09 Nov 2025, 17:25
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ރެކޯޑު ބަޖެޓުގައި ޚަރަދު ކުޑަކުރާނެ ތަފްސީލުތައް ހިމަނާފައި ނެތް ކަމަށާއި، ޚަރަދު ކުޑަކުރުން "އިބިލީހުގެ ކައިވެންޏަށް"ވެ ނިމިއްޖެ ކަމަށް ވިދާޅުވެ، އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ މިއަދު ނުރުހުން ފާޅުކުރައްވައިފިއެވެ.
ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ ގުޅޭގޮތުން ނިޔާޒީ ވިދާޅުވީ، ދައުލަތުގެ ޚަރަދުތައް ކުޑަނުކުރާތީ ދަރަނި އިތުރުވަމުން އަންނަ ކަމަށާއި، ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ހުންނަނީ ދެމެހެއްޓެނިވި ގޮތަކަށް ނޫން ކަމަށެވެ.
އާންމު ގޮތެއްގައި ކޮންމެ އަހަރެއްގައި ވެސް ބަޖެޓުގައި ދައުލަތުގެ ޚަރަދުތައް ކުޑަކުރާނެ ގޮތުގެ ތަފްސީލު ހިމަނައި، ފިޔަވަޅުތައް އަޅާފައި ނެތް ނަމަވެސް، އަންނަ އަހަރުގެ ބަޖެޓުގައި ޚަރަދު ކުޑަކުރާނެ ގޮތުގެ ތަފްސީލު އެންމެ ކުޑަމިނުން ހިމަނާފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ފަސްކުރަމުން ލަސްކުރަމުން މި ދަނީ ކޮންމެ އަހަރަކުވެސް، ދަމުން ދަމުން ގޮސް އަޅުގަނޑުމެންނަށް ކިހާ ހިސާބަކަށްތޯ ފަސްކުރެވޭނީ؟ ޚަރަދު ކުޑަކުރުމުގެ ކަންކަން މިހާރު މިހުރީ އިބިލީހުގެ ކައިވެންޏަށް ވާ ހިސާބަށް ގޮސް. ލަސްކުރަމުން ފަސްކުރަމުން މި އަހަރުގެ ބަޖެޓު ފޮތުގައި [ޚަރަދު ކުޑަކުރުން] ފިނޭންސް މިނިސްޓްރީން ޖައްސަވާފައި ވެސް ނެތް،އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ
އެގޮތަށް ސަރުކާރުން ޚަރަދު ކުޑަކުރުން ފަސްކުރެވޭނީ ކިހާ ވަރަކަށްތޯ ސުވާލު އުފައްދަވައި ނިޔާޒީ ވިދާޅުވީ ސަރުކާރުން ޚަރަދުތައް ކުޑަ ނުކުރެވޭނަމަ ދަރަނި ނުހިފެހެއްޓޭ ހިސާބަށް ދާނެ ކަމަށެވެ.
އެހެންކަމުން ބަޖެޓު ފާސްކުރާއިރު، ޚަރަދު ކުޑަކުރަން އަޅާނެ ފިޔަވަޅުތައް ނުހިމަނައި އޮތަސް ޚަރަދު ކުޑަކުރާނެ އުސޫލުތައް ފާސްކުރުމަށް ނިޔާޒީ ލަފާދެއްވިއެވެ.
ބަޖެޓަށް ލަފާ ހޯދަން ބަޖެޓު ދިރާސާކުރާ ކޮމިޓީއަށް ހާޒިރުކުރުމުން އޮޑިޓާ ޖެނެރަލް އޮފީހުގެ ފަރާތުން ޑިރެކްޓާ ޖެނެރަލް މުހައްމަދު ޝާން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ދައުލަތަށް 40 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ކޮށްފައިވަނީ ރަނގަޅު އަންދާޒާއެއް ކަމަށާއި، ނަމަވެސް އާމްދަނީ އިތުރުކުރާނެ ސިޔާސަތެއް ނެތް ކަމަށެވެ.

ކުރިން ބޭއްވި މާލިއްޔަތު ކޮމިޓީ ބައްދަލުވުމެއްގައި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީއާއި އެ އޮފީހުގެ ބައެއް މުވައްޒަފުން --- ފޮޓޯ/ މަޖިލިސް
އަހަރުން އަހަރަށް ސަރުކާރުން ކުރާ ޚަރަދުތައް އިތުރުވަމުން އަންނަކަން ފާހަގަވެފައިވާ ކަމަށާއި، ޚަރަދުކުރުމަށް ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމައި އެކަން ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާކަން ޝާން ފާހަގަކުރެއްވިއެވެ.
2026 ވަނަ އަހަރަށް ބަލާއިރުގައި ޚަރަދުކުޑަކުރަން ރާވާފައި ހުރި ޕްލޭންތައް ނުވަތަ ކޮންސޮލިޑޭޝަން މެޝާސްތައް ތަފްސީލުކޮށް ބަޖެޓު ފޮތުގަ ހިމަނާފައި ނުއެއް ނެތް،އޮޑިޓް އޮފީހުގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ޝާން
ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ޚަރަދުކުޑަކުރުމުގެ ސިޔާސަތުތަކެއް ތަންފީޒުކުރުމަށް މިއަހަރުގެ ބަޖެޓުގައި ވެސް ކަނޑައެޅިއެވެ. އެހެންނަމަވެސް އެ ސިޔާސަތުތައް ތަންފީޒެއް ނުވެއެވެ.
މި ސަރުކާރުން ޚަރަދު ކުޑަ ކުރުމަށް ޕެންޝަނާއި ސަބްސިޑީ އިސްލާހު ކުރަން ބަޖެޓުގައި ހިމެނި ނަމަވެސް އެ ނިންމުންތައް ފަހުން ވަނީ ބަދަލުކޮށްފައެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ، އެ އިސްލާހުތައް ގެނައުމުގެ ބަދަލުގައި، ސަރުކާރުގެ ކުންފުނިތަކަށް މަޝްރޫއުތައް ދީގެން ޚަރަދު ސަލާމަތް ކުރުމަށެވެ.
އެ ނިންމެވުމާ ގުޅިގެން އަމިއްލަ ވިޔަފާރިތަކަށް މަޝްރޫއުތައް ނުލިބި، ގެއްލުންވަމުން އަންނަ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ކަން އެހެން އޮއްވައި މިފަހުން ވަނީ ބިޑަކަށް ނުލައި ޖުމްލަ 206 މަޝްރޫއެއް ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދީފައެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އެއް ފަހަރު އާންމުކުރާ ދައުލަތުގެ ޚަރަދާއި އާމްދަނީގެ ތަފާސްހިސާބު މިފަހުން ވެސް މަސް ދުވަސް ވަންދެން ހާމަނުކޮށް ދިޔައެވެ. މި ސަރުކާރުގެ ފުރަތަމަ ކޮޅު ވެސް ޚަރަދުގެ ހިސާބުތައް ހާމަނުކުރާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިއެވެ. އޭރު ސަރުކާރުން ވަނީ ރިޕޯޓުތައް ހާމަނުކުރެވުނީ މިދިޔަ ސަރުކާރުގައި ބައެއް ޚަރަދުތައް ކޮށްފައި ހުރި ގޮތުން ކަމަށް ބުނެފައެވެ. އެގޮތުން ފިނޭންސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ދެ ބިލިއަން ރުފިޔާ ހިސާބުނުކޮށް ހުރި ކަމަށް ވިދާޅުވެފައެވެ.