14 Nov 2025, 10:31
"މަރަކީ ދާދި ގާތުގައިވާ އެއްޗެކެވެ. ރުހުނަސް ނުރުހުނަސް ވަގުތު ޖެހުމާއެކު ދުނިޔެއަށް އަލްވަދާއުކިޔަން ޖެހޭނެއެވެ. މަރަކީ ވަކި އުމުރަކަށް ކުލައަކަށް ދަރަޖައަކަށް ބަލާނެ އެއްޗެއްނޫނެވެ. ދުނިޔެއާއި ވަކިވެ ހެއްދެވި ފަރާތުގެ ހަޟުރަތަށްދާންޖެހޭއިރަށް ވީހާވެސް ގިނަ ހެޔޮ އަމަލަކާއިގެން ދިޔުމަށް މަސައްކަތްކުރަން ޖެހޭނެއެވެ. އެންމެ މުހިއްމުވާނީ ﷲ ތައާލާގެ ރުހިވޮޑިގަތުން ލިބުމެވެ."
***
"ބަސްއަހައިގެން ހުރީ؟" މިރިއަމްގެ އަޑުގައިވީ ސަމާސާގޮތެކެވެ. އޭނަ ދަރިފުޅު މަރްވާ ކިހިލީގައި ޖަހައިލިއެވެ.
"ވަރަށް ބަރާބަރު..."ހަމްޒާ ކުޑަކޮތަޅެއް ހިފައިގެންގޮސް ކައުންޓަރުމަތީގައި ބޭއްވިއެވެ."މިރިއަމް ގަންނަން ބުނި އެއްޗެހި..ޒައިތޫނު ތެލާއި ކަދުރު އަދި......"
"ކެމޮމައިލް ސައި..." ހަމްޒާ ގެ އަޑު ތަންކޮޅެއް މަޑުވިއެވެ.
"ހަނދާން ހުރި ދޯ...."މިރިއަމް ހިނިތުންވެލިއެވެ."ޑިނާއަށް ކޯނޗެއް ރަގަޅުވާނީ؟"
މިރިއަމް ތެލީގައި ހުރި އެންމެފަހުގެ ތަރުކާރީގެ ތެރެއަށް ހަވާދުގެ ބާވަތްތައް އެޅުމުން މީރުވަހެއް މުޅި ތަނުގައި ހިފައިލިއެވެ. އަރާމު ދެނިވި ވަހެކެވެ. އަމިއްލަ ގެއެއްގައި އުޅޭކަމުގެ އިހުސާސްކުރެވެނީ އެފަދަ ކުދި ކަންތައްތަކުންނެވެ. މަރްވާ ކުޑަ ބުދެއް ހިފައިގެން އެތަން މިތަނުގައި ހިނގަމުންގޮސް މިރިއަމްގެ ގާތަށް ދިޔައެވެ. އޭނަ ދަރިފުޅު އުރާލުމާއެކު ކަނދުރާގައި ބައްދައިގަތެވެ.
"މި ނިމެނީ ބޭބީ...." އޭނަ ދަރިފުޅު ބޭންދީ އުސް ގޮނޑިއެއްގައެވެ. ފުށް ދެއަތުން މޭޒުގެ އަރިމަތީގައި އަތް ޖައްސައިލިއެވެ.
"ހެލޯ މައި ގާލްސް.....އިންތިޒާރުގައި ދޯ...." ހަމްޒާ އައީ ކުޑަކޮށް ތާޒާވެލައިގެންނެވެ. ޓީޝާޓަކާއި ޓްރެކްޝޫޓެއްލައިގެން ހުރިއިރު އިސްތަށިގަނޑު އޮތީ ތެތްކޮށެވެ. އޭނަ މިރިއަމްގެ ބޮލުގައި ފިރުމައިލިއެވެ. އަދި ދަރިފުޅު ނެޕްކިން އަޅަން އެހީތެރިވެ ކުޑަކޮށް އުފުލާލާފައި ތަށްޓަށް އަތް ފޯރާނެހެން ކައިރިކޮށްލަދެމުން އިސްތަށިގަނޑުގައި ބޮސްދިނެވެ. ހަމްޒާއައި ދަރިފުޅުގެ ލޯތްބާއި ގާތްކަން ފެނުމުން މިރިއަމްގެ ހިތަށް ފުން އަސަރެއްކުރުވިއެވެ. މަރްވާ ހެމުން ތުއްތު ބަހުރުވައިން އަނގަ ތަޅަމުން ހަމްޒާގެ ކަނދުރާއަށްވެސް އަތް ވައްޓައިލިއެވެ. ކޯތާފަތަށް ދޮނެއްދިނެވެ. އެއީވެސް ސާފުތާހިރު ލޯތްބެކެވެ. ބައްޕައަކާއި ދަރިއެއްގެ ދޭތެރޭގައި އޮންނަ ކުލުނެވެ. ބައްޕަގެ ފަރާތުން އެދަރިފުޅަށް ހިމާޔަތާއި ލޯބި އިންތިހާއަށް ލިބޭތަން މިރިއަމްދެކެއެވެ.
