ރާއްޖެ އަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީއަކު އިންޑިއާގެ ފުލުހުން ހައްޔަރުކޮށްފި އެވެ.

އިންޑިޔާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ގެ އޮފިޝަލުންނާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ރާމުލު ގުގްލޮޓް އެލިއަސް ރާމުލު ނަމަކަށް ކިޔާ 40 އަހަރުގެ އެފިރިހެން މީހާ އިންޑިޔާގެ ފުލުހުން ހައްޔަރުކޮށްފައި ވަނީ އަންދުރަޕްރަދޭޝް ސްޓޭޝަނުންނެވެ. ފުލުހުން އެމީހާ އަތުލައިގެންފައި ވަނީ 1.9 ކިލޯގެ ހެރޮއިންއާ އެކުގަ އެވެ.

އިންޑިއާ އިން ރާއްޖެ އަންނަން އުޅުނު އެ މީހާގެ އަތުގައި ހުރި މަސްތުވާތަކެތި ފެނުނީ އޭނާ ގެންގުޅުނު ފޮށީގެ އަޑީގައި އިތުރު ފުލެއް އަޅައި އޭގެ ތެރޭގައި ރައްކާކޮށްފައި ހުއްޓައި ކަމަށާއި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގެއްގެ ގޮތުގައި 20 މިލިއަން އިންޑިއަން ރުފީސް ޖެހޭނެ ކަމަށް އެންސީބީގެ އޮފިޝަލުން ވިދާޅުވެފައިވެ އެވެ.

ހައިދަރުއާބާދަށް ގެންގޮސްފައިވާ އެ މަސްތުވާތަކެއްޗަކީ ރާޖަސްތާނުން ގެނެސްފައިވާ މަސްތުވާތަކެތި ކަމަށާއި އެތަކެތި އެމީހާ ރާއްޖެ އެތެރެކުރަން އުޅުނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ކަމަށް ވެސް ޚަބަރުތަކުގައިވެ އެވެ.