09 Nov 2025, 15:28
މިއަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެންމެ ގިނައިން ހުށަހެޅީ ޕްރޮކިއުމެންޓާ ބެހޭ މައްސަލަތައް ކަމަށް އެ ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުން ދައްކައިފިއެވެ.
އޭސީސީއިން މިއަދު އެކްސްގައި އާންމުކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި އެ ކޮމިޝަނުގައި މިއަހަރުގެ މިހާތަނަށް ޖުމްލަ 142 މައްސަލަތައް ރަޖިސްޓާ ކޮށްފައިވެއެވެ. އެގޮތުން މިއަހަރުގެ ފުރަަތަމަ ހަ މަހު ޖުމްލަ 77 މައްސަލަ އޭސީސީގައި ރަޖިސްޓާކޮށްފައިވެއެވެ.
މިއަހަރުގެ ޖޫން މަހަަށްފަހު މިހާތަނަށް ޖުމްލަ 65 މައްސަލަ ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް އޭސީސީއިން ރެކޯޑުކޮށްފައިވެއެވެ.
އޭގެ ތެރޭގައި ޕްރޮކިއުމަންޓާ ގުޅުންހުރި 73 މައްސަލަ އުޅޭއިރު އޭގެތެރެއިން 43 ޕްރޮކިއުމަންޓް މައްސަލަ އޭސީސީގައި ރަޖިސްޓްރީކޮށްފައި ވަނީ މިއަހަރުގެ ފުރަތަމަ ހަ މަހުގައެވެ. އަހަރުގެ ދެވަނަ ކުއާޓަރުގައި އޭސީސީގައި ޕްރޮކިއުމަންޓާ ގުޅުންހުރި 30 މައްސަލަ ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ ކޮމިޝަނުން އާންމުކުރި ތަފާސް ހިސާބުން ދައްކައެވެ.
ދެވަނައަށް އެންމެ ގިނައިން އޭސީސީގައި ރަޖިސްޓްރީ ކުރީ ދައުލަތުގެ ފައިސާއާއި ތަކެތި ބޭނުންކުރުމާ ގުޅޭ މައްސަލަތަކެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަ މަހު އޭސީސީގައި މިފަދަ 16 މައްސަލައެއް ރަޖިސްޓްރީކޮށްފައި ވާއިރު އަހަރުގެ ދެވަނަ ކުއާޓަރުގައި މިހާތަނަށް މިފަދަ 14 މައްސަލައެއް ރަޖިސްޓްރީ ކުރި ކަމަށް އޭސީސީއިން ބުންޏެވެ.
ހަމައެއާއެކު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަޒީފާއާ ގުޅުންހުރި ނުވަ މައްސަލަ އަދި ކުއްޔަށް ދޫކުރެވޭ ބިންތަކާއި ތަކެއްޗާ ގުޅުންހުރި ނުވަ މައްސަލައެއް އޭސީސީގައި ރަޖިސްޓްރީކޮށްފައިވެއެވެ. އަދި ދެވަނަ ކުއާޓަރުގައި ވަޒީފާއާ ގުޅުންހުރި އަށް މައްސަލައަކާއި، ކުއްޔަށްދޫކުރެވޭ ބިންތަކާއި ތަކެއްޗާ ގުޅުންހުރި 13 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް އެ ކޮމިޝަންގެ ތަފާސްހިސާބުން ވަނީ ދައްކައިފައެވެ.
ދެ ކުއާޓަރުގައި ވެސް އޭސީސީގައި މައްސަލަތައް އެންމެ ގިނައިން ރަޖިސްޓްރީކުރީ އަތޮޅުތަކުންނެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އޭސީސީގައި ރަޖިސްޓްރީކުރި 53.8 އިންސައްތަ މައްސަލަ ހުށަހެޅީ އަތޮޅު ތެރެއިންކަމަށް އޭސީސީއިން ބުންޏެވެ. އަދި ބާކީ 46.2 އިންސައްތަ މައްސަލަ ހުށަހަޅާފައި ވަނީ މާލެއިންނެވެ.
މިއަހަރުގެ ދެވަނަ ކުއާޓަރުގެ މިހާތަނަށް އޭސީސީގައި ރަޖިސްޓްރީކުރި 36.9 އިންސައްތަ މައްސަލަ ހުށަހަޅާފައި ވަނީ މާލެއިންނެވެ. އަދި އަތޮޅުތަކުން ރަޖިސްޓްރީކުރީ 63.1 އިންސައްތަ މައްސަލައެވެ.