ކެއުން ކިތަންމެ ސާދާވިޔަސް އެކުޑަ އާއިލާއަށް އެ ސުފުރާވެސް ނިކަން އުފާވެރި ވަގުތުކޮޅަކަށްވިއެވެ. މިރިއަމްއަށް ބަލަން އިނދެވުނީ ހަމްޒާގެ ހަރަކާތްތަކަށެވެ. ހަމްޒާގެ ލޮލުން ދަރިފުޅަށްޓަކާ އެ ފެންނަނީ ކޮންފަދަ މަތިވެރި ލޯތްބެއްހެއްޔެވެ؟ އެކުއްޖާ ބަތްސަމުސާ ނަގާއިރުވެސް ބަލަން އިނދެއެވެ. މަރްވާގެ ހުނުމުން ހަމްޒާގެ ހިތަށް ލިބޭ އުފާވެރިކަން ދައްކުވައިދެނީ އެ ތުންފަތަށް ވެރިވާ ހިނިތުންވުމުންނެވެ. އެ ކުލުނުން ފުރިފައިވާ ބެލުމުންނެވެ. މަރްވާއާއި ނަޒަރު ބައްދަލުވާހިނދު އެލޮލަށް ވެރިވާ އަސަރުތަކާއި މަޑުމޮޅިކަން ބަޔާންކޮށްދޭން ފަސޭހައެއްނުވާނެއެވެ.
އޭނަގެ ހަޔާތަށް ހަމްޒާއައީ އޭނަ އެކަނިވެރިވެ ހާލުގައި ޖެހުނު ދަނޑިވަޅުގައެވެ. އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމުން އެއަތުގައި ނުހިފާ ދެވޭނީ ކިހިނެއްހެއްޔެވެ؟
މަރްވާ ގެ ކުޑަ އިނގިލިތަކުން ފިހުނު މަސްކޮޅެއް ނަގާފައި ހަމްޒާއާއި ދިމާލަށް ދިއްކޮށްލިއެވެ.
"ޑެޑީ.....ޓޭސްޓް..."
ހަމްޒާ އަނގަ ހުޅުވައިލުމުން މަރްވާ ނިކަން ފަރުވާތެރިކަަމާއެކު މަސްކޮޅު ލައްވާދިނެވެ.
"މްމްމް ހާދަ މީރޭ...." ހަމްޒާގެ ލޯ ވިދާގޮތުން މިރިއަމްއަށްޓަކާ އެހިތުގައި އޮންނަ ކުލުނު ސާފުވެއެވެ.
އެ މަންޒަރުދެކެން އިން މިރިއަމްގެ އަތުގެ އިނގިލިތައް ތުރުތުރުލިއެވެ. ހިތުގައި ހަމަޖެހުމާއި ލޯބި އަދި ފަޚުރުވެރިކަންވެސް ވިއެވެ. ދިގުދެމިގެންވާ ހިތާމައާއި މޮޅިވެރިކަމުން ހިޔަނި އެޅުނަސް އޭނަ މަސައްކަތްކުރަނީ ހިތްވަރުކޮށްފައި ކުރިއަށް އޮތް ރާސްތާ ކަޑައްތުކުރުމަށެވެ.
މަރްވާ އަތްތިލަ ޖަހައިލުމުން ބަތް ފުއްތައް އެކި ދިމާލަށް ބުރައިގެން ދިޔައެވެ.
"ހަޑިހާވައިގެންވެސް ޑެޑީއާއި ދެކުދިން ބަނޑުފުރެެންދެން ކެއީމަ މަންމަ ހެޕީވާނެ......." އޭނަ މަރްވާގެ އިސްތަށިގަނޑު ފަހަތަށް ލާދިނެވެ. ކާން އިށީދެފައި އަނެއްކާ މިރިއަމް އުޅެގަތީ ސައިތަށްޓެއް ހަދާލުމަށެވެ. އެކަމަށް އިރުގަނޑެއްނެގިއެވެ. މިރިއަމްގެ އަތްމަތި ލަސްވާންފެށިކަން ހަމްޒާއަށް ކޮންމެވެސް ވަރަކަށް ފާހަގަވިއެވެ.
މިރިއަމް މަސްކޮޅެއް ކެއުމާއެކު ކަރުތެރެ ބެދި ވަގުތުން ނުތަނަސްވާގޮތްވިއެވެ. އޭރު ހަމްޒާ ގާތްގަނޑަކަށް ކެއުން ނިންމައިލަނީއެވެ. ހަމްޒާ ދުވަހަކުވެސް ކެއުމާއިމެދު ޝަކުވާކޮށް ފާޑުކިޔާފައެއްނުވެއެވެ. އޭނަގެ އަންހެނުން ލޯބިން ކައްކައިދިން ކޮންމެ އެއްޗެއް ޝަކުވާއަކާ ނުލާ ކާން އަޒުމް ކަނޑައަޅާފައިވާފަދައެވެ. އެފަދަ ކުދި ކަންތައްތަކާއި އޭނަގެ ފަރުވާލެއްނެތެވެ.
