މިނިވަން މުއައްސަސާއެއްގެ އިސް ވެރިއަކު ރޭ ހަމަ ބައްދަލުވުމާއެކު ސަލާން ކޮށްލާފައި ފުރަތަމަ ވެސް އެއްސެވީ ސުވާލެކެވެ. "އޮޑިޓާ ޖެނެރަލް ހާދަ ބިރު ކުޑައޭ ދޯ, ކިހިނެއްބާ މިވީ؟"

އޭނާ އެހެން އެ ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި އިއްޔެ އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ދެއްކެވި ޖެހިލުން ކުޑަ, ހަގީގީ ވާހަކަތަކުގެ ސަބަބުންނެވެ. ސަރުކާރުން ހުށަހެޅި ބަޖެޓެއްގައި ހުރި ތާކުންތާކު ނުޖެހޭ ކަންތައްތަކެއް, ބޭނުން ކަމެއް, ބޭނުން އިރަކު ކުރެވޭ ގޮތަށް, ސަރުކާރުގެ ފުލް މެޖޯރިޓީ އޮތް މަޖިލީހެއްގައި އިންނަވައި ހާމަ ކުރެއްވީމާ އޭނާ ހައިރާންވީއެވެ.



ނިޔާޒީ ވިދާޅުވީ ކީކޭ؟

ހަގީގަތުގައި ވެސް ނިޔާޒީ އިއްޔެ އެ ދެއްކެވީ ތަފާތު ހިތްވަރެކެވެ. މި ގައުމަށް ދިމާވެފައި އޮތް އެންމެ ބޮޑު ނުރައްކާ, މަގާމުގެ ބިރަށް ބެލުމެއް ނެތި އޭނާ ހާމަ ކުރެއްވެވިއެވެ. އެއީ އެކި ސަރުކާރުތަކުން ވާރުތަކުރަމުން އައިސް, އިންތިހާއަށް ދަރަނި ބޮޑުވެފައި އޮތް މި ރާއްޖޭގެ ދައުލަތުގެ ޚަރަދުތައް ކުޑަ ކުރަން ސަރުކާރުން އަދިވެސް ނޫޅޭ ވާހަކައެވެ.

ސަރުކާރުން ބުނިހާ ގޮތެއް ހަދާ, ޕީއެންސީގެ މަޖިލިސް މެންބަރުންގެ ކުރިމަތީގައި ނިޔާޒީ އިއްޔެ ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ރެކޯޑު ބަޖެޓުގައި ޚަރަދު ކުޑަކުރާނެ ތަފްސީލުތައް ހިމަނާފައި ނެތް ކަމަށެވެ. ޚަރަދު ކުޑަކުރުން "އިބިލީހުގެ ކައިވެންޏަށް"ވެ ނިމިއްޖެ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.



އާންމު ގޮތެއްގައި ކޮންމެ އަހަރެއްގައި ވެސް ބަޖެޓުގައި ދައުލަތުގެ ޚަރަދުތައް ކުޑަކުރާނެ ގޮތުގެ ތަފްސީލު ހިމަނައި، ފިޔަވަޅުތައް އަޅާފައި ނެތް ނަމަވެސް، އަންނަ އަހަރުގެ ބަޖެޓުގައި ޚަރަދު ކުޑަކުރާނެ ގޮތުގެ ތަފްސީލު އެންމެ ކުޑަމިނުން ހިމަނާފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ފަސްކުރަމުން ލަސްކުރަމުން މި ދަނީ ކޮންމެ އަހަރަކުވެސް، ދަމުން ދަމުން ގޮސްއަޅުގަނޑުމެންނަށް ކިހާ ހިސާބަކަށްތޯ ފަސްކުރެވޭނީ؟ ޚަރަދު ކުޑަކުރުމުގެ ކަންކަން މިހާރު މި ހުރީ އިބިލީހުގެ ކައިވެންޏަށް ވާ ހިސާބަށް ގޮސް. ލަސްކުރަމުން ފަސްކުރަމުން މި އަހަރުގެ ބަޖެޓު ފޮތުގައި[ޚަރަދު ކުޑަކުރުން] ފިނޭންސް މިނިސްޓްރީން ޖައްސަވާފައި ވެސް ނެތް،" ނިޔާޒީ ވިދާޅުވިއެވެ.

ނިޔާޒީ އެހެން އެ ވިދާޅުވީ ސަބަބުތަކެއް ނެތީމައެއް ނޫނެވެ. މަންޒަރު ވަރަށް ބިރުވެރިއެވެ. މިއީ އެތައް ސަރުކާރުތަކެއްގެ އިހުމާލެވެ. ރާއްޖޭގެ ޖުމްލަ ދަރަނި، މި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރުހުރީ, 148.9 ބިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށް ބުނަނީ ފިނޭންސް މިނިސްޓްރީންނެވެ. އެހެން ބައެއް ނޫނެވެ. އެ ޖުމްލަ ދަރަނީގެ ތެރޭގައި ހިމެނެނީ، ދައުލަތުން ސީދާ ނަގާފައިވާ 127.8 ބިލިއަން ރުފިޔާ އާއި ދައުލަތުން ގެރެންޓީދީގެން ނަގާފައިވާ 21.1 ބިލިއަން ރުފިޔާއެވެ.

