10 Nov 2025, 11:08
ޒިނޭކުރުމަކީ މާތް ﷲ ނަހީކުރައްވައިފައި ވާ ހުތުރުކަން ބޮޑު ފާފައެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَلَا تَقْرَبُوا الزِّنَىٰ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا﴾ (الإسراء: ٣٢) މާނައީ: "އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައި ވިއެވެ. އަދި މަގެއްގެ ގޮތުން އެ ކަންތައް ހާދަހާ ނުބައިވެގެން ވެއެވެ."
ޒިނޭގެ ނުރައްކާ ކޮންމެވެސް ވަރަކަށް ބުނެލާފައި، އެ ޒުވާނާގެ ވާހަކަ ކިޔައިދޭނަމެވެ. ޒިނޭކުރުމަކީ ވަގުތީ އުފަލަކާއި ކުޑަ ހިނދުކޮޅެއްގެ ހިތްހަމަޖެހުމެއް ކަމުގައި ވިޔަސް، އޭގެ ނިމުން ވަރަށް ހުތުރުވެފައި ނުރައްކަލެވެ. ޒިނޭގެ ސަބަބުން ނަސްލު އޮޅެނީ އެކަންޏެއް ނޫނެވެ. އެ ކަމުގައި ޝާމިލުވާ ދެ މީހުންނަށް ވެސް ދާއިމީ ހިތާމަޔާއި ވޭން އިހުސާސްކުރަން ޖެހެއެވެ. އެ މީހުންނާ ގުޅިފައި ތިބޭ އެހެން މީހުންނަށް ވެސް އޭގެން ނޭދެވޭ އަސަރުކުރެއެވެ. އަރައިނުގަނެވޭވަރުގެ ހިތާމަވެރި ފުން ވަޅުވަޅުގަނޑަށް ޢާއިލާތައް ވެއްޓެއެވެ.
އެއީ ނޫކަށިފުރައިގެ ޅަނދޮޅު ޒުވާނެކެވެ. ހިއްސުތައް އެންމެ ރަނގަޅަށް ހޭލާފައި ވާ އުމުރެވެ. ލޫޅާފަތި އަންހެން ކުދިންނަށް އެންމެ ބޮޑަށް ހިތްކިޔާ އުމުރެވެ. ބިރަކައިނުލާ މަޖާކުރަން އެންމެ ބޭނުންވާ ދުވަސްވަރެވެ. އޭނާގެ ވަށައިގެން އޮތް މާހައުލަކީ ވެސް ޒިނޭކުރުން އާންމު މާހައުލެކެވެ. ރަލާއި ޖުވާއާ އެކު ޒިނޭގެ މަޖަލުގައި އެ ރަށުގެ ބޮޑުންނާއި ކަމުވޮށިގެންވާ މީހުން ވެސް ވާދަކޮށް އުޅުނު މުޖުތަމަޢަކުން އައި ޒުވާނެކެވެ. އާދެ! ތިޔަ ހީވީ ރަނގަޅަށެވެ. އެއީ ޢަރަބި ކަރައިގައި ޖާހިލިއްޔަ ޒަމާނުގައި ބޮޑުވި ޒުވާނެކެވެ.
މި ޒުވާނާ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ އަރިހަށް ގޮސް، އޭނާގެ ހިތުގައި އުފެދޭ ޝުޢޫރުތަކުން ސުވާލު ކުރުން ވެގެންދިޔައީ މުޅި އުންމަތަށް ޤިޔާމަތާ ޖެހެންދެން އޭގެ ފިލާވަޅު ލިބިލިބި ހުންނާނޭ މުހިންމު ދަރުހަކަށެވެ. އެ ދުވަހު ޞަޙާބީ ބޭކަލުން އޭނާއާމެދު ދެކުނު ކުޑައިމީސް ދެރަ ގޮތަށްވުރެ، އޭނާގެ ފަރާތުން އެބޭފުޅުންނަށާއި މުޅި އުންމަތަށް ދެއްވަން، ﷲ އިރާދަކުރެއްވި ޢިބުރަތް މާ ޙިކުމަތްތެރިވެފައި މަންފާ ބޮޑެވެ. އެކަން އެނގުނީ އޭނާގެ ޝުޢޫރުތައް އޮއްސައިލަން ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އޭނާއަށް ދެއްވި ފަހި ފުރުޞަޠުގެ ސަބަބުންނެވެ.
