09 Nov 2025, 09:27
އޮންލައިން ވިޔަފާރީގެ އެންމެބޮޑު އެއްކުންފުނި، އެމެޒޯން އިން، ޗައިނާގެ މަޝްހޫރު ޝޮޕިން އެޕްތަކާ ވާދަކުރުމަށް ޓަކައި "އެމެޒޯން ބާޒާރު"ގެ ނަމުގައި އާ، އަގުހެޔޮ ޝޮޕިން އެޕެއް ތައާރަފުކޮށްފިއެވެ. މިއީ އެމެޒޯންގެ މައި އެޕްލިކޭޝަނާ ވަކިން، އޭޝިއާ، އެފްރިކާ އަދި ލެޓިން އެމެރިކާގެ ބާޒާރުތަކަށް ހާއްސަކޮށްގެން ނެރެފައިވާ ސްޓޭންޑްއެލޯން އެޕެކެވެ.
މި އެޕް ލޯންޗުކުރުމުގެ މައިގަނޑު މަގުސަދަކީ ޓެމޫ، ޝީން، އަދި ޓިކްޓޮކް ޝޮޕް ފަދަ ޗައިނާގެ އަގުހެޔޮ އޮންލައިން ޕްލެޓްފޯމްތަކަށް ވަރުގަދަ ވާދައެއް ކުރުމެވެ. އެމެޒޯން ބަޒާރުގައި ވިއްކުމަށް ހުށަހަޅާފައިވާ ގިނަ މުދަލުގެ އަގު ހުރީ 10 ޑޮލަރު (ގާތްގަނޑަކަށް 154 ރުފިޔާ) އަށް ވުރެ ދަށުގައެވެ. އަދި ބައެއް ތަކެތި ދެ ޑޮލަރު (ގާތްގަނޑަކަށް 30 ރުފިޔާ) ފަދަ ކުޑަ އަގުތަކުގައި ވެސް ލިބެން އެބަހުއްޓެވެ.
ފުރަތަމަ ފިޔަވަހީގައި މި އެޕް ވަނީ ހޮން ކޮންގު، ފިލިޕީންސް، ކުވައިތު، ޤަޠަރު، ޕެރޫ، އަދި ނައިޖީރިއާ ފަދަ 12 އަށް ވުރެ ގިނަ މާކެޓަކަށް ނެރެފައެވެ. އެންޑްރޮއިޑް އަދި އައި.އޯ.އެސް އަށް ލިބެން ހުރި މި އެޕް، ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އިތުރު ގައުމުތަކަށް ތައާރަފުކުރާނެ ކަމަށް އެމެޒޯން އިން ބުނެއެވެ.
އެމެޒޯން ބަޒާރުގައި ފެޝަން، ގެއަށް ބޭނުންވާ ތަކެތި، އަދި ލައިފްސްޓައިލްގެ އެތައް ހާސް އައިޓަމެއް ހިމެނެއެވެ.
ވިޔަފާރި ކުރުމަށް އާދައިގެ އެމެޒޯން އެކައުންޓް ބޭނުންކުރެވޭއިރު، މައި އެޕްގައި ހުންނަ ކަސްޓަމަރުންގެ ރިވިއު އަދި ރޭޓިން ފަދަ ފީޗާތައް ވެސް މި އެޕްގައި ހިމަނާފައިވެއެވެ.
މި އެޕް މެދުވެރިކޮށް އޯޑަރުކުރާ ތަކެތި ގިނަވެގެން ދެ ހަފްތާގެ ތެރޭގައި ލިބޭނެ ކަމަށާއި، 15 ދުވަހުގެ ތެރޭގައި މުދާ އަނބުރާ ފޮނުވުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އާ ކަސްޓަމަރުންނަށް ފުރަތަމަ ޑެލިވަރީއިން %50 ގެ ޑިސްކައުންޓެއް ވެސް ލިބިގެންދާނެއެވެ.
އެމެޒޯން ބަޒާރަކީ މުޅިން އާ ކޮންސެޕްޓެއް ނޫނެވެ. މީގައި ހިމެނޭ ގިނަ މުދަލަކީ، އެމެރިކާ އަދި ޔޫރަޕުގެ ބާޒާރުތަކުގައި އެމެޒޯންގެ މައި އެޕްގެ ތެރެއިން "އެމެޒޯން ހޯލް" ގެ ނަމުގައި ވިއްކަމުން އަންނަ މުދަލެވެ. އަދި އިންޑިއާ، ސައުދީ އަރަބިއްޔާ އަދި ޔޫ.އޭ.އީ ފަދަ ބައެއް ގައުމުތަކުގައި އެމެޒޯން ހޯލްއަށް ކުރިން ވެސް "ބަޒާރު" ގެ ނަން ބޭނުންކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.