10 Nov 2025, 10:15
ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރަކު ވަނީ އޭނާގެ ރެކޯޑުގައި ދޮގު މައުލޫމާތުތަކެއް ހިމަނައި، ބަދަލުކޮށްފައިވާކަމަށް ގިނަ ތުހުމަތުތަކެއް ކުރެވޭ އެސިސްޓަންޓް ކޮމިޝަނަރު އަހްމަދު ޝިފާން މިއަދު ވިދާޅުވެއްޖެއެވެ.
ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރު، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމަށް، ފުލުހުންގެ ޗީފް އިންސްޕެކްޓާ ރޭންކުން މަތީ ރޭންކްތަކުގެ 11 އޮފިސަރުން ވަނީ ވިސުލްބްލޯވަރުންގެ ގޮތުގައި ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި ވަނީ ފުލުހުންގެ ޚިދުމަތުގެ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޝިފާންގެ ކިބައިން ފެންނަ މައްސަލަތަކެއް ފާހަގަކޮށްފައެވެ.
އެ ސިޓީގައިވާ ގޮތުން، އޭސީޕީ ޝިފާނަށް ދެ ބާވަތެއްގެ ކުށުގެ ތުހުމަތު ކުރެވެއެވެ. އޭގެ ތެރެއިން އެއް ތުހުމަތަކީ ބަދުއަޚުލާގީ އަމަލު ހިންގުން ކަމަށްވާއިރު، ޝިފާންގެ ދަށުން މަސައްކަތްކުރާ އަންހެން މުވައްޒަފުނަށާއި ފިރިހެން މުވައްޒަފުންގެ އަނބިންނާ އެކުގައި އެފަދަ އަމަލު ހިންގައިފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި، އެހެނިހެން އޮފީސްތަކުގެ އަންހެން މުވައްޒަފުންނާ ގުޅުންހުރި އެފަދަ މައްސަލަތައް ވެސް ހުރިކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
ޝިފާން ތުހުމަތުކުރާ ގޮތުގައި ބަޔަކު މަސައްކަތް ކުރަމުން އަންނަނީ އޭނާއާ މެދު ޒާތީ ތައައްސުބެއް އޮވެގެންނެވެ.
ނަވީންއަށް ފޮނުއްވި ސިޓީގައި ޝިފާން ވިދާޅުވީ މި އަަހަރުގެ މޭ މަހުގެ ތެރޭގައި، ފުލުހުންގެ ތެރޭ އޭނާއާ ބެހޭ ގޮތުން ރެކޯޑުކޮށްފައިވާ ޒާތީ މަައުލޫމާތަށް، އެ ޚިދުމަތުގެ އެސިސްޓަންޓް ކޮމިޝަނަރަކު ބަދަލު ގެނެސްފައިވާ ކަމަށް ޑިޖިޓަލް ޑޭޓާ އަދި ޓެކްނޮލޮޖީގެ ފަރާތުން އޭނާއަށް މައުލޫމާތު ދިން ކަމަށެވެ.
އެ ކަން ރަސްމީކޮށް މޭ މަހުގެ 29ވަނަ ދުވަހު ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ފުލުހުންގެ ސިސްޓަމުގައި ރައްކާކޮށްފައިވާ ބައެއް މައުލޫމާތާއި، ހަގީގަތާ ޚިލާފު އެތައް މައުލޫމާތެއް، އެއަށް އެކްސެސް އޮތް މީހަކު، މިދިޔަ ހޮނިހިރު ދުވަހު ރަސްމީ އިދާރާތަކާއި، ބައެއް ނޫސްތަކަށް ދީފައިވާ ކަމަށެވެ.
އެެހެންވެ އެ ކަން ބަލައިދޭން އޭނާ ވަނީ ސީޕީ ނަވީންގެ ކިބައިން އެދިލައްވައިފައެވެ.