ވިސްނައިގެން ކިޔާށެވެ! މިއީ ޞައްޙަ ޙަދީޘެއްގައި ވާރިދުވެފައި އޮތް ރީތި ވާހަކައެކެވެ. އިމާމް ޠަބަރާނީއާއި އަލްބައިހަޤީ ފަދަ ބޭބޭފުޅުން ރިވާކުރައްވާ މި ޙަދީޘްގެ ރާވީއަކީ އަބޫ އުމާމާ އަލް ބާހިލީއެވެ. ޙަދީޘުގައި ވަނީ އެއް ދުވަހަކު ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އިތުރު އެކަލޭގެފާނުގެ މާތް ޞަޙާބީންނާ އެކު މަޖިލިސްކުރައްވައިގެން އިންނަވަނިކޮށް އެ ތަނަށް އައި ޒުވާނެއްގެ ވާހަކައެވެ.
ފަހެ، މި ޒުވާނާ މިސްކިތުގެ ތެރެއަށް ވަދެގެން ދިޔައީ މީހަކު ހޯދަމުންދާ ފަދައިންނެވެ. ކަނާތްފަރާތަށާއި ވައަތްފަރާތަށް ބަލަމުން ހޯދަމުން ގޮސް، އޭނާއަށް ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ފެނުމާ އެކު އެކަލޭގެފާނާ ދިމާއަށް ހިނގައިގަތެވެ. އަދި ޞަހާބީންގެ އެ މަޖިލިހުގައި އިށީނދެ ހަމަޖެހިލިއެވެ. އަދި އޭނާގެ ވަށައިގެން ތިއްބެވި ޞަހާބީންނަށާއި މާތްނަބިއްޔާގެ މޫރިތި މޫނުފުޅަށް ބަލާލުމަށްފަހު، އެއްވެސް ހާސްކަމެއް ނެތި ސުވާލެއް ކުރިއެވެ. "އޭ الله ގެ ރަސޫލާއެވެ! ޒިނޭކުރުމުގެ ހުއްދަ ތިމަންނާއަށް ދެއްވައިފާނަންތޯއެވެ؟"
މި ޒުވާނާގެ އަޖައިބު ސުވާލު ވެގެންދިޔައީ މުޅި މަޖިލިސް ހައިރާންކުރުވި ސުވާލަކަށެވެ. ސުވާލުގެ ޒާތުން، އެއީ ބޭ އަދަބީ ސުވާލެއް ކަން ޔަޤީނެވެ! އެ ނަބިއްޔާ އެ ގެންދަވަނީ ފާހިޝް ޢަމަލުތަކާ މީހުން ދުރުކުރައްވަން މަސައްކަތްކުރައްވަމުންނެވެ. ކީރިތި ޤުރުއާނުގައި އެ ވަނީ ޒިނޭއާ ކައިރިނުވުމަށް އަންގަވައިފައެވެ. މި ޒުވާނާ މި އެދެނީ އެކަން ކުރުމުގެ އިޒުނައަށެވެ! ޞަޙާބީން އެކަމާ ނުރުހުންތެރިވެ އެ ޒުވާނާ ފައްސައިލަން އުޅުއްވިއެވެ. "މެހް" "މެހް" އޭ ކިޔައި ހަޅޭފަޅޭ ޖަހަން ފެއްޓެވިއެވެ. އެ ހިނދު ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم އެދިވަޑައިގަތީ އޭނާ ދޫކޮށްލުމަށެވެ. އަދި އޭނާއަށް ގޮވައިލައްވާ ޙަދީޘްކުރެއްވީ އެކަލޭގެފާނުގެ އަރިހުގައި އިށީނުމަށެވެ.
އެ ޒުވާނާ އެކަލޭގެފާނުގެ އަރިހުގައި ބޭންދުމަށްފަހު، އޯގާވެރިކަމާ އެކު ސުވާލު އެއްސެވިއެވެ. "އޭ ޒުވާނާއެވެ! އެހެން މީހަކު ތިބާގެ މަންމައާ އެކު ޒިނޭކުރަން ރުހެމުހެއްޔެވެ؟" އެކަލޭގެފާނު ކުރެއްވި މި ސުވާލުން، އޭނާގެ މަންމަ އެހެން މީހަކާ އެކު ޒިނޭކުރުން ތަޞައްވުރުވެ، ލިބުނު ސިހުމާ އެކު ތެޅިގަނެފައި ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއެވެ. ތިމަންނާގެ މަންމައާ އެކު މީހަކަ އެފަދަ ކަމެއް ކުރުމަށް ދުވަހަކު ވެސް އަހުރެން ނުރުހެމެވެ."
އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ހަމަ އެފަދައިން، އެހެން މީހުން ވެސް އެބައިމީހުންގެ މަންމައިންނާ އެކު މީހަކު އެފަދަ ކަމެއް ކުރުމަށް ނުރުހޭނެއެވެ."
އަނެއްކާ ވެސް ސުވާލުކުރެއްވިއެވެ. "އެހެން މީހަކު ތިބާގެ އަންހެން ކޮއްކޮއާ އެކު ޒިނޭކުރަން ރުހެމުހެއްޔެވެ؟" މި ސުވާލަށް ވެސް އޭނާގެ ޖަވާބަކަށް ވީ "ނޫނެކެވެ. އަހުރެން ދުވަހަކު ވެސް އަހުރެންގެ ކޮއްކޮއަށް އެފަދައިން ކަންތައް ވާކަށް ނޭދެމެވެ." އެހިނދު އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ. "ހަމައެފަދައިން، އެހެން މީހުން ވެސް އެބައިމީހުންގެ ކޮއްކޮމެންނާ އެކު މީހަކު އެފަދަ ޢަމަލެއް ކުރުމަށް ނުރުހޭނެއެވެ." މި ގޮތުގައި އޭނާއާ ގުޅުން ހުރި ހުރިހާ އަންހެނުންގެ ވާހަކައިން އެކަލޭގެފާނު ސުވާލުކުރެއްވިއެވެ. ބައްޕަފަރާތު ބޮޑުދައިތައާއި، މަންމަފަރާތު ބޮޑުދައިތައާ އެކު ވެސް އެފަދައި ކަންތައް ވުމަށް އޭނާ ނޭދޭނެ ކަމަށް އޭނާގެ އަމިއްލަ ވާހަކައިން އޭނާއަށް ވިސްނޭނޭހެން އެކަލޭގެފާނު ސުވާލުކުރެއްވީއެވެ.
ދެންފަހެ، މި ކުރެވުނު ކަންތަކުގެ ނުބައިކަމާމެދު މި ޒުވާނާ ނިކަން ރަނގަޅަށް ހޭވެރިވެއްޖެއެވެ. އަދި ލަދުވެތިކަމާ އެކު އެކަލޭގެފާނު އަރިހުން އެދުނެވެ. "އޭ اللهގެ ރަސޫލާއެވެ. އަހުރެންގެ ހިތް ޠާހިރުކޮށްދެއްވުން އެދި ﷲގެ ހަޟްރަތުގައި ދުޢާކޮށްދެއްވާށެވެ!" އެހިނދު އެ ޒުވާނާ އެކަލޭގެފާނުގެ އަރިހަށް ގެންނަވައި އޭނާގެ މޭމަތީގައި އަތްޕުޅު އަޅުއްވައި ދުޢާކުރެއްވިއެވެ. "އޭ ﷲއެވެ. އޭނާގެ ހިތް ޠާހިރުކޮށްދެއްވައި، އޭނާގެ ފާފަތައް ފުއްސަވައިދެއްވާނދޭވެ! އަދި އޭނާ ޢިއްފަތްތެރިކޮށްދެއްވާނދޭވެ."
އެއަށްފަހު އެ ޒުވާނާ އުފާވެރި މޫނަކައިގެން އެ މަޖިލީހުން ނިކުމެގެން ދިޔައެވެ. އޭނާ ބުނަމުން ދިޔައީ: "އެކަލޭގެފާނު އަރިހަށް ތިމަންނާ ދިޔައިރު ޒިނޭއަކީ ތިމަންނާ އެންމެ ލޯބިވާ ޢަމަލެވެ. އެހެނެއްކަމަކު ތިމަންނާ އެކަލޭގެފާނުގެ އަރިހުން ނިކުމެގެން އަންނައިރު ޒިނޭއަކީ ތިމަންނާ އެންމެ ނަފުރަތުކުރާ އަމަލެވެ."
ކިޔުންތެރިންނޭވެ! މިއީ އެ ޒުވާނާއަށް އެކަނި ދެއްވި ފިލާވަޅެއް ނޫނެވެ. މިއީ އަޅުގަނޑަށާއި ތިބާއަށް ލިބުނު ޙިކުމަތްތެރި ޢިބުރަތްތެރި، އެހާމެ އުންމީދީ އަދި ބޭނުންތެރި ފިލާވަޅެކެވެ. "އޭ ﷲއެވެ! އަޅަމެންނާއި އަޅަމެންގެ ދަރިފަސްކޮޅު ޒިނޭގެ ވަބާއިން ރައްކާތެރިކުރައްވާނދޭވެ!" آمين.