08 Nov 2025, 21:59
ބޮންޑު ވިއްކަން މަސައްކަތްކުރުމުގެ ބަދަލުގައި ރާއްޖޭގެ މައި އެއާޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ހިއްސާއެއް ވިއްކުމުން މާ ފައިދާ ބޮޑުވާނެ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.
ނަޝީދު 'އެކްސް'ގައި ލިޔުއްވިގޮތުގައި ބޮޑު އިންޓްރެސްޓް ރޭޓެއްގައި ބޮންޑު ވިއްކަން މަސައްކަތްކުރުމުގެ ބަދަލުގައި ވީއައިއޭގެ ހިއްސާއިން ބައެއް ދިނުން ރަނގަޅެވެ.
"[ހިއްސާ ވިއްކައިގެން އެ ލިބޭ] އާމްދަނީ ސުކޫކު ދައްކާ ޚަލާސްކުރަން ބޭނުންކުރެވޭނެ، އޭރުން [ރާއްޖޭން] ދައްކަން ޖެހޭ ދަރަނިވެސް ކުޑަވެގެންދާނެ،" ނަޝީދު ލިޔުއްވާފައިވެއެވެ.
އެމަނިކުފާނު މިފަދައިން މިރޭ ލިޔުއްވާފައިވަނީ އަންނަ އޭޕްރިލް މަހަށް ރާއްޖޭން ދައްކަންޖެހޭ 500 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ)ގެ ސުކޫކު ދެއްކުމާ މެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް، މިދިޔަ އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނިކޮށެވެ.
ށ. ބިލެތްފަހީގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ވިދާޅުވީ، މި ސަރުކާރުން އިގުތިޞާދު ރަނގަޅު ކުރަމުން އަންނަ ކަމަށާއި، އަންނަ އަހަރު 500 މިލިއަން ޑޮލަރުގެ ސުކޫކެއް ދައްކަން އޮތްއިރު، އެ ސުކޫކު ދެއްކުމަށް ރާވައިގެން ކުރަމުން އަންނަ މަސައްކަތްތައް ފުރިހަމަކަމާ އެކީ ކާމިޔާބުވަމުން އަންނަ ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ނަޝީދުގެ ސަރުކާރުގައި އިންޑިއާގެ ޖީއެމްއާރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު(ވީއައިއޭ) ގެ ހިންގުން 25 އަހަރަށް ހަވާލުކުރީ ނޮވެމްބަރު، 25، 2010 ގައެވެ. އެ އެއްބަސްވުން ބާތިލްކުރީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ނޮވެމްބަރު، 27، 2012 ގައެވެ.
ނަޝީދުގެ ސަރުކާރުގައި ޖީއެމްއާރަށް ވެލާނާ އެއާޕޯޓުގެ ހިންގުން ހަވާލުކުރި ކުރުމުގެ ދިފާއުގައި އެމަނިކުފާނު އޭރު ވިދާޅުވީ، ޖީއެމްއާރު އަތުން އެއާޕޯޓު ނެގުމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑު ގެއްލުމެއްވި ކަމަށެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ޖީއެމްއާރު އަތުން ވެލާނާ އެއާޕޯޓު ނެގުން ސިފަކުރެއްވީ އިގްތިސޯދީ ގޮތުން ހިންގި ޖަރީމާއެއް ގޮތުގައެވެ.