21 Aug 2012, 14:08
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫން ކަމަށް ރާއްޖެ ފުރަތަމަ ޒިޔާރަތް ކުރި ކޮމަންވެލްތު މިނިސްޓްރީއަލް އެކްޝަން ގުރޫޕް (ސީމެގު)ގެ ތިން މެންބަރުންގެ ޓީމުން ނަޝީދު އަރިހު ވިދާޅުވި ކަމަށް ބުނާ، ލީކްވެފައިވާ އޯޑިއޯއަކީ، "ދެކެވިފައިވާ ވާހަކަ ބަދަލުކޮށްފައިވާ" އޯޑިއޯއެއް ކަމަށް ނަޝީދުގެ އޮފީހުން ބުނެފި އެވެ.
ރައީސް މުހައްމަދު ނަޝީދުގެ އޮފީހުން މިއަދު ނެރެފައިވާ ދެ ފޮޅުވަތުގެ ކުރު ބަޔާނުގައި ބުނެފައި ވަނީ މި މަހު 19 ވަނަ ދުވަހު "ދިޓީވީ އިން ހާމަކޮށްފައިވާ ރައީސް މުހައްމަދު ނަޝީދުގެ އޯޑިއޯ އަކީ ދެކެވިފައިވާ ވާހަކަ ބަދަލުކޮށްފައިވާ އޯޑިއެއް" ކަމަށެވެ.
ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ. އަދި އެ އޯޑިއޯގެ އަޑަކީ ނަޝީދުގެ އަޑުފުޅު ނޫން ކަމަކަށް ވެސް އެ ބަޔާނުގައި ނުބުނެ އެވެ.
ދިޓީވީ އިން ލީކްކޮށްލާފައިވާ އެ އޯޑިއޯގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ސީމެގުން ފުރަތަމަ ރާއްޖެ ޒިޔާރަތްކުރި ފޮރިން މިނިސްޓަރުން ރާއްޖޭގައި ތިން ދުވަހު މަސައްކަތް ކުރެއްވުމަށް ފަހު، ރާއްޖޭގެ ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫން ކަމަށް ނަޝީދު އަރިހު ދެންނެވި ކަމަށެވެ.
"ސީމެގުން ރާއްޖެ ވަޑައިގެންނެވި ބާބެޑޮސްގެ ފޮރިން މިނިސްޓަރާއި ބަނގުލަދޭޝްގެ ފޮރިން މިނިސްޓަރާއި އޮސްޓްރޭލިޔާގެ ފޮރިން ސެކްރެޓަރީ އެބޭފުޅުން ތިން ދުވަހު ބަލާފައި އެ ބޭފުޅުން އަޅުގަނޑު ކައިރީގައި ބުނީ މިބަޣާވާތެއް ނޫން ކަމަށް. އަޅުގަނޑު ކައިރީގައި އެހީ ދެން ކިހިނެއްތޯ ހަދާނީ. ދެން މިބޭފުޅުންނަކީ އެހެން ކެޕޭސިޓީތަކުގައި އަޅުގަނޑު ދަންނާނެ މީހުން ދެއްތޯ،" ބައްތިރީސް ސިކުންތުގެ އޯޑިއޯގައި ނަޝީދު ވިދާޅުވެ އެވެ.
ނަޝީދު އެ އޯޑިއޯ ކްލިޕްގައި ވިދާޅުވަނީ ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫން ކަމަށް ކޮމަންވެލްތުން ނިންމައިފި ނަމަ އިދިކޮޅު ފަރާތްތައް އެއްކޮށް ޖަލަށް ލާނެ ކަމަށެވެ.
ލީކުކޮށްލާފައިވާ އޯޑިޔޯގައިވާ ވާހަކަތަކުގެ ހަގީގަތް ބެލުމަށް ސަންއޮންލައިނުން އިއްޔެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން، އިންޓަނޭޝަނަލް ހާމިދު އަބްދުލް ޣަފޫރު ގާތު ދެންނެވުމުން ވިދާޅުވީ އެފަދަ އޯޑިއޯއެއް ލީކުވި ކަން އަދި އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
އެ އޯޑިއޯއާ ބެހޭ ގޮތުން ރައީސް ނަޝީދު ނެރުއްވާފައިވާ ބަޔާނަށް ރައްދުދެމުން ދިޓީވީގެ އެޑިޓަރު ވިދާޅުވީ އެ އޯޑިއޯގައި "ރިޕީޓް ކުރުންފިޔަވައި އިތުރު އެއްވެސް އުނިއިތުރެއް އޯޑިއޯގައި ނުވާނެ" ކަމަށާއި "މިއީ ތެދުކަން ހާމަކޮށްދިނުމަށް ސައިންޓިފިކް ގޮތުން ޕުރޫފް ކޮށްދެން ވެސް ޗެލެންޖްކުރާ" ކަމަށެވެ. އަދި ބުނީ އެއީ ބަދަލުކޮށްފައިވާ އޯޑިއޯއެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވީ ނަމަވެސް ބަދަލުކޮށްފައިވާ ބަޔަކީ ނުވަތަ އެ އޯޑިއޯގައިވާ ގޯސް ވާހަކައަކީ ކޮން ވާހަކައެއް ކަމެއް އަދި ކޮން ބައެއްކަން ރައީސް ނަޝީދު ވިދާޅުވެފައި ނުވާ ކަމަށެވެ.