ރާއްޖެއަށް ވަގަށް އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރޭޓާ ގުޅޭ މައްސަލައަކާ ގުޅިގެން ކަސްޓަމްސްއިން މިދިޔަ މަހުގެ 29ވަނަ ދުވަހު ވަކިކުރި އެ ޚިދުމަތުގެ ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒުގެ ވަޒީފާ އިއާދަކޮށްދީފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު 'އެކްސް'ގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ތަހުގީގުކޮށް، ވަގަށް ސިނގިރޭޓު އެތެރެކުރި މައްސަލައިގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށް ނިންމައިފައިވާ ކަމަށެވެ. އަދި، ވަޒީފާ އިއާދަކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވާފައިވާތީ، ރިޔާޒުގެ ވަޒީފާ ރައީސް އިއާދަކުރައްވާފައިވާ ކަމަށެވެ.

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ރައީސަށް އެ ލަފާ އެރުވީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެކަން ހާމަކުރީ އެ ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި ކޮމިޓީގެ ނައިބު މުގައްރިރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ.

ކޮމިޓީގެ ފަރާތުން ނެރޭ ނޫސްބަޔާން އިއްވަވަމުން ފަލާހު ވިދާޅުވީ، ރިޔާޒު މަގާމުން ވަކިކުރަން ރައީސް ނިންމެވި ފަހުން ކޮމިޓީއަށް ލިބުނު އިތުރު މައުލޫމާތުތަކާ ގުޅިގެން ކޮމިޓީން ދިރާސާކުރުމަށްފަހު، ސިނގިރޭޓު ވަގަށް އެތެރެކުރި މައްސަލައިގައި ރިޔާޒުގެ ސީދާ ބައިވެރިވުމެއް ނެތްކަން ފާހަގަވި ކަމަށެވެ.

އެހެންކަމުން ރިޔާޒުގެ ވަޒީފާ އަލުން އިއާދަކޮށްދޭން ރައީސަށް ލަފާ އެރުވުމަށް ކޮމިޓީގެ އިއްތިފާގުން ނިންމައި، ރައީސަށް ލަފާ އަރުވާފައިވާ ކަމަށް، ފަލާހު އިއްވެވި ބަޔާނުގައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެ ކަމަށާއި, ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް, މި މައްސަލައިގައި ވަކިކުރި ރިޔާޒު، ކަސްޓަމްސްގެ ކޮމިއުނިޓީ ގުރޫޕަށް ފޮނުއްވި މެސެޖެެއްގައި ވިދާޅުވެފައިވެއެވެ.

އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާނެ ކަމަށް، އެ ދުވަހު އޭނާ ވިދާޅުވިއެވެ.

އަދި އޭނާގެ ނަޒާހާތްތެރިކަމަށް އިތުބާރު ކުރެއްވުމަށް އެދިވަޑައިގެން، ކުރިއަށް އޮތްތަނުގައި ވެސް އޭނާ ހުންނަވާނީ ހިފަހައްޓަވާ ރަނގަޅު އުސޫލުތަކުގައި ކަމަށް ރިޔާޒުގެ މެސެޖުގައިވެއެވެ.

ރިޔާޒު ވަކިކުރި މައްސަލައިގައި ކަސްޓަމްސްގެ ގިނަ މުވައްޒަފުންތަކެެއް ވެސް އޭނާގެ ދިފާއުގައި ވާހަކަދައްކައިފައެވެ.

ހޯކްސް ކުންފުނީގެ ޖަވާހިރު ބޯޓުން ވަގަށް އެތެރެކުރަން މަސައްކަތްކުރި ސިނގިރޭޓުތަކެއް ކަސްޓަމުން ހިފެހެއްޓީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 24ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައެވެ. މި މައްސަލައިގައި ފުލުހުން ބުނީ، ރާއްޖެއަށް މެންޗެސްޓާ ބްރޭންޑު ސިނގިރޭޓުގެ 200 މާސްޓާ ކާޓަން ހޯކްސްގެ ބޯޓަކުން ވަގަށް އެތެރެކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ.

ވެއާހައުސްގައި ހުރި ސިނގިރޭޓު ޝިޕްމަންޓެއް ގެއްލުނު މައްސަލަ ފެންމަތިވީ އޭގެ ފަހުންނެވެ.

ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ބޯޓުގެ މެނިފެސްޓުގައި ނުހިމަނާ ރާއްޖެއަށް ގެނެސްފައިވާ ކަމަށާއި އޮކްޓޫބަރު 25 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް މި ސިނގިރޭޓްތައް ބާލައިގެން ސިއްރުން ރާއްޖެއަށް އެތެރެކުރި ކަމަށް ވެސް ފުލުހުން ތުހުމަތުކޮށްފައިވެއެވެ.

މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓު މިހާރު ވެސް ރާއްޖޭގެ ބާޒާރުގައި ސިއްރުން އަންނަނީ ވިއްކަމުންނެވެ. އެ ބްރޭންޑުގެ ސިނގެރޭޓު ވިއްކަނީ ވަރަށް ހެޔޮ އަގުގައެވެ.