އެ ތަފާސްހިސާބުތައް ދައްކާގޮތުން ބޭރުގެ އެކި ފަރާތްތަކަށް ރާއްޖޭން ދައްކަންޖެހޭ ދަރަނި ޖުމުލަ 42 ބިލިއަން ރުފިޔާއަށް އަރާއިރު އޭގެ ތެރެއިން ބޮޑު ބަޔަކީ އިންޑިއާގެ އެގްޒިމް ބޭންކަށް ދައްކަންޖެހޭ ފައިސާއެވެ. ދެވަނައަށް އެންމެ ބޮޑު އަދަދެއް ދައްކަންޖެހެނީ ބޭރުގެ އެކިއެކި ފަރާތްތަކަށް ވިއްކާފައިވާ ދިވެހި ދައުލަތުގެ ބޮންޑަށެވެ. ތިންވަނައަށް އެންމެ ބޮޑަށް ދަރާފައި އޮތީ ޗައިނާގެ އެގްޒިމް ބޭންކަށެވެ.

އާއްމުން ހައިރާން އެވީ ކީއްވެ؟

އާ ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ގިނަ މުއައްސަސާތަކެއް އުފައްދާފައިވާއިރު އޭގެ ތެރެއިން ގިނަ ތަންތަނުގައި މިނިވަންކޮށް އޮތީ ނަން އެކަންޏެވެ. އޭސީސީ ފަދަ ގިނަ މުއައްސަސާތައް ފާހަގަކުރެވެނީ އޭރަކު އޮންނަ ސަރުކާރަކުން ބުނިހާ ގޮތެއް ހަދައިގެން, މަގާމަށް ޓަކައި ތިބޭ ބައެއްގެ ގޮތުގައެވެ. ކިރިޔާ ވެސް ސަރުކާރަކުން ހިތްހަމަ ނުޖެހޭ ގޮތަކަށް މަސައްކަތެއް ކޮށްފި ބޭފުޅަކު ވަކިކޮށް ފޮނުވާލަނީ ގެއަކަށެވެ.

މި ފަހުން ރާއްޖޭގައި ހިންގި އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގި ކަމަށް އަމިއްލައަށް އިއުތިރާފްވެވަޑައިގެންފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ހައްދަވަމުން ދިޔަ ގޯސްތައް, އޭރުގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ވަނީ އޭރުގެ ރައީސް އަބްދުالله ޔާމީންގެ ސަމާލު ކަމަށް ގެންނަވާފައެވެ. ނަތީޖާއަކަށްވީ ގޯސް ހެއްދެވި އަދީބުގެ މައްސަލަ ބެލުމުގެ ބަދަލުގައި ނިޔާޒު މަގާމުން ބޭރު ކުރެއްވުމެވެ.

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ފާޅުގައި އެތައް ވައްކަމަކާއި ހިޔާނާތެއް, އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ފެނަކަ އާއި އެހެނިހެން ބައެއް އިދާރާތަކުގެ ތެރޭގައި ކުރައްވަމުން ގެންދެވި ކަމަށް ތުހުމަތުކޮށް އޭރު އޮތް އޭސީސީއިން އެ ކަން އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަމާލު ކަމަށް ގެންނެވިއެވެ. އޭގެ ފަހުން މާ ދުވަހެއް ނުވެއެވެ. އެމްޑީޕީގެ މެޖޯރިޓޯ އޮތް މަޖިލީހުން އުވާލީ, މަރިޔަމް ޝިއުނާ ރައީސް އަކަށް ހުންނެވި އޭރުގެ އޭސީސީއެވެ.



މި ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅުނު ހިސާބުން ބަންޑާރަ ނައިބުގެ އޮފީހުން ވަކާލާތު ކުރިގޮތާ ހިލާފަށް އެ މައްސަލަ ބެލޭނެ ކަމަށް, ސުޕްރީމް ކޯޓުން ނިންމުމާއެކު އެ ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ, ހުސްނުއް ސުއޫދާއި މަހާޒް އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ހުތުރު ގޮތަކަށް ބޭރުކޮށްލީއެވެ.

މި ސަރުކާރުގެ ނުފޫޒުގަދަ މަޖިލިސް މެންބަރެއްގެ މައްސަލަ ފެންމަތިވުމާއެކު, މަރުކަޒީ ބޭންކު، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔާގެ މަގާމުން, އަބްދުﷲ އަޝްރަފް އެކަހެރި ކުރެއްވީއެވެ. މިހެން ގޮސް އެތައް ކަމެކެވެ.

މި ރާއްޖޭގައި ގިނަ ފަހަރަށް ކުށްވެރި ވަނީ ކޮރަޕްޝަން ހިންގާ, ވައްކަން ކުރާ ވަގުންނެއް ނޫނެވެ. އެކަން ފަޅާ އަރުވާލާ މީހާއެވެ.

ބާރު އޮވެ ޚަރަދު ކުޑަކުރަން ނޫޅޭ!

