10 Nov 2025, 13:18
ރާއްޖެއަށް ފޭކު މުދާ އެތެރެކުރުން ހުއްޓުވައި ޖޫރިމަނާ ކުރެވޭ 'ޓްރޭޑްމާކްގެ' ބިލު ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.
މިއަދު މަޖިލީހުގެ ޖަލްސާގައި މި ބިލު ފާސްކުރީ، ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުންނެވެ. އެއްވެސް މެންބަރަކު މި ބިލާ ދެކޮޅަށް ވޯޓު ދީފައެއް ނުވެއެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ޒާހިރު ހުށަހެޅުއްވި ބިލެކެވެ.
'ޓްރޭޑްމާކް'އަކީ އެއް ފަރާތުގެ މުދާ ނުވަތަ ޚިދުމަތްތައް އަނެއް ފަރާތުގެ މުދަލާއި ޚިދުމަތްތަކާ ތަފާތުކުރާ ނިޝާނެވެ. އެގޮތުން، އަމިއްލަ ނަން، ނުވަތަ އަކުރު، ނުވަތަ ނަންބަރު، ނުވަތަ ފިގަރެޓިވް އެލެމެންޓްތަކާއި ކުލަތަކުގެ ތަފާތު އެތުރުންތަކާއި އެފަދަ ނިޝާންތަކުގެ ތަފާތު އެތުރުން ހިމެނެއެވެ.
ޓްރޭޑްމާކްގެ އެކްސްކްލޫސިވް ހައްގު ލިބޭނީ ގާނޫނުގައިވާ ގޮތުގެ މަތީން އެ މާކް ރަޖިސްޓްރީކުރުމުންނެވެ. ބިލުގައިވާ ގޮތުން ރާއްޖޭގައި ޓްރޭޑްމާކެއް ރަޖިސްޓްރީކޮށްދޭނީ 10 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި، މި މުއްދަތު ހަމަވުމުން އިތުރު 10 އަހަރަށް އިތުރުކުރުމުގެ ފުރުސަތު އޮންނާނެއެވެ.
ބިލުގެ ހަވަނަ ބާބުގައި ޓްރޭޑްމާކާ ގުޅޭ ހައްގަކަށް އަރައިގަތުމުގެ އަމަލުތަކާއި ތަންފީޒީ ފިޔަވަޅުތައް ވަނީ ތަފުސީލުކޮށްދީފައެވެ. އެގޮތުން ވެރިފަރާތުގެ ހުއްދަނެތި ގަސްތުގައި ކުރުން މަނާކަންކަން:
މާކެއް ކައުންޓަފީޓްކުރުން
- މުދަލެއްގައި ކައުންޓަފީޓް މާކެއް ބޭނުންކުރުން ނުވަތަ ޚިދުމަތަކާ ގުޅުވައިގެން އެފަދަ މާކެއް ބޭނުންކުރުން
- މާކެއް ކައުންޓަފީޓްކުރުމަށް ބޭނުންކުރާ ތަކެތީގެ ބޭނުމަކީ މުދަލުގައި
- ކައުންޓަފީޓްކުރި މާކް ޖަހާފައިވާ ކަމަށް ބެލެވޭ ފަދަ ތަކެތި ގެންގުޅުން
- ކައުންޓަފީޓްކޮށްފައިވާ މުދާ ރާއްޖެއަށް އިމްޕޯޓުކޮށް ނުވަތަ އެކްސްޕޯޓުކުރަން އުޅުން
- ކައުންޓަފީޓްކޮށްފައިވާ މުދަލުން ވިޔަފާރިކުރުން
ބިލުގައި ބަޔާންކޮށްފައިވާ ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 100،000 ރުފިޔާއާއި، ދެ މިިލިއަން ރުފިޔާއާ ދެމެދުގެ އަދަކަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.
ހަމައެއާއެކު ޓްރޭޑްމާކުގެ ހައްގަށް އަރައިގަތުމުގެ އަމަލެއް ހުއްޓުވުމަށް ނުވަތަ އެފަދަ މައްސަލައަކާ ގުޅުންހުރި ހެކި ރައްކާތެރިކުރުމަށް ވަގުތީ އަމުރު ނެރުމުގެ ބާރު ވެސް ކޯޓަށް ލިބިގެންވެއެވެ.