މި މަހުގެ ފުރަތަމަ ހަފުތާތެރޭ ޝޫޓިންގް ފަށާފައިވާ ދަރުމާގެ ފިލްމު "ނާގްޒިއްލާ"ގެ ބަތަލާގެ ރޯލް ފިލްމު "ލާޕަތާ ލޭޑީސް"އިން ބޮޑު މަގުބޫލުކަމެއް ލިބުނު ޕްރަތިބާ ރަންތާއަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޓައިމްސްނައުގައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ޕްރަތިބާގެ ކުރިން ފިލްމަށް ގެނެސްދޭން ނިންމާފައި ވަނީ ބަތަލާ ސާންޔާ މަލްހޯތުރާއެވެ. ފިލްމު "ނާގްޒިއްލާ" އަކީ ރިގްދީޕް ސިންގް ލަމްބާ ޑައިރެކްޓްކޮށް ދަރުމާ ޕްރޮޑަކްޝަންސް އާއި މަހާވީރު ޖެއިން ފިލްމްސް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

ފިލްމު "ނާގްޒިއްލާ"ގެ ރޯލެއް ޕްރަތިބާއަށް ހުށަހަޅާފައިވާއިރު ބަތަލާ އަންނަނީ މެޑޮކް ފިލްމްސްއިން ގެނެސްދޭ ޕްރޮޖެކްޓެއްގައި ވެސް މަސައްކަތް ކުރަމުންނެވެ.

ރަސްމީކޮށް އިއުލާނު ނުކުރާ އެ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުއެވެ. މެޑޮކް ފިލްމްސްގެ ޝެޑިއުލްއާ ފުށު ނާރާނަމަ ދަރުމާގެ "ނާގްޒިއްލާ"ގެ ފިލްމުން ޕްރަތިބާ ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ނާގްޒިއްލާ"ގެ ޕޯސްޓަރެއް އަދި އެ ފިލްމުގެ ލީޑް އެކްޓަރު ކާތިކް އާރްޔަން ޕްރޮޑިއުސަރު ކަރަން ޖޯހަރުއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް

ކާތިކް ލީޑް ރޯލް ކުޅުނު ކާމިޔާބު ފިލްމު "ބޫލް ބުލައްޔާ 3" ރިލީޒްކުރިތާ އަހަރެއް ފާހަގަކުރުމާ ދިމާކޮށް ކުރި ޕޯސްޓުގައި އެކްޓަރު ބުނީ ފިލްމު "ނާގްޒިއްލާ"ގެ ސެޓުގައި މަސައްކަތްކުރަން ފަށާފައިވާ ކަމަށެވެ. އަދި ފިލްމު އަންނަ އަހަރުގެ އޮގަސްޓް މަހުގެ 14ގައި ސިނަމާތަކަށް ގެންނާނެ ކަމަށް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

ފިލްމު "ލާޕަތާ ލޭޑީސް"ގައި ކުޅުނު ރޯލްއިން މި އަހަރުގެ ފިލްމުފެއާ އެންމެ މޮޅު އާ ބަތަލާގެ އެވޯޑު ވެސް ކާމިޔާބުކުރި ޕްރަތިބާ އަކީ މިފަހުން ބޮލީވުޑަށް ތައާރަފްވި ބަތަލާއިންގެ ތެރެއިން ޕްރޮޑިއުސަރުންގެ ލޯތައް އެންމެ ބޮޑަށް އަމާޒުވެފައިވާ އެއް ބަތަލާއެވެ.