މާލެ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓަށް ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ދެ ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވާކަން މިއަދު ހާމަކުރައްވައިފިއެވެ.

އަލީ އާޒިމްގެ އިތުރުން މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް ކެމްޕެއިން ފައްޓަވައިފައެވެ. އާދަމް އާޒިމް އުޅުއްވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ވަރަށް ގާތްކޮށެވެ.

އަނެއްކާ ވެސް އެމްޑީޕީގެ ޓިކެޓަށް ދެ ބޭފުޅުން ވާދަ ކުރައްވައި ވާދަވެރިކަން އިތުރުވާ ގޮތް މި ވަނީ ވެފައެވެ.

ސޯޝަލް މީޑިއާގައި ނަޝީދު މިއަދު ވަނީ އެމަނިކުފާނުގެ އަރިސް ބޭފުޅެއް ކަމަށްވާ އަލީ އާޒިމަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފައެވެ.

ޒަމާނުންސުރެ އެމްޑީޕީގައި "ރަސްކަން" ކުރައްވަމުން ގެންދެވި, ނަޝީދުގެ ބާރު އެމްޑީޕީގެ ތެރެއިން ގެއްލިގެން ދިޔައީ ޞާލިޙްގެ ވެރިކަމުގައި ދެ ބޭފުޅުންގެ ގުޅުން ގޯސްވި ހިސާބުންނެވެ. އެ ގުޅުން އަދިވެސް އެންމެ ރަނގަޅަށް ބަދަހިވި މަންޒަރެއް ނުފެނެއެވެ.

ޞާލިހުގެ ވެރިކަމުގައި އެމްޑީޕީ ދެބައިވެ ނަޝީދު އިސްވެ ހުންނަވައި ވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއްވެސް އުފައްދަވައިފައެވެ. އެ ޕާޓީން ރިޔާސީ ކެންޑިޑޭޓަކަށް އިލްޔާސް ލަބީބް ނެރުއްވިއިރު އެއީ ޞާލިޙަށް ލިބޭ ވޯޓް މަދު ކުރަން, އަދި ޞާލިޙް ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބު ކުރެއްވިޔަ ނުދޭން ނަޝީދު ކުރެއްވި ކަމެއްގެ ގޮތުގައި އޭރު ވާހަކަ ދެކެވުނެވެ.

ފަހުން ބޭއްވި އިންތިޚާބުތަކުގައި ލިބުނު ދަށް ނަތީޖާތަކަށް ފަހު ޑިމޮކްރެޓްސް އުވާލައި އެ ޕާޓީގައި ތިއްބެވި ބޭފުޅުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. އޭގެ ތެރޭގައި ނަޝީދާއި އަލީ އާޒިމް ވެސް ހިމެނިވަޑައިގަންނަވައެވެ.

ދެން އޮންނަ ރިޔާސީ އިންތިޚާބުގައި ވެސް ޞާލިޙް ވާދަ ކުރައްވާނެ ކަމުގެ އަޑުތައް ގަދައިރު, އެކަން ވިޔަ ނުދޭން ނަޝީދު ވަރަށް މަސައްކަތް ކުރައްވާކަމުގެ އަޑުތައް ވެސް ގަދައެވެ.