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމުގައި އެ ހުންނެވީ ވަރަށް ގަދަފަދަ ކޮށެވެ. ސަރުކާރާއި މަޖިލީހުގެ ފުލް މެޖޯރިޓީއާއެކު ބޭނުން ކަމެއް ބޭނުންއިރަކު ކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް އެބައޮތެވެ. އެހެން ކަމުން ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ބޭނުން ފުޅުވެއްޖެ ނަމަ އެކަންކަން ވަރަށް ފަސޭހައިން ކުރެވޭނެއެވެ.

މިސަރުކާރުން ވެސް, ޒަމާނުންސުރެ, ހަމައެއް ލަމައެއް ނެތި ދެމުން އަންނަ ސަބްސިޑީތައް އިސްލާހު ކުރާނެ ވާހަކަ ދެއްކިއެވެ. އަދި ޑަބަލް ޕެންޝަންގެ އުސޫލު އުވާލާނެކަން އިއުލާން ކުރިއެވެ. އާސަންދަ ރިފޯމް ކުރާނެ ވާހަކަ ވެސް ދެއްކިއެވެ. މިހެން ގޮސް ޚަރަދު ކުޑަކުރަން ކުރަން ޖެހޭ އެތައް ކަމެއް ކުރާނެކަން އެކި ފަހަރު މަތިން އިއުލާން ވެސް ކުރިއެވެ. ނަމަވެސް އެންމެ ފަހު ވަގުތު އެ ހުރިހާ ކަމެއް އެނބުރެނީ 180 ޑިގްރީއަށެވެ. ފަހަތު ފަޔަށް ބުރަވެ, ޚަރަދު ކުޑަކުރަން ކަމެއް ކުރާކަށް ނުކެރެއެވެ.

ޚަރަދު ކުޑަ ކުރަން ނުކެރޭތަނުގައި ޚަރަދު އިންތިހާއަށް ބޮޑު ކުރަނީއެވެ. ވައުދުވެ ވަޑައިގެންނެވި ގޮތާ ހިލާފަށް ވަޒީފާތައް ބަހަނީ ހައްދެއް ނެތިއެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އަޑު ނާހައި މުސާރަތައް ކުރަނީ ބޮޑެވެ. މީގެ އިތުރުން އާމްދަނީ ހޯދަން ދެކޮޅު ޖެހޭ ކަހަލަ ކަމެއް ކުރާތަނެއް އަދި ނުފެނެއެވެ. ބަންކަރިންނާއި ޑިވެލޮޕްމެންޓް ބޭންކު ފަދަ ކަންކަން ފެށި ނަމަވެސް އެކަންކަން ވެފައިވަނީ ހަމައެކަނި ހެޑްލައިނަށެވެ. ނޫނީ ޖޯކަކަށެވެ.



ސަރުކާރުން ބޭނުން ކަމެއް ވެއްޖެ ނަމަ ކުރާތަން އެބަފެނެއެވެ. ސުޕްރީމް ކޯޓަށް އެ ހަދާލި ގޮތަކީ އޭގެ މިސާލެކެވެ. ހަމައެއާއެކު މަޖިލީހުގެ މެންބަރުން ތަޅު އެޅުވޭގޮތަށް ގާނޫނުއަސާސީއަށް ކުއްލިއަކަށް މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެ ގެނައި އިސްލާހަކީ ވެސް އޭގެ މިސާލެކެވެ. ހަމައެހެންމެ ނޫސްވެރިކަމުގެ މިނިވަންކަން ހަނިވާ ގޮތަށް ފާސްކުރި ބިލުފަދަ ސަރުކާރުން ބޭނުންވެއްޖެ ކޮންމެ ކަމެއް އެބަ ކުރެއެވެ. ޕްރެޝަރެއް, ބަޔަކު ދައްކާ ވާހަކައެއް, ދޭ ނަސޭހަތެއް ބެލުމެއް ނެތިއެވެ. އެހެންކަމުން ޚަރަދު ކުޑަ ކުރަން ވެސް ބޭނުންވެއްޖެ ނަމަ އެކަން ކުރެވޭނެއެވެ. ބޭނުން ވަނީ އިޚުލާސްތެރި ކަމެވެ.

އޮޑިޓާ ޖެނެރަލް ނިޔާޒީ އިއްޔެ އެ ދެއްކެވި ހިތްވަރަށް ހަމަ ސާބަސް ދެމެވެ. އެ ދެއްކެވީ ހަމަ ދައްކަވަން ޖެހޭ ވާހަކައެވެ. ދެން އެކަމަކު އޮތް ބިރަކީ އެއީ ސަރުކާރާ ދެކޮޅުވުން ކަމަށް ހަދައި އޭނާ މަގާމުން ދުރުކޮށްފާނެ ކަމުގެ ބިރެވެ. އެހެން މި ބުނެވެނީ މާޒީގައި ކަން ހިނގާފައި އޮތް ގޮތުންނެވެ. އަސްލު ކުރަންވީ ކަމަކީ ނިޔާޒީ އެ ވިދާޅުވި ވާހަކަ އަޑު އަހައި އަމަލު ކުރުމެވެ.