09 Nov 2025, 09:21
އިންޑިއާގެ ފިލްމު އުފައްދާ ވަރަށް ގިނަ ފިލްމު ޕްރޮޑަކްޝަން ކުންފުނިތަކުންނާއި މީޑިއާ ނޫސްތައް ހިންގާ އައުޓްލެޓްތަކުން ވެސް އާއްމުންގެ ފަރާތުން މައާފަށް އެދި ބަޔާންތައް ނެރެ ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އަންނަ މަންޒަރު މިފަހަކަށް އައިސް ވަރަށް ގިނައިން ފެނެއެވެ.
މިކަން މިހާރު ޓްރެންޑަކަށްވެ ގިނަ ބަޔަކު އެގޮތަށް އަމަލުކުރަމުން އަންނައިރު ބައެއް އަމިއްލަ ނުވަތަ ކޯޕަރޭޓިވް ކުންފުނިތަކުން ވެސް އަންނަނީ ކަސްޓަމަރުންގެ ފަރާތުން މައާފަށް އެދި ބަޔާންތައް ނެރެމުންނެވެ.
'އޮފިޝަލް އެޕޮލޮޖީ'ގެ ނަމުގައި ނެރޭ ބައެއް ބަޔާންތަކުގައި އާއްމުންގެ ފަރާތުން ފިލްމުތަކަށް ލިބޭ ތަރުހީބަށް ޝުކުރު އަދާކޮށް ބެލުންތެރިން އެ ފިލްމުތަކުގެ ޖާދޫގައި ޖެއްސުނީތީ އެކަމަށް މައާފަށް އެދޭ ކަމަށް ވެސް ބައެއް ޕްރޮޑަކްޝަން ކުންފުނިތަކުން ވަނީ ބުނެފައެވެ.

ބައެއް ފިލްމު ޕްރޮޑަކްޝަން ކުންފުނިތަކުން މައާފަށް އެދި ނެރެފައިވާ ސްޓޭޓްމަންޓްތަކެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ
'އޮފިޝަލް އެޕޮލޮޖީ' ޓްރެންޑްގެ ދަށުން މިފަހުން ބަޔާންތައް ނެރުނު ކުންފުނިތަކުގެތެރޭ ވޯކްސްވަގެން އިންޑިއާ، ސްކޮޑާ އިންޑިއާ، ޓީ-ސީރީސް އަދި ކެވެންޓާސް ހިމެނެއެވެ.
މީގެއިތުރުން މެޑްޑޮކް ފިލްމްސް، ދަރުމާ ޕްރޮޑަކްޝަންސް، ފިލްމު "ތެރެ އިޝްގް މޭ" ޓީމް ވެސް ވަނީ 'އޮފިޝަލް އެޕޮލޮޖީ' ޓްރެންޑްގެ ދަށުން ސްޓޭޓްމަންޓް ނެރެފައެވެ.
މިގޮތަށް ނެރޭ ސްޓޭޓްމަންޓް ފެނުމާ އެކު އެއީ ކޮންކަމަކަށް މައާފަށް އެދިފައިތޯ ބެލުމަށް ބެލުންތެރިން ކެތްމަދުވެ އެ ސްޓޭޓްމަންޓް ކިޔާއިރު ހަގީގަތުގައި އެއްވެސް ކަމަކަށް މައާފަށް އެދިފައެއް ނޯވެއެވެ.
މި ޓްރެންޑްގެ ސަބަބުން މައާފަށް އެދުމުގެ މާނަ ބަދަލުކޮށްފައިވާއިރު ބައެއް މީހުން ދެކޭ ގޮތުގައި މިއީ ހަގީގަތުގައި މައާފަށް އެދުމަށް ބޭނުންވެފައިވާ މީހުންގެ އިހުސާސްތަކަށް އިހުތިރާމް ކުޑަ ކުރުމުގެ އަމަލެކެވެ.
އެހެންނަމަވެސް މިއީ ކުންފުނިތަކުން އެމީހުންގެ އުފެއްދުންތަކާއި ބްރޭންޑްތައް މާކެޓް ކުރުމަށް ބޭނުންކުރާ އާ އުކުޅެއް ކަމަށާއި އެކަމުގައި އެއްވެސް ބަޔަކު ޖަޒުބާތީނުވެ އެ ޓްރެންޑް ކުރިއަށް ގެންދިއުން ރަނގަޅުވާނެ ކަމަށް މާކެޓިންސް އެކްސްޕާޓުން ބުނެއެވެ.