09 Nov 2025, 22:07
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު ޝިފާން، ފުލުހުންގެ ދެ އެގްޒެކެޓިވް އޮފިސަރަކު ފްރޭމް ކުރަން އުޅުނު ކަމަށް ތުހުމަތުވާ މައްސަލަ ލިބުމާއެކު، އެ މައްސަލަ ބަލަން އެންގެވި ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
ޝުޖާއު އެހެން ވިދާޅުވީ، ފުލުހުންގެ ޗީފް އިންސްޕެކްޓާ ރޭންކުން މަތީ ރޭންކްތަކުގެ 11 އޮފިސަރަކު, ވިސުލްބްލޯވަރުންގެ ގޮތުގައި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފައިވާ ސިޓީއެއްގައި ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެންނެވެ.
އެ ސިޓީގައި، ޝިފާނަށް ކުރި ތުހުމަތުތަކުގެ ތެރޭގައި، މިދިޔަ މާރިޗު މަހު، ގަވާއިދާ ޚިލާފަށް ވައިގެ މަގުން ރާއްޖެއަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލައަކާ ގުޅިގެން އެކަމާ އެއްވެސް ގުޅުމެއްނެތް ޑެޕިއުޓީ ކޮމިޝަނަރަކާއި އެސިސްޓެންޓް ކޮމިޝަނަރެއް ފްރޭމް ކުރަން އުޅުމުގެ ތުހުމަތު ހިމެނެއެވެ.
އެ ސިޓީގައި ވަނީ، ފުލުހުންގެ ދެ އެގްޒެކެޓިވް އޮފިސަރަކު ފްރޭމް ކުރަން އުޅުނުކަމުގެ ތުހުމަތުގައި ޝިފާނާ ދެކޮޅަށް މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑަށް މާޗް މަހުގެ ފަހުކޮޅު ހުށަހެޅި ކަމަށެވެ. އެ މައްސަލައިގައި، ޝިފާނާ ގުޅުންހުރި ވަކީލެއްގެ ބަޔާން ނަގާފައިވަނިކޮށް، އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް ސީޕީ އެންގުމުން އެ މައްސަލައިގެ ތަހުގީގު ހުއްޓިފައިވާ ކަމަށް އެ ސިޓީގައި ތުހުމަތުކޮށްފައިވެއެވެ.
އެ ސިޓީގައި ތުހުމަތުކޮށްފައިވާ ގޮތުން، އެ މައްސަލަ ނުބަލަން ސީޕީ އެންގެވީ ޝިފާނާ، މަޖިލީިހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ސަރުކާރުގެ އެހެން އިސް ބޭފުޅުންނާ ގާތް ގުޅުން އޮންނާތީ، އެ މައްސަލަ ބަލަން އުޅެފިނަމަ ސީޕީގެ މަގާމުގައި ހުންނަވަން ސިޔާސީ ގޮތުން ދަތިކޮށްފާނެތީއެވެ.
އެ މައްސަލަ ހުށަހެޅި ކަމަށް ބުނާ މުއްދަތުގައި ސީޕީއަކަށް ހުންނެވީ ޝުޖާއުއެވެ.
އެ ތުހުމަތާ ގުޅޭ ގޮތުން ޝުޖާއު "ސަން"އަށް ވިދާޅުވީ، ސީޕީއަކަށް ހުންނެވިއިރު އެ މައްސަލަ ހުށަހެޅުމާއެކު އެކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑަށް އަމިއްލައަށް ހުށަހެޅުއްވި ކަމަށެވެ. އޭގެ ހެއްކަކީ އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ބަޔާން ނަގަން ފަށައި، ބައެއް ބަޔާންތައް ނިމިފައިވާ ކަމަށް އެ ކޮމާންޑުން ބްރީފްކޮށްދީފައި އޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ އޭނާ ރިޓަޔާ ކުރެއްވި ފަހުން އެ މައްސަލައިގައި ކަންތައް ވެފައިވާ ގޮތް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
ޝުޖާއު މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރީލް 26ގައެވެ. އޭގެފަހުން، އޭޕްރީލް 28ގައި ޝުޖާއު ވަނީ، ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރައްވާފައެވެ.