ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ ވިއްކަން ހެދި 'ފައްޓަރު ބައެއް' ނޫން ކަމަށާއި "އެ ޖަވާހިރުން" ބިނާކުރާނީ އުފާވެރި ބޮޑުތިލަދުންމައްޗެއް ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު މިރޭ ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އެއާޕޯޓު ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ، މި އެއާޕޯޓުން ބޮޑުތިލަންދުންމަތީގައި އެތައް ވަޒީފާތަކެއް އުފެދި، މުޅި ރާއްޖެއަށް އިގުތިޞާދީ މަންފާތަކެއް ލިބޭނެ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓަކީ ހަމައެކަނި ވައިގެ ބަނދަރެއް ނޫން ކަމަށް ވިދާޅުވެ، ޝަރީފް ވަނީ، އެއީ އުތުރުން ދިއްލާލެވުނު އިގުތިޞާދީ ދަންމަރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ހަނިމާދޫ އެއާޕޯޓު ހުޅުވުން ފާހަގަކުރުމަށް ހަވާ އަރުވަނީ: ޝަރީފް ވިދާޅުވީ، ހަނިމާދޫ އެއާޕޯޓަކީ، ވިއްކަން ހެދި ފައްޓަރުބައެއް ނޫން، މި ޖަވާހިރުން ބިނާކުރާނީ އުފާވެރި ބޮޑުތިލަދުންމައްޗެއް ކަމަށް --- ފޮޓޯ/ އެމްއޭސީއެލް

މި އެއާޕޯޓަކީ މުސްތަގުބަލަށް ހުޅުވުނު ދޮރޯއްޓެއް ކަމަށާއި އެއީ އެތައް އަހަރެއް ވަންދެން ބޮޑުތިލަދުންމަތީގެ ރައްޔިތުން ދެކުނު ގަދީމީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށް އޭނާ ވިދާޅުވިއެވެ.

އީޖާދީ ވިސްނުމާއި އެންމެ ޒަމާނީ ވަސީލަތްތަކުގެ ތެރެއިން ހަނިމާދޫގައި ތަރައްގީ ކުރި އަޖައިބެއް ފަދަ މި ވައިގެ ބަނދަރުން ކޮންމެ 365 ދުވަހަކުން 1.5 މިލިއަން ފަތުރުވެރިން ރާއްޖޭގެ އަސްކަނިން އެތެރެވާތަން ދުށުން އޮތީ މާތްﷲ ގެ ވާގިފުޅާއެކު މާދުރަކު ނޫން

ޝަރީފް ވިދާޅުވި ގޮތުގައި، ބޮޑެތި މަތިންދާބޯޓުތައް ހަނިމާދޫ އެއާޕޯޓަށް ޖައްސާ މަންޒަރު، އެ ސަރަހައްދުގެ ރައްޔިތުން އުފާވެރިކަމާއެކު ބަލަން ތިބޭނެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދެކަނބަލުން ހަނިމާދޫ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި --- ފޮޓޯ/ އެމްއޭސީއެލް

އޭގެއިތުރުން، އެއީ އިގުތިޞާދީ ތަރިކައިގެ އެންމެ މުހިންމު ކުރިބޯށި ކަމަށް ވިދާޅުވެ، އޭނާ ވަނީ، މުސްތަގުބަލަށް ވެސް އެއާޕޯޓު ފޯރުކޮށްދިނުމަކީ އެންމެންގެ ވާޖިބެއްކަން ފާހަގަކުރައްވާފައެވެ.

މިއީ އަޅުގަނޑުމެން ވިއްކަން ހެދި ފައްޓަރު ބައެއް ނޫން. މި ޖަވާހިރުން އަޅުގަނޑުމެން ބިނާކުރާނީ މާ އުފާވެރި މުސްތަގުބަލެއް. މާ އުފާވެރި ބޮޑުތިލަދުންމައްޗެއް

އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، މި ސަރުކާރު ހަވާލުވިއިރު، ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއިން ނިމިފައި އޮތީ ގާތްގަނޑަކަށް 30 ޕަސެންޓު ކަމަށެވެ.

އެއާޕޯޓުގެ ކާގޯ ޓާމިނަލާއި އިންޖީނުގެ ހިމެނޭހެން ބައެއް ތަންތަން ނުނިމި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެ ތަންތަން "ކުޑަ ދުވަސްކޮޅެއްގެ" ތެރޭގައި ނިންމަން އެހީތެރިވެދެއްވި ކަމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ޝަރީފް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި، މަޝްރޫއަށް އެހީތެރިވެދެއްވި ހުރިހާ އެންމެނަށް އޭނާ ވަނީ ޝުކުރު ދަންނަވާފައެވެ.

ޝަރީފް އެގޮތަށް ވާހަކަދެއްކެވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވަނީ، އެމްއޭސީއެލްގެ ދަށުން ހިންގާ މައި އެއާޕޯޓު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ރާއްޖެއަށް ފައިދާވާނެ ކަމަށް ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވައިފައެވެ.

ރާއްޖޭން އަންނަ އަހަރު ދައްކަން ޖެހޭ 1.1 ބިލިއަން ޑޮލަރުގެ ދަރަނި، ސުކޫކް ވިއްކައިގެން ދައްކަން މަސައްކަތްކުރާ ކަމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވެފައިވަނީ، ވީއައިއޭގެ ހިއްސާ ވިއްކައިންގެ ލިބޭ އާމްދަނީން ދަރަނި ދެއްކޭނެ ކަމަށެވެ.

މީގެ އިތުރުން މިދިޔަ ޖުލައި މަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ސަރުކާރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކަން އުޅޭ ކަމަށް ތުހުމަތު ކުރައްވައިފައެވެ. އެހެންނަމަވެސް، އޭރު ވެސް ސަރުކާރުން ވަނީ އެ ތުހުމަތު ދޮގުކޮށްފައެވެ.

ހަނިމާދޫ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސްގެ ދެކަނބަލުން ވަޑައިގަތީ، A320ގެ މަރުކާގެ މަތިންދާ ބޯޓެއްގައެވެ. އެއީ، މިހާތަނަށް އެ އެއާޕޯޓަށް ޖެއްސި އެންމެ ބޮޑު މަތިންދާބޯޓެވެ.

އެ އެއާޕޯޓުގެ 2،465 މީޓަރު ދިގު ރަންވޭއަކީ ނެރޯ ބޮޑީގެ ހުރިހާ ވައްތަރެއްގެ މަތިންދާ ބޯޓު ޖެއްސޭވަރުގެ ރަންވޭއެކެވެ. އަދި، ފިއުލް ފާމަކާއި ކާގޯ ޓާމިނަލްއެއް ވަނީ ތަރައްގީކޮށްފައެވެ.

އޭގެ އިތުރުން، މި އެއާޕޯޓުގައި ދިވެހި ފަންނުވެރިންގެ ހުނަރު ދައްކުވައިދޭ ކުރެހުންތައް ވަނީ ހިމަނާފައެވެ.