10 Nov 2025, 08:54
ބޮލީވުޑްގެ އެކްޓަރު ސަނީ ޑިއޯލްގެ އިތުރުން އިތުރު އެކްޓަރުންތަކެއް މުހިއްމު ރޯލްތަކުން ފެންނާނެ ފިލްމު "ބޯޑާ 2" ސިނަމާތަކަށް ގެންނާނެ ތާރީޚު އިއުލާނުކޮށްފިއެވެ.
އެ ފިލްމުގެ ކާސްޓުގައި ހިމެނޭ އެންމެ މުހިއްމު އެއް އެކްޓަރު ކަމަށްވާ ވަރުން ދަވަންގެ ކެރެކްޓާ ދައްކާލި ޕޯސްޓަރާ އެކު ފިލްމު ސިނަމާތަކަށް ގެންނަން ނިންމި ތާރީޚަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 23އެވެ.
މި ފިލްމަކީ 1997 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ހަނގުރާމަ ފިލްމު "ބޯޑާ"ގެ ސީކުއަލްއެކެވެ. ޑައިރެކްޓަރު ޖޭޕީ ދައްތާގެ ޖޭޕީ ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ-ސީރީސް ގުޅިގެން އުފައްދާ މި ފިލްމުން ފެންނާނެ އިތުރު ތަރިންގެތެރޭ އަހާން ޝެޓީ އަދި ދިލްޖީތު ދޮސާންޖް ވެސް ހިމެނެއެވެ. ފިލްމުގައި ބަތަލާއިންގެ ގޮތުގައި ފެންނާނީ މޯނާ ސިންގް އަދި ސޯނަމް ބާޖްވާއެވެ.
ފިލްމު "ބޯޑާ 2"ގެ ޝޫޓިން ނިމި ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތްއިރު މި ފިލްމުގެ މިފަހަރުގެ ޑައިރެކްޓަރަކީ އަނޫރާގް ސިންގްއެވެ. އޭނާ އަކީ 2019 ވަނަ އަހަރު ދަރުމާއިން ގެނެސްދިން ފިލްމު "ކޭސަރީ"ގެ ވެސް ޑައިރެކްޓަރެވެ.

ފިލްމު "ބޯޑާ 2"ގެ ކާސްޓުން--ފޮޓޯ/ހިންދުންސްތާންޓައިމްސް
ފިލްމު "ބޯޑާ 2"ގައި ވަރުންގެ ކެރެކްޓަ ދައްކާލިއިރު އެކްޓަރު ފެންނަނީ އިންޑިއާގެ ސިފައިންގެ ޔުނިފޯމުގައި ހަނގުރާމައިގެ މައިދާނުގައި ހަރަކާތްތެރިވާ މަންޒަރެވެ.
އެ ޕޯސްޓަރުގެ ކެޕްޝަންގެ ގޮތުގައި ބުނެފައި ވަނީ ބޯޑާ އަކީ އޭނާގެ ޑިއުޓީ ކަމަށާއި އިންޑިއާއާ މެދު ހިތުގައި އޮތް ލޯތްބަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.
ވަރުންގެ ޕޯސްޓަރާ އެކު އެކްޓަރަށް ސަޕޯޓުކުރާ ގިނަ ބަޔަކު ބުނެފައި ވަނީ މި ފިލްމަކީ ވަރުންގެ ކެރިއަރުގެ އެންމެ މުހިއްމު އެއް ފިލްމަށްވާނެ ކަމަށާއި މިއީ ބޮކްސް އޮފީހުގެ 100 ކްރޯޑު ކްލަބުން ޖާގަ ކަށަވަރުކުރާނެ ފިލްމެއް ކަމަށެވެ.
ވަރުން އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ފުރަތަމަ ހަފްތާގައި ރިލީޒްކުރި ފިލްމު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ"އިންނެވެ.