10 Nov 2025, 09:08
އިނގިރޭސިވިލާތުގެ ޝާހީ އާއިލާއަށް ނިސްބަތްވެ ވަޑައިގަންނަވާ ޕްރިންސް ހެރީގެ އަނބިކަނބަލުން ޑަޗްސް އޮފް ސަސެކް މޭގަން މާކްލް އެނބުރި އެކްޓިންގް ދާއިރާއަށް ގުޅިވަޑައިގެންފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޕީޕަލް މެގަޒިންގައި ބުނެފައިވާ ގޮތުން މޭގަން އެނބުރި ފިލްމީ މަސައްކަތްތަކަށް ނުކުންނެވި ނަމަވެސް މަސައްކަތް ކުރައްވާނީ ކުރިން މަސައްކަތް ކުރެއްވި ފިލްމުތައް ނުވަތަ ސީރީސްގެ ކެރެކްޓާއެއްގެ ގޮތުގައި ނޫނެވެ.
އޭގެ ބަދަލުގައި މޭގަން ފެންނާނީ މުޅިން އާ ފިލްމީ ޕްރޮޖެކްޓަކުން ކަމަށާއި މުޅިން އާ ކެރެކްޓާއެއްގެ ގޮތުގައި ކަމަށް ޕީޕްލް މެގަޒިންގައި ވަނީ ބުނެފައެވެ.
މިއީ 2017 ވަނަ އަހަރު ޕްރިންސް ހެރީއާ އެންގޭޖްވެ ވަޑައިގެން ހޮލީވުޑާ ވަކިވެވަޑައިގަތުމަށްފަހު މޭގަން މަސައްކަތް ފައްޓަވާނެ ފުރަތަމަ ހޮލީވުޑް ޕްރޮޖެކްޓެވެ.

މެގަން މާކްލް އަދި ހެރީ--ފޮޓޯ/ޕީޕަލް
ރިޕޯޓުތައް ބުނާގޮތުން މޭގަން މަސައްކަތް ކުރައްވަން ހަމަޖެހިފައިވާ ޕްރޮޖެކްޓަކީ އެމެޒޯން އެމްޖީއެމް ސްޓޫޑިއޯސްއިން އުފައްދާ ކޮމެޑީ ޑްރާމާ "ކްލޯޒް ޕާސަނަލް ފްރެންޑްސް"އެވެ.
މީގެ ކާސްޓުންގެތެރޭ ބްރީ ލާސަން، ލިލީ ކޮލިންސް، ޖެކް ކުއައިޑް އަދި ހެންރީ ގޯލްޑިންގް ހިމެނެއެވެ. މިއީ ޖޭސަން އޯލީ ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ.
މި ފިލްމުގެ ޝޫޓިންގް މިހާރު ކެލިފޯނިއާގައި ފެށިގެން ކުރިއަށްދާއިރު ފިލްމު ސެޓުގައި މޭގަން އުޅުއްވަނީ އެހެން އާދައިގެން މީހުންވެސް އުޅޭ ގޮތަށް ކަމަށާއި ކްރޫ މެމްބަރުންނާއި ކާސްޓުންނާ ވެސް މުއާމަލާތް ކުރެއްވުމުގައި އެއްވެސް ކަހަލަ ކިބުރުވެރިކަމެއް ނުވަތަ ޝާހީ ކަމެއް ނުގެންގުޅުއްވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހެރީއާ ކައިވެނި ކުރެއްވުމަށްފަހު އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލުކޮށް ޝާހީ އާއިލާއާ އެކު އަހަރުތަކެއް ހޭދަކުރެއްވުމަށްފަހު މޭގަންގެ ދެމަފިރިކަނބަލުން ވަނީ 2020ވަނަ އަހަރު އެމެރިކާގެ ކެލިފޯނިއާއަށް ދިރިއުޅުން ބަދަލުކުރައްވާފައެވެ.
މޭގަން ވަނީ ނެޓްފްލިކްސް އާއި ގުޅިގެން "ވިތު ލަވް މޭގަން"ގެ ނަމުގައި ލައިފްސްޓައިލް ސީރީސްއެއް ވެސް ގެނެސްދެއްވާފައެވެ. ދެ ސީޒަނަކަށް ބަހާލައިގެން ނެޓްފްލިކްސްގައި ޕްރީމިއާކުރި އެ ސީރީސްއިން 16 އެޕިސޯޑެއް ބެލުންތެރިންނަށް ގެނެސްދިނެވެ.