10 Nov 2025, 13:08
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ 43ވަނަ އަހަރީ ދުވަހާ ގުޅުވައި އެ ބޭންކުގެ ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ތައާރަފުކޮށްފިއެވެ.
ބީއެމްއެލުން ނެރުނު ބަޔާނެއްގައި ބުނީ އާ ފައިނޭންސިން ފެސިލިޓީއެއް ތައާރަފުކޮށް، ބީއެމްއެލް ކާޑު މެޝިންތަކުގައި ބޭނުންކުރާ ހުރިހާ ބީއެމްއެލް ޑެބިޓް ކާޑުތަކުން ނަގާ މާޗަންޓް ޑިސްކައުންޓް ރޭޓް (އެމްޑީއާރު) އެއް އިންސައްތައަށް ކުޑަކޮށްފައިވާ ކަމަށެވެ.
ބީއެމްއެލް އިން ބުނީ މިއީ ބޭންކުގެ 43 ވަނަ އަހަރީ ދުވަހާ ދިމާކޮށް ގެނެވުނު ހެޔޮ ބަދަލުތަކުގެ ތެރެއިން އެއް ބަދަލު ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި، މާލީ ގޮތުން ވީހާ ވެސް ގިނަ ބަޔަކު ބާރުވެރިކުރުމަށް ބީއެމްއެލްއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރަމުންދާ މަސައްކަތަށް އިތުރުވި ބޮޅެއްގެ ގޮތުގައި ބޭންކުން ވަނީ ސިފަކޮށްފައެވެ.
ބީއެމްއެލް އިން ބުނީ މާޗަންޓް ޑިސްކައުންޓް ރޭޓަކީ، ބީއެމްއެލްގެ ކާޑު މެޝިންތަކުގައި ކާޑު މެދުވެރިކޮށް ފައިސާ ބަލައިގަތުމަށް ޓަކައި ބޭންކުން ވިޔަފާރިވެރިންގެ އަތުން ނަގާ ކޮމިޝަނެއް ކަމަށެވެ. ބީއެމްއެލް އިން ޑެބިޓް ކާޑުގެ ޚިދުމަތް 2000 ވަނަ އަހަރު ތައާރަފުކުރި ފަހުން މިހާތަނަށް ވެސް މި ރޭޓް ދެމެހެއްޓިފައި އޮތީ 2.5 އިންސައްތައިގެ ސްޓޭންޑަޑް ރޭޓެއްގައި ކަމަށް ބުންޏެވެ. އެހެންކަމުން މިއީ މި ރޭޓު ކުޑަކުރި ފުރަތަމަ ފަހަރު ކަމަށް ބޭންކުން ބުންޏެވެ.
މީގެ ސަބަބުން ބީއެމްއެލްގެ ޕޭމަންޓް ޚިދުމަތްތައް ބޭނުންކުރާ 7,000 އަށް ވުރެ ގިނަ ވިޔަފާރިވެރިންނަށް ސީދާ ފައިދާކުރާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ބުނީ އެމްޑީއާރު ކުޑަކުރުމުގެ އިތުރުން، ބީއެމްއެލް އިން ވަނީ ބޭންކުގެ ވިޔަފާރި ކަސްޓަމަރުންނަށް މާލީ ގޮތުން އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް އާ އެޑްވާންސް މާޗަންޓް ސެޓްލްމަންޓް ފެސިލިޓީއެއް ތައާރަފުކޮށްފައި ކަމަށެވެ.
ރަހުނަކާ ނުލައި ދޫކުރާ މި އެޑްވާންސް ސެޓްލްމަންޓް ފެސިލިޓީގެ ދަށުން، ވިޔަފާރިތަކަށް އެ ވިޔަފާރިއަކުން ފާއިތުވި ހަ މަސް ދުވަހު ބީއެމްއެލް ކާޑު މެޝިނުން ވިޔަފާރިކޮށްފައިވާ މިންވަރަށް ބަލާލެވޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ. މީގެއިން ދެ މިލިއަން ރުފިޔާއާ ހަމައަށް އަވަސް ގޮތެއްގައި ފައިސާ ލިބޭނެކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ބުނީ މި ފައިސާ އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ މުސްތަގުބަލުގައި އެ ވިޔަފާރިއަކަށް ކޮންމެ ދުވަހެއްގެ މައްޗަށް ލިބޭ އާމްދަނީއަށް ބަލައި ފަސޭހަ އުސޫލަކުން ކަނޑާލެވޭ ގޮތަށް ކަމަށެވެ.
ވިޔަފާރިތަކަށް އަމާޒުކޮށްފައިވާ މި ބަދަލުތަކުގެ އިތުރުން، ބޭންކުން ވަނީ ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ފައިސާދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް އިތުރުކޮށްފައެވެ. ކާޑު މެޝިނުން ކުރާ މުޢާމަލާތްތަކަށް މަހަކު 1,000 ޑޮލަރަށް މި ލިމިޓް އިތުރުކޮށްފައިވާއިރު، މި ބަދަލަށް އަމަލުކުރަން ފަށާނީ މާދަމާ އިން ފެށިގެން ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އަދި ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ބޭރުގައި ޚަރަދުކުރެވޭ މިންވަރުވެސް ވަނީ މަހަކު 3,000 ޑޮލަރަށް އިތުރުކޮށްފައި ކަމަށް ބީއެމްއެލް އިން މައުލޫމާތުދީފައިވެއެވެ. ކަސްޓަމަރުންނަށް އިތުރު އެއްވެސް އެޕްލިކޭޝަނަކާ ނުލައި މި އާ ލިމިޓްތައް ވަގުތުން ބޭނުންކުރަން ފެށޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.