10 Nov 2025, 12:18
ޕާސްޕޯޓު ހައްދަން އިމިގްރޭޝަނަށް ދިއުން ނިމުމަކަށް ގެނެސްދޭ ޕާސްޕޯޓުގެ ކަންކަން ކުރުމަށް ހާއްސަ މޮބައިލް އެޕަކާއި، މި ސަތޭކަ އިންސައްތަ އީ-ވިސާ ހިދުމަތް މިއަދު ތައާރަފްކޮށްފިއެވެ.
މި ހިދުމަތް ތައާރަފްކުރީ މޯލްޑިވްސް 2.0 ގެ ދަށުން އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރަން ބޭއްވި ހާއްސަ ހަފްލާގައެވެ. މި ހަފްލާގައި ޕާސްޕޯޓުގެ ކަންކަން ކުރުމަށް ހާއްސަ މޮބައިލް އެޕާއި އިމިގްރޭޝަންގެ ވެބްސައިޓް ރީލޯންޗުކޮށްދެއްވާފައިވަނީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ފަސީހު ވިދާޅުވީ ޕާސްޕޯޓު އެޕްލިކޭޝަންތަކާއި ވިސާގެ އެންމެހާ މައުލޫމާތުތައް އިމިގްރޭޝަނުން މިއަދު ލޯންޗުކުރި އެޕުން ލިބޭނެ ކަމަށެވެ.
"އަލަށް ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅުމާ ޕާސްޕޯޓު އައުކުރުމަށް ފަސޭހަކަމާއެކު ހުށަހެޅޭނެ. އަދި މި އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ދިވެހި ރައްޔިތަކަށްވެސް އެފަރާތެއްގެ ޕާސްޕޯޓުގެ މައުލޫމާތު ފަސޭހަކަމާއެކު ބަލާލެވޭނެ. މީގެ އިތުރުން ރާއްޖޭގެ ހުރުމަށް ވިސާ ބޭނުންވާ ބިދޭސީންނަށް ދޫކުރާ ވިސާގެ މައުލޫމާތު މި އެޕްލިކޭޝަނަށް ލޮގްއިންކުރައްވައިގެން ފަސޭހަކަމާ ރައްކާތެރިކަމާއެކު ބަލާލެވޭނެ،" ފަސީހު ވިދާޅުވިއެވެ.
އަމާޒަކީ މާލެ ސަރަހައްދުގައި އެޕްލިކޭޝަން މެދިވެރިކޮށް ހުށަހަޅާތާ 24 ގަޑިއިރު ތެރޭގައި ޕާސްޕޯޓު ހައްދައި ފޯރުކޮށްދިނުން ކަމަށް ވެސް ފަސީހު ވިދާޅުވިއެވެ. ފަސީހު ވިދާޅުވީ 31 ރަށެއްގައި ޕާސްޕޯޓު ކަލެކްޝަން ހިދުމަތް މިހާރު ވެސް ލިބެމުންދާކަމަށެވެ.
ޕާސްޕޯޓުގެ ހިދުމަތް ޑިޖިޓަލައިޒްކުރުން އިފްތިތާހުކުރުމަށްފަހު ދެން އިމިގްރޭޝަނުން ވަނީ 100 އިންސައްތަ އީވިސާގެ ހިދުމަތް އިފްތިތާހުކޮށްފައެވެ. މި ހިދުމަތް އިފްތިތާހުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި ސަރުކާރު އިދާރާތަކުގެ އިސްވެރިން ގައުމީ ސަލާމު އަޑުއެއްސެވުން---ފޮޓޯ: ރައީސް އޮފީސް
ހަފްލާގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ރާއްޖެއަކީ އޭޝިޔާ ސަރަހައްދުގައި 100 އިންސައްތަ އީ-ވިސާގެ ހިދުމަތް ތައާރަފުކުރި ފުރަތަމަ ގައުމަށް ވާނެ ކަމަށެވެ.
"މޯލްޑިވްސް 2.0"ގެ ދަށުން އިމިގްރޭޝަންގެ ޚިދުމަތްތަކެއް ޑިޖިޓަލް ކޮށްފައިވާއިރު، މި ތަސައްވުރުގެ ދަށުން ސަރުކާރުގެ އެހެން އިދާރާތަކުން ވެސް އަންނަނީ ޚިދުމަތްތައް ޑިޖިޓަލްކުރުމުގެ މަސައްކަތް ކުރަމުންނެވެ.