09 Nov 2025, 16:06
އެހެނިހެން ގައުމުތަކުން ބޭނުން ނުކޮށް ހުންނަ ހައްޖު ކޯޓާގެ ފުރުސަތުތައް ރާއްޖެއަށް ހޯދުމަށްޓަކައި ސައުދީ އަރަބިއްޔާއާއެކު މަޝްވަރާކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ސައުދީއާއެކު އެ މަޝްވަރާކުރުން ބާއްވާފައި ވަނީ ސައުދީގެ މިނިސްޓާ އޮފް ހައްޖު އެންޑް އުމްރާ ޑރ. ތައުފީޤު ރަބީޢުގެ ދައުވަތަކަށް މިނިސްޓަރު ޝަހީމް އެ ގައުމަށް މިވަގުތު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގައި މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
ސައުދީ ސަރުކާރުން ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް ދޫކުރަނީ 1،000 މީހުންގެ ކޯޓާއެކެވެ. އެ ކޯޓާގެ ދަށުން 850 މީހުންނަށް ކިޔޫ ތަރުތީބުން، ބަލި މީހުންގެ އެހީތެރިންނާއި ކައްކާއިން ހިމެނޭހެން އެހީތެރިންގެ ގޮތުގައި 100 މީހުން، އަދި ފަގީރުންގެ ލިސްޓުގައި ހިމެނިގެން ސަރުކާރުގެ ޚަރަދުގައި ދާ 50 މީހުންނަށް ހައްޖަށް ދެވެއެވެ.
މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ޝަހީމް މިއަދު ވިދާޅުވީ ގައުމުތަކަށް ކަނޑައަޅާފައި އޮންނަ ރަސްމީ ކޯޓާގެ އިތުރަށް، އިތުރު ކޯޓާ މިހާރު ނުދެއްވި ނަމަވެެސް، އެހެން ގައުމުތަކަށް ދީފައި ހުންނަ ކޯޓާގެ ތެރެއިން އެ ގައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާގެ ފުރުސަތު ރާއްޖެއަށް ހޯދަން މިއަދު މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެއީ ކޯޓާ އިތުރަށް ބޭނުންވާ ގައުމުތަކުން ބޭނުން ކުރެވޭ ގޮތައް ސައުދީއިން ކުރިއަށް ގެންދާ 'ހައްޖު މުބާޝިރު' އިނިޝިއޭޓިވް ކަމަށް ޝަހީމް ވިދާޅުވިއެވެ.

ދިވެހި ހައްޖުވެރިންތަކެއް -- ފޮޓޯ/ އެމްއޭސީއެލް
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝަހީމް ވަނީ، ހައްޖާއި އުމްރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، ދެ ހަރަމްފުޅަށް ޚިދުމަތްކުރުމުގައި ސައުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދުނިޔޭގެ ކަންކޮޅުތަކުން އަންނަ ހައްޖުވެރިންނަށް ކަންކަން ފަސޭހަކޮށްދެއްވުމަށް ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެކަމަށްވެސް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، ދިވެހި ހައްޖުވެރިންނަށް ދިމާވާ ދަތިތައް ހައްލު ކުރެއްވުމަށް ސައުދީގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން އަބަދުވެސް ދެއްވާ އެހީތެރިކަން ޝަހީމް ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނުއްވައިދެއްވާ، ދިވެހި ހައްޖުވެރިންގެ ދަތުރަށް ބޮޑު ލުއިފަސޭހަކަމެއް ހޯދައިދެއްވިކަމަށްޓަކައި ޝަހީމް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސައުދީ ރަސްގެފާނާއި، ވަލީއަޙްދު އަދި ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، ސައުދީއާއެކު އޮންނަ އަޚުވަންތަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާ ކަމެއްކަމަށާއި، އެ ގުޅުން އަބަދުވެސް ވަރުގަދަ ކަމާއެކު ދެމިއޮންނާނެކަމަށް ވެސް މި ބައްދަލުކުރެއްވުމުގައި ޝަހީމް ވަނީ ވިދާޅުވެފައެވެ.

ހައްޖުގެ ޚިދުމަތާ ބެހޭ އެއްބަސްވުމުގައި ސޮއިކުރަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
މި ދަތުރުގައި ރާއްޖެއާއި ސައުދީއާ ދެމެދު ވަނީ ހައްޖުގެ ޚިދުމަތާ ބެހޭ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ.
ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޝަހީމްއެވެ. ސައުދީގެ ފަރާތުން ސޮއިކުރެއްވީ ހައްޖާއި އުމްރާއާ ބެހޭ ވަޒީރު ޑރ. ތައުފީޤުއެވެ.
މި އެއްބަސްވުމުގައި ބަޔާންކޮށްފައި ވަނީ ކުރިއަށް އޮތް ހައްޖު މޫސުމުގައި ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ އުސޫލުތައް ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން ހައްޖުގެ ޚިދުމަތަށް ފައިސާދައްކާނެ ގޮތާއި، ދިވެހިރާއްޖެއިން ހައްޖުގެ ޚިދުމަތްދޭ ކުންފުނިން ޚިދުމަތް ދޭންޖެހޭނެ ގޮތާއި، ދިވެހި ހައްޖުވެރިންގެ ކަންކަން ބެލެހެއްޓުމަށް ހައްޖު މޫސުމުގައި ރާއްޖޭގެ ހައްޖު މިޝަން ގާއިމުކުރުން ފަދަ މުހިންމު ކަންކަންކަން ހިމެނޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ އެއްބަސްވުމަކީ ކޮންމެ އަހަރަކުވެސް ސޮއިކުރާ އެއްބަސްވުމެއް ކަމަށެވެ.
އަންނަ އަހަރުގެ ހައްޖު ދުވަހަކީ މޭ މަހުގެ 25 ވަނަ ދުވަހެވެ.
ފާހަގަކުރެވޭ ގޮތުގައި، މި އަހަރު ހައްޖަށް ދިޔަ މީހުންނަށް ވަނީ ބޮޑެތި ލުއިތަކެއް ލިބިގެން ގޮސްފައެވެ. މައްކާ ރޫޓު އިނިޝިއޭޓިވްގައި ރާއްޖެ ހިމެނި، ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވުމަށް ފަސޭހަވިއެވެ.
އެހެންވެ، އަވަހަށް ހޮޓަލަށް ގޮސް ތައްޔާރުވެލައިގެން އުމްރާގެ އަޅުކަމަށް ދިއުމަށް އެހެން އަހަރުތަކަށް ވުރެން މި އަހަރު ފަސޭހަވިއެވެ. އަދި، ދިވެހިން ޙައްޖަށްގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށްފަހު ނަގާ ބޭސް ހިލޭ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނެވެ. މިނާ އަދި ޢަރަފާތުގައި ދިވެހި ޙައްޖުވެރިން ތިބޭ ފޭލިގެތަކުގެ ފެންވަރުވެސް ވަނީ މި އަހަރު މަތިކޮށްފައެވެ.
ހައްޖަށްދާ މީހުންނަށް ފުރުސަތު ދިނުމުގައި ސަރުކާރުން ނުފޫޒުފޯރުވާ ކަމުގެ ޝަކުވާ ކުރެއެވެ. އެކަމަށް މިފަހުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ ރައްދުދެއްވާފައެވެ. މިނިސްޓަރު މިދިޔަ މަހު 12ގައި ވިދާޅުވީ، ސައޫދީ ސަރުކާރުން ރާއްޖެއަށް ދޫކުރާ 1،000 މީހުންގެ ހައްޖު ކޯޓާގެ ތެރެއިން ސަރުކާރުން ރިޒާވްކުރާ ކޯޓާގެ އަދަދު ދަށްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
އިންސާފުވެރިކަމާއެކު، ކޯޓާތައް ތަރުތީބުކުރުމަށް ޓަކައި އަލަށް ހައްޖުވާ މީހުންނަށް އިސްކަންދިނުމާއި ކޮންމެ ފަސް އަހަރަކުން ނޫނީ ތަކުރާރުކޮށް ހައްޖަށް ނުދެވޭ ގޮތް ހެދުމާއި، 65 އަހަރުންމަތީ މީހުންނަށް ހައްޖު ކޯޓާއިން ވަކި ޕަސެންޓެއް ކަނޑައެޅުން ފަދަ ބަދަލުތައް މި އަހަރުގެ ހައްޖު މޫސުމުގައި ތަންފީޒުކުރާނެ ކަމަށް އޭރު މިނިސްޓަރު ވިދާޅުވިއެވެ