މިދިޔަ މަހުގެ 21ގައި ރިލީޒްކުރި މެޑޮކް ފިލްމްސްގެ ރޮމޭންޓިކް ކޮމެޑީ ޑްރާމާ "ތާމާ" އަންނަ މަހު އެމެޒޯން ޕްރައިމްގައި ޕްރީމިއާކުރާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބޮލީވުޑް އެކްޓަރު އަޔުޝްމާން ކުރާނާ ވެމްޕަޔާއެއްގެ ރޯލް ކުޅެފައިވާ "ތާމާ" އަކީ ޕްރޮޑިއުސަރު ދިނޭޝް ވީޖަންގެ މެޑޮކް ފިލްމްސްގެ ހޮރޯ ކޮމެޑީ ޔުނިވާސްއަށް ނިސްބަތްވާ ފިލްމެކެވެ.

މިދިޔަ އަހަރު އެ ސްޓޫޑިއޯއިން ގެނެސްދިން ކާމިޔާބު ހޮރޯ ކޮމެޑީ "މުންޖިއާ"ގެ ޑައިރެކްޓަރު ސަރްޕޯތުދަރްގެ "ތާމާ"ގެ ބަތަލާ އަކީ ސައުތު ސިނަމާގެ މަގުބޫލު ފިލްމީ ތަރި ރަޝްމިކާ މަންދަންނާއެވެ.

މި ފިލްމަކީ އަޔުޝްމާން އާއި ރަޝްމިކާ އެކީގައި މަސައްކަތްކުރި ފުރަތަމަ ފިލްމެވެ. ބޮކްސް އޮފީހުގެ 100 ކްރޯޑު ކްލަބުން ވެސް ޖާގަ ކަށަވަރުވެފައިވާ މި ފިލްމުގެ މުހިއްމު ތަރިންގެތެރޭ ނަވާޒުއްދީން ސިއްދީގީ އަދި ޕަރޭޝް ރާވަލް ހިމެނެއެވެ.

ފިލްމު "ތާމަ"ގެ މަންޒަރެއްގައި އެކްޓަރު އަޔުޝްމާން ކުރާނާ--ފޮޓޯ/ޕިންކްވިލާ

މި ފިލްމު އަދިވެސް ސިނަމާތަކުން ނުނަގާއިރު ގޭގައި ތިބެގެން ފިލްމު ބަލަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ގޭގައި ތިބެގެން ފިލްމު ބަލާލެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭގެ ކުރިން ފިލްމު ބަލަން ބޭނުންވާނަމަ އަންނަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ވަކި އަދަދަކަށް ފައިސާ ދެއްކުމަށްފަހު ފިލްމު ބަލާލުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް މިޑްޑޭގައިވާ ރިޕޯޓެއްގައި ބުނެފައިވެއެވެ.

މެޑޮކް ފިލްމްސްގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ "އިއްކީސް"، "ކޮކްޓެއިލް 2" އަދި "އީތާ" ހިމެނެއެވެ.