09 Nov 2025, 22:58
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ދިވެހި ވިޔަފާރިވެރިންނަށް ރަނުގެ ފުރުސަތެއް ކަމަށް ވިދާޅުވެ، ރާއްޖެއާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުން ވެސް ބޮޑުތިލަދުންމަތީގައި އިންވެސްޓު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފިއެވެ.
އެ އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ މަނިކުފާނު ވިދާޅުވީ، މި ދޮރާއްޓަކީ ހަލުވި މިނުގައި ރާއްޖޭގެ ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި ހާސިލުކުރެވޭނެ މުހިންމު ވަސީލަތެއް ކަމަށެވެ.
ހަނިމާދޫ އެއާޕޯޓު އެންމެ ފުޅާމިނުގައި ރާއްޖޭގެ ވިޔަފާރިވެރިން ބޭނުންކޮށް، އެ ސަރަހައްދުގައި އިންވެސްޓުކުރުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
ރާއްޖޭގެ ކުދި ބޮޑު މެދު ފަންތީގެ ހުރިހާ ވިޔަފާރިވެރިން މި ސަރަހައްދަށް ވަޑައިގަންނަވަން. މި ސަރަހައްދުގައި އިންވެސްޓު ކުރައްވަން. މިއީ ވަރަށް ބޮޑު ރަނުގެ ފުރުސަތެއް. ރާއްޖޭން ބޭރުގެ އިންވެސްޓަރުން ރާއްޖެ އައުމަށް ވެސް އަޅުގަނޑު ހަމަ ގޮވާލަންރައީސް ޑރ. މުޙައްމަދު މުއިއްޒު

ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން: އެ މަނިކުފާނު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓަކީ ދިވެހި ވިޔަފާރިވެރިންނަށް ރަނުގެ ފުރުސަތެއް ކަމަށްް --- ފޮޓޯ: ރައީސް އޮފީސް
ބޮޑުތިލަދުންމަތީގައި އެކަށީގެންވާ ވަރަށް ފަތުރުވެރިކަން ކުރިއަރާފައި ނެތް ކަމަށާއި އެ ސަރަހައްދުގައި އެ ދާއިރާ ފުޅާކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ކަމަށް މަގުފަހި ކުރުމަށް ފެށިފައިވާ މަޝްރޫއެއްގެ ގޮތުން ރައީސް ފާހަގަކުރެއްވީ، މީގެކުރިން ފަތުރުވެރިކަމަށް ދޫކޮށްފައި އޮތް ހދ. ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް، އަންނަ އަހަރު ހުޅުވަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އާ ހަވާލުކުރި ކަމެވެ.
އެ މަޝްރޫއަކީ ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަން 'ފައްކާ ކުރުމުގައި' ނަތީޖާ ނެރެދޭނެ އެންމެ މުހިންމު މަސައްކަތުގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
އޭގެއިތުރަށް، ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅުގައި ފަޅުތަކުން އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލާފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އެކަމަށް އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށާއި އެމަރުހަލާ ހިނގަމުން އަންނަ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް
ހަމައެހެންމެ، ހަނިމާދޫ އެއާޕޯޓު ޒަމާނީކުރުން ގުޅިފައިވަނީ ބޮޑުތިލަދުންމައްޗާއި މުޅި ރާއްޖޭގެ ތަރައްގީގެ މުހިންމު މަސައްކަތްތަކާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މިރޭ ހަނިމާދޫ އެއާޕޯޓު ހުޅުވީ ޒަމާނީ ފެންވަރުގެ ޚިދުމަތްތަކާ އެކީގައެވެ. އެގޮތުން، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ވަރުގެ ޕެސެންޖާ ޓާމިނަލެއް ވަނީ ގާއިމުކޮށްފައެވެ.