ސޯލް (އޮގަސްޓް 21): އެމެރިކާއާއި ދެކުނު ކޮރެޔާގެ ސިފައިން ގުޅިގެން ކޮންމެ އަހަރަކު ކުރިޔަށްގެންދާ އަހަރީ ޢަސްކަރީ ތަމްރީންތައް އިއްޔެ ފެށުމާ އެކު އެއީ އުތުރުކޮރެޔާއާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ތަމްރީންތަކެއް ކަމަށް ސިފަކޮށް އުތުރުކޮރެޔާއިން އެކަން ކުށްވެރިކޮށްފި އެވެ.

އުތުރުކޮރެޔާގެ ޒަޢީމް ކޮމް ޖޮންގް އުން އާ ޙަވާލާދީ އެޤައުމުގެ ސެންޓްރަލް ނޫސް އެޖެންސީ ބުނީ އެމެރިކާއާއި ދެކުނު ކޮރެޔާގެ ޢަސްކަރީ ތަމްރީންތަކުގެ އެންމެ އުންޑައެއް ވެސް އުުތުރުކޮރެޔާގެ ބިމަށް ވާސިލްވެއްޖެ ނަމަ ދެކޮރެޔާ އެއްކޮށްލުމުގެ "މުޤައްދަސް" ވަތަނީ ހަނގުރާމައަކަށް މިކަންތައް ބަދަލުކޮށްލާނެ ކަމުގަ އެވެ. އަދި އެމެރިކާއާއި ދެކުނު ކޮރެޔާ ސިފައިން ފަށާފައިވާ ޢަސްކަރީ ތަމްރީންތައް ހިނގާ ސަރަޙައްދެއް ކަމަށްވާ ރީނދޫ ކަނޑުގެ ސަރަޙައްދު، ބޭރުގެ އިސްތިޢްމާރީ ބާރުތަކުގެ "ގަބްރުސްތާނަކަށް" ހަދާނެކަމުގެ އިންޒާރު ވެސް އުތުރުކޮރެޔާގެ ޒަޢީމް ދެއްވާފައިވެ އެވެ. މިއީ ދެކުނު ކޮރެޔާގެ ބައިވެރިޔާ އެމެރިކާއާ ދެކޮޅު ޕްރޮޕަގެންޑާތަކުގައި އުުތުރުކޮރެޔާ ޢާންމު ގޮތެއްގައި ބޭނުންކުރާ ޢިބާރާތެކެވެ.
އެމެރިކާއާއި ދެކުނު ކޮރެޔާގެ ސިފައިން ގުޅިގެން މިއަހަރު ފެށި އަހަރީ ޢަސްކަރީ ތަމްރީންތަކުގައި ދެކުނު ކޮރެޔާގެ 56 ހާސް ސިފައިންނާއި އެމެރިކާގެ 30 ހާސް ސިފައިން ބައިވެރިވާ ކަމަށް ދެޤައުމުގެ ގުޅިފައިވާ ޢަސްކަރީ ކޮމާންޑުން ބުނެ އެވެ. އިއްޔެ އިން ފެށިގެން މިމަހުގެ 31 ގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިތަމްރީން ތަކުގައި އެއްގަމާއި ކަނޑާއި ވައިގެ ތަމްރީންތައް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ޚަބަރު ލިބެ އެވެ.

މި 30 ހާސް ސިފައިންގެ ތެރެއިން 28 ހާސް އެމެރިކާ ސިފައިންނަކީ 1950ގެ އަހަރުތަކުގައި ނިމުނު ކޮރެޔާ ހަނގުރާމައަށް ފަހު ދާއިމީ ގޮތަކަށް ދެކުނު ކޮރެޔާގައި ރުކުރުވާލާފައިވާ އެމެރިކާ ސިފައިންގެ ތެރޭގައި ހިމެނޭ މީހުންނެވެ. ދެކޮރެޔާގެ ދެމެދުގައިވާ ނުތަނަވަސްކަމާއި ދެކޮޅު ވެރިކަމުގެ އެއް ސަބަބަކީ ދެކުނު ކޮރެޔާގައި ދާއިމީ ގޮތަކަށް ރުކުރުވާލާފައިވާ އެމެރިކާ ޢަސްކަރީ ލަޝްކަރުތަކެވެ.

މިތަމްރީންތަކުގައި ބައިވެރިވާ އެމެރިކާ ސިފައިންގެ ކޮމާންޑަރު ޖެނެރަލް ތޯމަސް ޓޯމެން ވިދާޅުވިގޮތުގައި މިއީ "ޢަސްކަރީ ކަންކަމުގައި ކަންކަން ނިންމުމުގެ ކުޅަދާނަކަން ސިފައިންގެ ކޮމާންޑަރުންނަށާއި ސިޔާސީ ލީޑަރުންނަށް އިތުރު ކުރުމުގެ މަޤްސަދްގައި ކުރިޔަށްގެންދާ ތަމްރީން ތަކެއް" ކަމުގައެވެ. އަދި މިއީ ދެކުނު ކޮރެޔާގެ ދިފާޢީ ޤާބިލްކަން އިތުރުކުރުމަށް ކުރެވޭ ވަރަށް މުހިއްމު ތަމްރީންތަކެއް ކަމަށްވެސް ޖެނެރަލް ތޯމަސް ސިފަކުރެއްވިއެވެ. އުތުރުކޮރެޔާ ބުނާގޮތުން މިއީ ދިފާޢީ ތަމްރީންތަކެކެވެ. މިތަމްރީންތަކުގައި އަވައްޓެރި އުތުރު ކޮރެޔާއަށް ބިރުދެއްކުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ދެކުނު ކޮރެޔާގެ ދިފާޢީ ވުޒާރާއިން ބުނެއެވެ.(ނޫސްއެޖެންސީތައް)