30 Aug 2010, 19:05
00:00
މާލޭ ހުޅަނގު ދެކުނު ހާބަރުން ވިއްކަން ކަނޑައެޅި ހަތަރު ބިމުގެ ތެރެއިން ދެ ވަނަ ބިން ވެސް ވިއްކާލައިފި އެވެ.
މާލޭ މުނިސިޕަލްޓީގެ މިއަދުގެ ނޯޓިސް ބޯޑްގައިވާ ގޮތުން، 2000 އަކަފޫޓުގެ ސީ ހައެއް ބުލޮކުގެ ބިން، އަކަފޫޓެއް 6696.27 ރުފިޔާގެ ރޭޓުން، 13.39 މިލިއަން ރުފިޔާ އަށް ކާމިޔާބުކޮށްފައި ވަނީ ސަންފްރަންޓް ޕްރައިވެޓް ލިމިޓެޑުންނެވެ.
ހުޅަނގު ދެކުނު ހާބަރުން ނީލަމުގައި ވިއްކާ ހަތަރު ބިމުގެ ތެރެއިން 2000 އަކަފޫޓުގެ ފުރަތަމަ ބިން ކާމިޔާބު ކުރެއްވީ، މުނިސިޕަލްޓީގެ ނޯޓިސް ބޯޑުގައިވާ ގޮތުން، އަކަފޫޓެއް 4350 ރުފިޔާގެ ރޭޓުން 8.7 މިލިއަން ރުފިޔާ އަށް، ހ.ކެލީކްސް ހުސައިން މޫސާ އެވެ.
ހުޅަނގު ދެކުނު ހާބަރުން، ދެ ވަނަ ބިމެއް ވެސް ސަރުކާރުން މި ވިއްކާލީ ވެރިރަށް މާލޭގެ ބިންތައް ވިއްކުން ބާތިލުކޮށް ދިނުމަށް އެދި އިދިކޮޅު އިއްތިހާދުން މަދަނީ ކޯޓުގައި ދައުވާއެއް އުފުލާފައިވަނިކޮށެވެ.
މުނިސިޕަލްޓީން އިއުލާންކޮށްފައިވާ ގޮތުން ބިމެއް ކާމިޔާބު ކުރާ ފަރާތަކުން ހަތް ދުވަހުގެ ތެރޭގައި ބިން ގަތް އަގުގެ 10 ޕަސެންޓަށްވާ ފައިސާ ދައްކަން ޖެހެ އެވެ. ބާކީ ފައިސާ ދައްކަން ޖެހެނީ 60 ދުވަހުގެ ތެރޭގަ އެވެ.
ފުރަތަމަ މަރުހަލާގައި ވިއްކަން ކަނޑައަޅާފައިވާ ހަތަރު ބިމުގެ ތެރެއިން މިހާތަނަށް ނުވިކިވާ ދެ ބިމުގެ ތެރެއިން 2000 އަކަފޫޓުގެ ސީ ފަހަކަށް އެންމެ މަތީ އަގެއްގެ ގޮތުގައި މިއަދުގެ ނިޔަލަށް އޮތީ، އަކަފޫޓަކަށް 6798.67 ރުފިޔާ އެވެ. ހަތް ހާސް ފަސްސަތޭކަ އަކަފޫޓުގެ ސީ ދޭކަށް، އަކަފޫޓަކަށް 6100 ރުފިޔާ އެވެ.