އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގެ މައިގަނޑު އަސާސަކީ ދައުލަތުން ދައްކަން ހުރި ދަރަނިތައް ދެއްކުމަށް މަގުފަހިކުރުން ކަމަށް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީީގައި އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ ގުޅޭގޮތުން މެންބަރުންނާ މައުލޫމާތު ހިއްސާކުރައްވައި ޒަމީރު ވިދާޅުވީ، ބަޖެޓުގެ މައިގަނޑު އެއް އަސާސަކީ ދަރަނި ދެއްކުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން، ހުއްޓުމެއް ނެތި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް މަގުފަހިކުރުން ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ މިފަހަރުގެ ބަޖެޓުގެ މައިގަނޑު އެއް އަސާސަކީ މި އަންނަ އަހަރު ދައްކަންޖެހޭ ބޭރުގެ ދަރަނި އަދާކުރުމަށް މަގުފަހިކުރުން، އެކަމަކު ބަޖެޓު ބައްލަވާލައްވައިފިއްޔާ އެނގިވަޑައިގަންނަވާނެ އެ ދަރަނި ފިޔަވައި ދެން އަޅުގަނޑުމެން ބަޖެޓުގައި މިހާރު ރާއްޖޭގަ ލިބޭ އާމްދަނީއަށް ބަލައިގެން ޚަރަދުތައް ސްޓްރީމްލައިންކޮށްފަ ހުންނާނެ،"

އެހެންކަމުން މި އަހަރުގެ ބަޖެޓުގައިވެސް ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާއާއި ރައްޔިތުންނާ ގުޅޭ އެކި ދާއިރާތަކަށް ޚާއްސަ އަހަންމިއްޔަތު ކަމެއް ބަޖެޓުގައި ދީފައިވާނެ ކަމަށް ވިދާޅުވެ، ބޭރު ގައުމުތަކުގައި ސަރުކާރުގެ ލޯނާއި ސްކޮލާޝިޕްތަކުގެ ދަށުން ކިޔަވަން ތިބި ދަރިވަރުންނަށް މަހުން މަހަށް ފައިސާ ދެވޭނެ ގޮތްތައް ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

"މި އަންނަ އަހަރަށް އެންމެ ބޮޑު ޗެލެންޖެއްގެ ގޮތުގައި އޮތް އެއްފަހަރާ 600 މިލިއަން ޔޫއެސް ޑޮލަރުގެ މައްސަލަ، މިއަށް ތައްޔާރުވުމުގެ ގޮތުން ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ވަރަށް ގިނަ ދަތުރުތައް ކުރައްވައިގެން ރާއްޖޭގެ ޒަމާނީ ދަރަންޏަށް އޮތީ ލުއެއް ހޯދައިދެއްވާފަ،"

އެގޮތުން އެންމެ ގިނައިން ދަރަނި ދައްކަން ހުރި ގައުމުތަކުގެ ދަރަނި ދިގު މުއްދަތަކަށް ބަހާލުމާއި ބައެއް މަޝްރޫއުތައް ނުނިމުނު ކަމުގައިވިޔަސް މަޝްރޫއުގެ މުއްދަތަށްވާ ފައިސާ ދައްކަން ނުޖެހޭ ގޮތަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެކި ދަތުރުފުޅުތަކުގައި ދަރަންޏާއި ފައިސާ ދެއްކުމުގެ މަރުހަލާއަށް ލުއެއް ގެނެސްދެވިފައިވާ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

ޒަމީރުގެ ވާހަކަ ނިމުމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވި ގޮތުގައި އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު ރާއްޖޭގެ ދަރަނީގެ އަދަދު މައްޗަކަށް ދެން ނުދާނެއެވެ. ނަމަވެސް ޚާއްސަ ބަޖެޓުގައި ހިމެނޭ 27 ބިލިއަން ރުފިޔާއަކީ ދަރަންޏާއި ސަބްސިޑީއަށް ޚާއްސަ އަދަދެއް ކަމަށާއި ބަޖެޓު ފޮތުގައި އެ އަދަދު ހުންނާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ތަފްސީލެއް ނުދެއްވިއެވެ.

ޒަމީރު މިފަދައިން ވިދާޅުވިނަމަވެސް، އަންނަ އަހަރުގެ ބަޖެޓު މިހާރު އޮތް ގޮތުން ދަރަނި ވާނީ އިތުރުކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައިވެއެވެ. މިމަހުގެ ހަވަނަ ދުވަހު އެމްޑީޕީގެ އިގްތިސޯދީ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ، އިމްޕޯޓް ޑިއުޓީ އަންދާޒާކުރި ވަރަށްވުރެ އިތުރުނުވާ ކަމަށާއި، ޓެކްސް ބޮޑު ކުރި ނަމަވެސް އާމްދަނީ ބަޖެޓު ކުރި މިންވަރަށް ނުލިބޭ ކަމަށެވެ.

އަދި އަންނަ އަހަރު ހުށަހަޅަނީ ޑެފިސިޓް ބަޖެޓެއް ކަމަށާއި މި ބަޖެޓަށް ވަރަށް ބޮޑު ފައިނޭންސެއް ހޯދަން ސަރުކާރަށް މަޖުބޫރުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޒަމީރު މީގެ ކުރިން ވިދާޅުވިގޮތުގައި އެމްޑީޕީގެ ވެރިކަން ނިމުނު ⁠2023 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވް ހުރީ 591 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ދަށަށް ގޮސްފައެވެ. އަދި ޔޫޒަބަލް ރިޒާވް 100 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ވަނީ ދަށްވެފައެވެ.

މި ހިނގާ އަހަރުގެ ފުރަތަމަ 40 ހަފުތާގައި ވިދިވިދިގެން ސާޕްލަސްގައި ސަރުކާރު ހިންގާފައިވާ ކަމަށާއި ދައުލަތުގެ ރަސްމީ ރިޒާވްގައި 860 މިލިއަން އެމެރިކާ ޑޮލަރު މިހާރު އެބަހުރި ކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި ޔޫޒަބަލް ރިޒާވްގެ ގޮތުގައި 200 މިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށް އަންދާޒާކުރެވޭ ކަމަށް ވިދާޅުވިއެވެ.

އަންނަ އަހަރަކީ ނިމިދިޔަ ސަރުކާރުތަކުން ދައުލަތަށް އާމްދަނީ ލިބޭ މިންގަނޑާ އިދިކޮޅަށް، އަނބުރާ އެކީ އެއްފަހަރާ ދައްކާ ގޮތަށް ނަގާފައިވާ ޖުމުލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމުގެ ޒިންމާ ދިވެހި ސަރުކާރުގެ މައްޗަށް އުފައްދާފައިވާ އަހަރެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ފައިނޭންސްކުރުމަށް 8.8 ބިލިއަން ރުފިޔާ ބޭނުންވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ބަޖެޓު ހުށަހަޅުއްވަމުން މި ބަޖެޓަކީ ރާއްޖެ ދަރަނިން ސަލާމަތްކުރާނެ ބަޖެޓެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.