކޮށްފައިވާ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފަސް އުޅަނދެއް ބަލާފާސްކޮށް، މާލެ އާއި އިތުރު ރަށްތައް ހިމެނޭހެން ޖުމްލަ 20 ތަނެއް މިހާތަނަށް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދިނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު, ހިންގި މި ވައްކަމާ ގުޅިގެން ގިނަ ބަޔަކަށް ހައިރާންކަން ލިބުނުއިރު, ފުލުހުން ވަނީ މި މައްސަލައިގައި ހަތަރު މީހަކު ހައްޔަރު ކުރިކަމަށް ކުރިން ބުނެފައެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންނަކީ:
* ލ. މާވަށް، ރޭޝަމް، މާޒިން މޫސާ (25އ)
* މާލެ، މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް (20އ)
* ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް (24އ)
* ކ.ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދު (30އ)
ޓެކްސީއެއްގައި ބަޔަކު އެއާޕޯޓަށް ގޮސް ޑޮލަރު ހުރި ސޫޓުކޭސްތައް ފޭރިގަނެގެން ފިލާފައިވަނީ ލޯންޗެއްގައެވެ. އެ ލޯންޗު ފާއިތުވި ހަފްތާގައި އަތުލައިގަތްކަން ހޯމްލޭންޑް މިނިސްޓަރު ޢަލީ އިހުސާން ނަމަވެސް ގެއްލުނު ފައިސާއަށްވީ ގޮތް އަދިވެސް ފުލުހުން ހާމަކޮށްފައި ނުވެއެވެ.
ގެއްލުނީ ސީދާ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ވެސް ފުލުހުން ނުބުނެއެވެ.
އެކަމަކު، އިތުބާރު ހުރި މަސްދަރަކުން 'ސަން'އަށް ބުނި ގޮތުގައި އެ މީހުން ވަގަށް ނެގި ކަމަށް ބުނާ ސޫޓް ކޭހުގައި ލައްކައެއްހާ ޑޮލަރު ހުންނާނެއެވެ. އެއީ، ފުރާ މީހުންނަށް ފައިސާ މާރުކުރާ ކައުންޓަރަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ގެންދިޔަ ފައިސާކަން ވަނީ އެނގިފައެވެ. އަދި، ޑޮލަރުގެ އިތުރުން ވެސް ޔޫރޯއާއި އެ ނޫން ވެސް ފައިސާ ހުންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ.