09 Nov 2025, 09:14
ނެޓްފްލިކްސްއިން ގެނެސްދިން ވެބް ސީރީސް "ބޭޑްސް އޮފް ދަ ބޮލީވުޑް"އިން ފިލްމު ޑައިރެކްޝަނަށް ތައާރަފްވި އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން އިތުރު ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ބުނާގޮތުން އާރްޔަންގެ ކެރިއަރުގެ ދެވަނަ ފިލްމީ ޕްރޮޖެކްޓަކީ ބައްޕަ ޝާހްރުކް ޚާންއަށް ލީޑް ރޯލް ހުށަހަޅާފައިވާ ފީޗާ ފިލްމެކެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން އެ ފިލްމާ ގުޅޭ މަޝްވަރާތައް ޝާހުއާ އެކު ވެސް ވަނީ ކުރެވި އެއްބަސްވުމަކަށް އާދެވިފައެވެ. އެހެންކަމުން އަމާޒަކީ 2027ގައި ފިލްމުގެ މަސައްކަތް ފެށުމަށް ކަމަށް ޕިންކްވިލާގައިވާ ރިޕޯޓެއްގައި ބުނެފައިވެއެވެ.
މިފަހުން ފިލްމީ ދާއިރާއަށް ޑައިރެކްޝަނަށް ނުކުތް އެންމެ ޒުވާން ޑައިރެކްޓަރުންގެތެރޭ ހިމެނޭ އާރްޔަން އަކީ އެ ދާއިރާއިން ވަރަށް ކުރިއަށް ދެވޭނެ އެކަމުގެ ގާބިލުކަން ހުރި ޒުވާނެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.

ޝާހްރުކް ޚާން ދަރިފުޅު އާރްޔަން ޚާންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
އެގޮތުން ބޮލީވުޑްގެ މަޝްހޫރު އަދި ބްލޮކްބާސްޓަ ފިލްމުތަކެއް ގެނެސްދިން ފަރާ ޚާން ފަދަ ކާމިޔާބު ޑައިރެކްޓަރަކަށް އާރްޔަން ވާނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ވެބް ސީރީސް "ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ ކާމިޔާބީއަށްފަހު އާރްޔަންގެ އިތުރު މަސައްކަތަކަށް ބެލުންތެރިން އިންތިޒާރުކުރަމުން އަންނައިރު އާރްޔަން އަންނަނީ ކެރިއަރުގެ ފުރަތަމަ ތިއޭޓަރު ފިލްމަށް ވެސް ތައްޔާރުވަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެހެންކަމުން ބައްޕަ ޝާހުއާ އެކު އުފައްދާ ފީޗަ ފިލްމުގެ މަސައްކަތް ފަށާނީ ފުރަތަމަ ބޮޑު ސްކްރީން ފިލްމުގެ މަސައްކަތަށް ފަހު ކަމަށް ބެލެވެއެވެ.
ދާދިފަހުން ޝާހުގެ ސަޕޯޓަރުންނާ އެކު ކުރިއަށްދިޔަ ސޯޝަލް މީޑިއާ ޗެޓުގައި އާރްޔަންގެ ފިލްމަކުން އެކްޓަރު ފެނިދާނެތޯ ސުވާލުކުރުމުން ބުނެފައި ވަނީ އާރްޔަންއަށް ޝާހުގެ ފީއާ އެކު ސެޓުގައި އެކީގައި މަސައްކަތް ކުރުމުގެ ހިތްވަރު ހުރެއްޖެނަމަ އެއީ ވެދާނެ ކަމެއް ކަމަށެވެ.