ހުޅުމާލެ ހޮސްޕިޓަލަށް 2022ވަނަ އަހަރުގެ ނިޔަލަށް ލިބެންޖެހޭ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެ ހޮސްޕިޓަލުން މަސައްކަތްކޮށްފައިނުވާކަން އޮޑިޓަރު ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެއެވެ.

މިދިޔަ މަހުގެ 30ވަނަ ދުވަހު ރިޕޯޓުގައިވާ ގޮތުން، އާސަންދައިގެ ދަށުން ހުޅުމާލެ ހޮސްޕިޓަލް 2020ވަނަ އަހަރު މާލޭ ހޮސްޕިޓަލްތަކުގެ ގްރޫޕްގެ ދަށަށް ބަދަލުވި ނަމަވެސް، ބޭސްފިހާރަ ހިންގުމަށް 2017ވަނަ އަހަރުގެ ޖޫން މަހު ހެދި އެއްބަސްވުމާއި، ހަމަ އެ އަހަރުގެ އޮގަސްޓް މަހުގެ 20ވަނަ ދުވަހު ހެދި އެއްބަސްވުމާއި އެ ހޮސްޕިޓަލުގައި ކެންޓީނެއް ހިންގުމަށް އޭޕްރިލް 19، 2018ގައި ހެދި އެއްބަސްވުން ހުޅުމާލެ ހޮސްޕިޓަލުގެ މައްޗަށް ބަދަލުކޮށްފައި ނުވެއެވެ.

މީގެ އިތުރުން، ބޭސްފިހާރައެއް ހިންގުމަށް ހުޅުމާލެ ހޮސްޕިޓަލުގެ ގޯތިން ބައެއް ކުންފުންޏަކަށް ދިނީ އެއްވެސް އެއްބަސްވުމެއް އެކުލަވާނުލާ ކަމަށާއި، އެހެންވެ، އޮޑިޓްކުރި ތާރީޚުކަމަށްވާ ޑިސެމްބަރު 18، 2022ގެ ނިޔަލަށް ކުލީގެ ގޮތުގައި އެއްވެސް ފައިސާއެއް ނުލިބޭ ކަމަށް، އެ ރިޕޯޓުގައިވެއެވެ.

ހަމަ އެހެންމެ، ހުޅުމާލެ ހޮސްޕިޓަލުން ފާމަސީއާއި ކެންޓީން ހިންގުމަށް ކުއްޔަށް ދޫކުރި ބިންތަކުގެ ކުއްޔާއި އާމްދަނީގެ ހިއްސާ ގިނަ ދުވަސްވަންދެން ހޮސްޕިޓަލަށް ނުލިބޭ ކަމަށާއި، އެގޮތުން 2022ވަނަ އަހަރުގެ ނިޔަލަށް 1.74 މިލިއަން ރުފިޔާ ނުލިބިވާކަން ހޮސްޕިޓަލުގެ ލިޔެކިއުންތަކުން އެނގޭ ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

މާލިއްޔަތު ގަވައިދުގައިވާ ގޮތުން ދައުލަތުގެ އޮފީސްތަކަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި ފައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ހޯދުމަށް މަސައްކަތްކޮށް ފައިސާ ނުލިބިއްޖެނަމަ ހަތް ދުވަހުގެ ތެރޭ ފައިސާ ދެއްކުމަށް ހަނދާންކޮށްދީ ފައިސާ ދައްކަން ޖެހޭ ފަރާތަށް ލިޔުން ފޮނުވަން ޖެހޭނެ ކަމަށް ވެއެވެ.

އަދި އެ މުއްދަތުގެ ތެރޭ ފައިސާ ނުލިބިއްޖެނަމަ ޝަރީއަތަށް ގޮސް އޭގެ ފަހުންވެސް ފައިސާ ނުލިބިއްޖެނަމަ އެ މައްސަލަ ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައި ވަކިގޮތެއް ނިންމަން ޖެހޭނެ ކަމަށް، ގަވައިދުގައި ވެއެވެ.

ނަމަވެސް އާސަންދައިން ލިބެން ޖެހޭ ފައިސާ ނުހިމަނައި 2021ވަނަ އަހަރުގެ ނިޔަލަށް ހުޅުމާލެ ހޮސްޕިޓަލަށް 9.42 މިލިއަން ރުފިޔާ ނުލިބޭ ކަމަށް، އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން ދައުލަތުގެ އިދާރާތަކުން 1.86 މިލިއަން ރުފިޔާ، ދައުލަތުގެ ކުންފުނިތަކުން 3.33 މިލިއަން ރުފިޔާ، އަދި އަމިއްލަ ކުންފުނިތަކުން 4.23 މިލިއަން ރުފިޔާ ލިބެންޖެހޭނެ ކަމަށާއި، ނަމަވެސް އެ ފައިސާ ހޯދަން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް، ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން އޮޑިޓަރު ޖެނެރަލް ލަފާދެއްވީ ހުޅުމާލެ ހޮސްޕިޓަލަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިހުރި ފައިސާ އެކަށީގެންވާ މުދަތެއްގެ ތެރޭ ހޯދުމަށް ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށް، ހުޅުމާލެ ހޮސްޕިޓަލުން އަވަސް ފިޔަވަޅު އެޅުމަށާއި، އާސަންދައިގެ ދަށުން ހުޅުމާލެ ހޮސްޕިޓަލް ހިންގަމުން ދިޔައިރު އާސަންދައިގެ ނަންމަތީގައި ހަވާލުކުރި އެއްބަސްވުންތައް ހުޅުމާލެ ހޮސްޕިޓަލުގެ ދަށަށް ބަދަލުކުރުމަށެވެ.