ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާން މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ކިންގް" އަކީ މިހާތަނަށް އިންޑިއާގައި އުފައްދާ އެންމެ އަގުބޮޑު އެކްޝަން ފިލްމު ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މުޅިއެކު 350 ކްރޯޑު ރުޕީސް (39.5 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފައްދާ މި ފިލްމަކީ ޝާހުގެ ކެރިއަރުގައި ވެސް ކުޅޭ އެންމެ އަގުބޮޑު ފިލްމު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޝާހުގެ އާއިލީ ފިލްމު ކުންފުނި ރެޑް ޗިލީސް އާއި ސިދާތު އާނަންދުގެ މާފްލިކްސް ޕިކްޗާސް ގުޅިގެން އުފައްދާ މި ފިލްމު ގެނެސްދެނީ ގްލޯބަލް އޯޑިއަންސަށް ވެސް ކަމުދާނެ ފެންވަރަށް ކަމަށް ޕިންކްވިލާގައިވާ ރިޕޯޓެއްގައި ބުނެފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން ފިލްމު "ކިންގް"ގެ މަސައްކަތް ފެށީ އެކްޝަން ތުރިލާއެއްގެ ގޮތުގައި ޝާހު ކެމޯ ރޯލަކުން ފެންނާނެ ފިލްމެއްގެ ގޮތުގައެވެ.

ޑައިރެކްޓަރު ސިދާތު އާނަންދު އަދި އެކްޓަރު ޝާހްރުކް ޚާން--ފޮޓޯ/ފިލްމުފެއަ

އޭރު ފިލްމުގެ ބަޖެޓަކީ އެންމެ 150 ކްރޯޑު ރުޕީސް ކަމަށާއި ނަމަވެސް ފިލްމުގެ މަސައްކަތް ފުޅާވަމުންގޮސް ސްކްރިޕްޓަށް ގެނެވުނު ބަދަލުތަކާ އެކު ފިލްމުގެ ބަޖެޓު ވެސް ފުޅާވީ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. ފިލްމުގެ ބަޖެޓަށާއި ފިލްމުގެ ސްކްރިޕްޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފެށުނީ ސިދާތު އާނަންދު ޑައިރެކްޓަރުންގެ ޓީމާ ގުޅުނު ހިސާބުންނެވެ.

މިހާތަނަށް އިންޑިއާގައި ރިލީޒްކޮށްފައިވާ ފިލްމުތަކުން ނުފެންނަ ފެންވަރުގެ އެކްޝަން ސީންތަކެއް ބެލުންތެރިން ތަޖުރިބާކުރާނެ "ކިންގް" އަކީ ޝަހުގެ އަންހެން ދަރިފުޅު ސުހާނާ ޚާން ވެސް މުހިއްމު ރޯލަކުން ފެންނާނެ ސުހާނާގެ ފުރަތަމަ ބޮޑު ސްކްރީން ފިލްމެވެ.

މި ފިލްމުގެ ކާސްޓުންގެތެރޭ ދީޕިކާ ޕަދުކޯން، ރާނީ މުކަރުޖީ، އަބީޝެކް ބައްޗަން، އަނިލް ކަޕޫރު، ޖެކީ ޝްރޮފް، އަރުޝަދު ވާރުސީ، ޖައިދީޕް އަހުލަވާތު، ރާގަވް ޖުޔަލްގެ އިތުރުން އަބޭ ވަރުމާ ހިމެނެއެވެ.