އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު ޝިފާން، ފުލުހުންގެ ދެ އެގްޒެކެޓިވް އޮފިސަރަކު ފްރޭމް ކުރަން އުޅުނު ކަމަށް ތުހުމަތުވާ މައްސަލަ ނުބަލަން ނިންމީ، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާ ޝިފާނާ އޮންނަ ގުޅުމުގެ ސަބަބުން، މައްސަލަ ބަލައިފިނަމަ އޭރުގެ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް މަގާމުގައި ހުރުމަށް ދަތިވެދާނެތީ ކަމަށް ތުހުމަތުކޮށްފިއެވެ.

ފުލުހުންގެ ޗީފް އިންސްޕެކްޓާ ރޭންކުން މަތީ ރޭންކްތަކުގެ 11 އޮފިސަރުން ވަނީ, ވިސުލްބްލޯވަރުންގެ ގޮތުގައި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި ވަނީ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޝިފާނަށް އެތައް ތުހުމަތުތަކެއްކޮށް މައްސަލަތައް ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދިފައެވެ.

ފުލުހުންގެ ތަރުޖަމާނަކަށް ހުރި ޝިފާނަށް ކުރި ތުހުމަތުތަކުގެ ތެރޭގައި، މިދިޔަ މާރިޗު މަހު، ގަވާއިދާ ޚިލާފަށް ވައިގެ މަގުން ރާއްޖެއަށް ސިނގިރެޓު އެތެރެކުރި މައްސަލައަކާ ގުޅިގެން އެކަމާ އެއްވެސް ގުޅުމެއްނެތް ޑެޕިއުޓީ ކޮމިޝަނަރަކާއި އެސިސްޓެންޓް ކޮމިޝަނާއެއް އެކުށުގައި ބައިވެރިވާކަމަށް ބުނެ، އެ ދެ އޮފިސަރުން ފްރޭމް ކުރުމަށް ޝިފާން މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

އެގޮތުން، މީޑިއާތަކުގައި މަސައްކަތްކުރާ އެކިއެކި ނޫސްވެރިންނަށް ގުޅައިގެން ގަވާއިދާ ޚިލާފަށް ސިނގިރެޓު އެތެރެކުރި މައްސަލައިގައި ފުލުހުންގެ ސީނިއާ ދެ އޮފިސަރަކު ހިމެނޭކަމަށް ބުނެ، އެވާހަކަތައް ނޫސްތަކުގެ ސުރުޚީތަކަށް އެރުވުމުގައި ޝިފާން މަސައްކަތްކުރި ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

"އެމައްސަލައިގައި ހައްޔަރުކުރި ފުލުސް މީހާގެ ގާނޫނީ ވަކީލަށް ގުޅައި އެމައްސަލައިގައި ހައްޔަރުކޮށްގެން ތިއުޅެނީ މާކުޑަކުއްޖެއް ކަމަށާއި އެމައްސަލައިގެ ތެރެއަށް ސިނިއާ ދެމީހުން ވައްދަންޖެހޭ" ކަމަށްބުނެ އެކަން ކުރެވޭނޭ ގޮތެއް ނެތްތޯ ލޯޔަރު ކައިރީގައި ޝިފާން އެެއްސެވި ކަމަށް މި ސިޓީގައި ބުނެފައިވެއެވެ.

އެ މައްސަލައިގެ ތެރެއަށް ވައްދަން ޝިފާން ބޭނުންވާ ޑެޕިއުޓީ ކޮމިޝަނަރުގެ ނަމާއި، އެސިސްޓެންޓް ކޮމިޝަނަރުގެ ނަން ވަކީލަށްދީ، އެ މައްސަލައިގައި ތެރޭގައި އެ ދެ އޮފިސަރުން ވެސް ހިމެނޭކަމަށް ހަދާ ތަހުގީގަށް އެގޮތަށް މައުލޫމާތު ދިނުމަށް ވަކީލުގެ ކިބައިން ޝިފާން އެދުނު ކަމަށް މި ސިޓީގައި ބުނެފައިވެއެވެ.

ފުލުހުންގެ ދެ އެގްޒެކެޓިވް އޮފިސަރަކު ފްރޭމް ކުރަން އުޅުނުކަމުގެ ތުހުމަތުގައި ޝިފާނާ ދެކޮޅަށް މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑަށް މާޗް މަހުގެ ފަހުކޮޅު ހުށަހެޅި ކަމަށް ފުލުސް އޮފިސަރުން ބުންޏެވެ.

އެ ވަކީލުގެ ބަޔާން ނަގާފައިވަނިކޮށް، އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް އޭރުގެ ސީޕީ އެންގުމުން އެ މައްސަލައިގެ ތަހުގީގު ވަނީ ހުއްޓިފައި ކަމަށްވެސް ބުންޏެވެ.

އެ މައްސަލަ ހުށަހެޅި ކަމަށް ބުނާ މުއްދަތުގައި ސީޕީއަކަށް ހުންނެވީ ޝުޖާއުއެވެ.

އެ ސިޓީގައި ތުހުމަތުކޮށްފައިވާ ގޮތުން، ސީޕީ މައްސަލަ ކުރިއަށް ނުގެންދަން އެންގެވީ، ޝިފާނަކީ މ. ރަތްމަންދޫއަށް ނިސްބަތްވާ މީހަކަށްވެފައި، އެއީ ނާޒިމްގެ ދާއިރާއަށް ވުމުން، ނާޒިމްއާ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާ ޝިފާނާ ގާތްގުޅުމެއް އޮތުމުންނެވެ.

އެހެންވެ، އެ މައްސަލަ ބަލަން އުޅެފިނަމަ، ސީޕީއަށް މަގާމުގައި ހުރުމަށް ސިޔާސީ ގޮތުން ދަތިކޮށްފާނެ ކަމަށް ބެލެވޭތީ މައްސަލަ ނުބެލީ ކަމަށް ސިޓީގައިވެއެވެ.

އެ ތުހުމަތާ ގުޅޭ ގޮތުން، ޝުޖާޢު ވިދާޅުވީ ސީޕީއަކަށް ހުންނެވިއިރު އެ މައްސަލަ ހުށަހެޅުމާއެކު އެކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްއަށް ހުށަހެޅުއްވި ކަމަށެވެ. އޭގެ ހެއްކަކީ އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ބަޔާން ނަގަން ފަށައި, ބައެއް ބަޔާންތައް ނިމިފައިވާ ކަމަށް އެ ކޮމާންޑުން ބްރީފްކޮށްދީފައިވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އޭނާ ރިޓަޔާ ކުރެއްވި ފަހުން އެ މައްސަލައިގައި ކަންތައް ވެފައިވާ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޝުޖާއު މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރީލް 26ގައެވެ. އޭގެފަހުން، އޭޕްރީލް 28ގައި ޝުޖާއު ވަނީ، ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރައްވާފައެވެ.

ޝުޖާއު އިސްތިއުފާ ދެއްވުމުން އެންމެ ފުރަތަމަ އެކްޓިން ކޮމިޝަނަރަކަށް އައްޔަން ކުރެއްވީ ފަރުހާދެވެ. ނަމަވެސް އޭގެ ގަޑިއިރެއް ފަހުން ވަނީ އޭނާގެ އަތުން މަގާމު ނަގައި އެ މަގާމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އައްޔަން ކުރައްވައިފައެވެ.

މި ސަރުކާރުން އެންމެ ފުރަތަމަ ޕޮލިސް ކޮމިޝަނަރަކަށް ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ވާދަ ކުރެއްވީ ވެސް ޝުޖާއު އާއި ނަވީންނެވެ.