10 Nov 2025, 16:01
ވޮޝިންޓަން (10 ނޮވެންބަރު 2025) : އެޑްވާންސްޑް ޗިޕް އާއި ސެމީ ކޮންޑަކްޓާސް ފަދަ ހައިޓެކް އުފެއްދުންތަކުގައި ވަރަށް ބާރު ސްޕީޑެއްގައި ޗައިނާ ފަހަތުން އައިސް އެމެރިކާއާ ފައިހަމަކުރަމުން ގެންދާކަމަށް ރީސާޗް ފާމް އެއްކަމަށްވާ އަލްޕިން މާކޯ އިން ބުނެފިއެވެ.
ކެނެޑާގައި މަރުކަޒު ހުންނަ ގްލޯބަލް އިންވެސްޓްމަންޓް ފާމް "އަލްޕިން މާކޯ" އިން ބުނީ އެޑްވާންސްޑް ޗިޕް އާއި ސެމީ ކޮންޑަކްޓާސް ފަދަ ހައިޓެކް އުފެއްދުންތަކުގައި ދިގުމުއްދަތަކަށް އޮތް އެމެރިކާގެ މޮނޮޕޮލީ މިހާރު ގެއްލެން ފަށާފައިވާ ކަމުގައެވެ.
"އަލްޕިން މާކޯ" އާ ހަވާލާދީ އިންވެސްޓިން ޑޮޓްކޮމް ސައިޓް ބުނާގޮތުން އެޑްވާންސްޑް ޗިޕް އާއި ސެމީ ކޮންޑަކްޓާސް ފަދަ ހައިޓެކް އުފެއްދުންތައް ޑިޒައިން ކުރުމުގައި ޗައިނާ މިހާރުވެސްވަނީ އެމެރިކާ އެއްވަރުކޮށްފައެވެ. ނަމަވެސް މައިކްރޯ- ފޯޓޯނިކް ޕްރިންޓިން ފަދަ ކަންކަމުގައި ޗައިނާ އަދި އުޅެނީ ތަންކޮޅެއް ދަށުގައެވެ. މިއާއެކުވެސް އެޑްވާންސްޑް ޗިޕް އާއި ސެމީ ކޮންޑަކްޓާސް އުފައްދާ މިންވަރަށް ބަލާއިރު ޗައިނާ އުޅެނީ އެމެރިކާއަށް ވުރެކުރީގައެވެ.
"އަލްޕިން މާކޯ" ބުނާގޮތުން މީގެ ހަތަރު ވަރަކަށް އަހަރުކުރިއަށް ބަލާއިރު ޗައިނާ އުޅެނީ އެޑްވާންސްޑް ޗިޕް އާއި ސެމީ ކޮންޑަކްޓާސް ފަދަ ހައިޓެކް އުފެއްދުންތަކުގެ ޓެކްނޮލޮޖީގައި އެމެރިކާއަށް ވުރެ ބޮޑުތަން ފަހަތުގައެވެ. ނަމަވެސް ފާއިތުވި ހަތަރު ވަރަކަށް އަހަރު ތެރޭގައި ޗައިނާ ވަނީ މި ބާވަތުގެ ހައިޓެކް އުފެއްދުންތަކުގެ ސިނާއަތް ތަރައްގީ ކުރުމުގައި އެމެރިކާ ކަންބޮޑުވާފަދަ އަވަސް ކުރިއެރުންތަކެއް ހޯދާފައެވެ.

ސެމިކޮންޑަކްޓަރު
ޗައިނާ މިދާއިރާގައި ކުރިޔަށް ގޮސްފާނެތީ އެމެރިކާވަނީ އެޑްވާންސްޑް ޗިޕް އާއި ސެމީ ކޮންޑަކްޓާސް ފަދަ ހައިޓެކް އުފެއްދުން ތައް އުފައްދާ އާލާތްތައް ނުވަތަ މެޝިނަރީ ޗައިނާއަށް ވިއްކުން މަނާކޮށްފައެވެ. ވިއްކިއަސް ވިއްކަނީ މިބާވަތުގެ އާދައިގެ ތަކެތި އުފައްދާ އެޑްވާންސް ނޫން މެޝިންތަކެކެވެ.
"އަލްޕިން މާކޯ" ބުނާގޮތުން ޗައިނާ ވަނީ އެމެރިކާގެ މި ފިއްތުންތަކުން ސަލާމަތް ވުމަށް ފާއިތުވި ހަތަރު ވަރަކަށް އަހަރުތެރޭގައި ގިނަ މަސައްކަތްތަކެއްކޮށް މިދާއިރާ ތަރައްގީ ކުރުމަށް ހިންގާ ރީސާޗް މަސައްކަތްތަކަށާއި ހައިޓެކް އުފެއްދުންތައް އުފެއްދަން ބޭނުންކުރާ ޒަމާނީ މެޝިންތައް އީޖާދުކުރުމަށް އެތަށް ބިލިޔަން ޑޮލަރެއް އިންވެސްޓްކޮށްފައެވެ.
ނަތީޖާއަކީ ހައިޓެކް އުފެއްދުންތަކުގައި ވަރަށް ބާރު މިނެއްގައި ޗައިނާ ކުރިޔަށް ދިޔުމެވެ. އެމެރިކާއަށް ވުރެ ގިނައިން މިތަކެތި އުފައްދަން ފެށުމެވެ. އަދި މިތަކެތި އުފައްދާ މެޝިންތައްވެސް އެމެރިކާއިން ގަތުމުގެ ބަދަލުގައި އަމިއްލައަށް އުފައްދަން ފެށުމާއި އޭއައި ގެ ދާއިރާ އިތުރަށް ތަރައްގީ ކުރުމެވެ.
އެމެރިކާގެ އޭއައި ކޮންޕިއުޓިންގެ ލީޑިންގް ކުންފުނި ކަމަށްވާ "އެންވީޑީއާ" ގެ ސީއީއޯ ޖެންސިން ހުވާންގް ދެކެވަޑައިގަންނަވާ ގޮތުގައި ކައިރި މުސްތަގްބަލެއްގައި އޭއައި ގެ ރޭހުގައި އެމެރިކާގެ މައްޗަށް ޗައިނާ ކުރި ހޯދާނެއެވެ. އަދި އޭއައިގެ ދާއިރާގައި ދުނިޔޭގެ ލީޑިންގް ގައުމަކީ އެމެރިކާގެ ބަދަލުގައި ޗައިނާ ކަމުގައި ވެގެންދާނެއެވެ.
އެމެރިކާއާއި ޔޫރަޕް މޮނޮޕޮލީ ކޮށްގެންއުޅޭ މަދަނީ މަތިންދާ ބޯޓު އުފެއްދުމުގެ ދާއިރާއަށްވެސް ވަރަށް ގަދަކޮށް ޗައިނާ މިހާރުވަނީ ވަދެފައެވެ. ޗައިނާ ވަނީ ސީ ވަން ނައިން ވަން ގެ ނަމުގައި ފަސިންޖަރު މަތިންދާބޯޓު 2017 ވަނައަހަރު އުފައްދައި 2021 ވަނަ އަހަރު ޚިދުމަތަށް ނެރެފައެވެ. ޗައިނާ އުފެއްދި ނެރޯ ބޮޑީ މި ބޯޓުގެ އިންޖީނުގެ 80 އިންސައްތައަކީ އެމެރިކާއާއި ޔޫރަޕްގެ ކުންފުނިތަކުގެ އުފެއްދުންތަކެވެ.
ނަމަވެސް މިދިޔަ އަހަރު ޗައިނާ ވަނީ ސީ 192 ގެ ނަމުގައި ވައިޑް ބޮޑީ މަތިންދާ ބޯޓު އުފައްދައި އެބޯޓުގެ ތަޖުރިބާ ދަތުރުތައް ކުރަން ފަށާފައެވެ. 2027 ގައި މި ވައިޑް ބޮޑީ މަތިންދާބޯޓު ޚިދުމަތަށް ނެރޭނެއެވެ. ވައިޑް ބޮޑީ މި މަތިންދާ ބޯޓުގެ އިންޖީނުގެ 90 އިން ސައްތައަކީ ޗައިނާގެ އުފެއްދުންތަކެވެ. އެ ބޯޓުގެ އެހެން ބައިތަކުގެވެސް 85 އިންސައްތައަކީ ޗައިނާގެ އަމިއްލަ އުފެއްދުންތަކެވެ.
މިއާއެކު 2027 ގައި ވަރަށް ބާރު ސްޕީޑްގައި (ބޮއިންގް އާއި އެއާބަސް އިން ބޯޓު އުފައްދާ ސްޕީޑްގައި) ޗައިނާއިން އެކި ސައިޒްގެ މަދަނީ މަތިންދާބޯޓުތައް އުފައްދަން ފަށާނެއެވެ.