"އަހަރެން ހަދާން ނެތުނީ...ބަތަށް އަދި މަހަށްވެސް ލޮނު ނާޅާ މިހިރީ...ހަމްޒާ ނުވެސް ބުނަމެއްނު...ވަރަށް ނުބައި ދޯ..."
ހަމްޒާ އޭނަގެ އަތްތިލައިގާ ހިފަހައްޓައިލިއެވެ."މިރިއަމް ހިތުގެ ފުންމިނުން ހުރިހާކަމެއް ތިކޮށްދެނީ...އަހަންނަށް ފާހަގަކުރެވެނީ އެކަނި އެކަންތައް...ރަހައާއި...ލޮނު....އެއީ އެއްވެސް އެއްޗެއްނޫން....އަހަންނަށް ހަމައެކަނި މުހިއްމުވަނީ މިރިއަމް...." އެއަޑުގައިވީ ޔަގީންކަމެކެވެ. ނަޒަރާއި ލަފުޒުގައިވެސް ވަނީ އެހިތުގައިވާ އޯގާތެރިކަމާއި އަޅާލުމެވެ.
ކެއުމަށްފަހު ތަށިތައް ނަގާ މޭޒުމަތި ސާފުވުމުން ހަމްޒާ މަރްވާ ކޮނޑަށް ލައިގެން ދިޔައީ އެނދަށް ލުމަށެވެ. މިރިއަމް ސިޓިންރޫމްގައި އިށީދެ ޓީވީ ޖައްސައިލަމުން އަޑުމަޑުކޮށްލީ މަރްވާ ހޭލެވިދާނެތީއެވެ. އިރުކޮޅެއްފަހުން ހަމްޒާ ނިކުތްއިރު ލިވިންރޫމްގައި ދިއްލާފައިވާ އޮރެންޖް ބައްތީގެ އަލި މިރިއަމްގެ މޫނަށް އެޅިވިދައެވެ. ތަނުގައި ހިފާފައިވީ ލުއި މީރުވަހެކެވެ. ފިނި މިންވަރުވެސް އެންމެ ހިތްގައިމެވެ. އޭނަ އިށީނީ މިރިއަމްއާއި ޖެހިގެންނެވެ.
"މިރިއަމް...."
"ހޫމް..."
އޭނަ އަތުގެ ތެރޭގައި އޮތް ވެލްވެޓް ކުޑަ ފޮށި ފެނުމުން މިރިއަމްއަށް ބަލައިލެވިނެވެ. މަޑުމަޑުން މަތި ހުޅުވައިލިއިރު ނާޒުކް ފަށެކެވެ. ކެމޮމައިލް މަލެއްގެ ސިފައިވާ އޮތް ފަށުފުލެކެވެ. މެދުގައި ހުދު ޖަވާހިރެއް ދަޅައަރާގޮތުން އަގުހުންނަވަރު ދެެނގަނެވުނެވެ. ރަންހަދާ މީހާ އޭތި ހަދާފައިވަނީ ނިކަން ފުރިހަމައަށެވެ. އެހާ ޗާލު ފަށެކެވެ.
"އަހަރެން އަބަދުވެސް މިރިއަމްއަށް ހަދިޔާއެއްދޭން ބޭނުންވި.." އޭނަގެ އަޑު މަޑެވެ. އެ ނަޒަރު މިރިއަމްގެ މޫނުން ކައްސާނުލައެވެ."މިރިއަމް ހަނދާން ހުންނާނެ ދޯ.....އެތައް އަހަރެއްކުރިން ..އެދުވަހު..ކައިވެންޏަށް ހުށަހަޅަން ގޮސް އަތުގައި އަޅާ ކެވެލިކޮޅެއްދިނީ...އޭތި ލޯބި އެކަމަކު އަހަރެންގެ އަމިއްލަ އެއްޗެއްނޫން..މިފަހަރު ތަފާތު..އަހަރެންގެ އަމިއްލަ ފައިސާއިން މި ގަތީ.."
"އަހަރެން އުއްމީދުކުރަނީ މި އަނބުރާ ރައްދުނުކުރާނެކަމަށް...އެފަހަރު ހެދިގޮތަށް....އަބަދު މި މިރިއަމްގެ އަތުގައި އޮންނަން ބޭނުންވޭ..."
މިރިއަމްގެ ފިނިވެފައިވާ އިނގިލިތަކުން އެ ފަށުފުލުގައި އަތް ޖައްސައިލެވުނެވެ. އޭނަގެ ކަރު ބެދުނީ ޖަޒުބާތީ ވެވުނުވަރުންނެވެ.
"ވަރަށް ރީތި...." މިރިއަމްއަށް މަޑުމަޑުން ބުނެލެވުނެވެ." ތެންކިއު ހަމްޒާ.."
އޭނަގެ ހިތުގައި އުފާވެރިކަމުގެ ފޮނި ރާޅުބާންޏެއް ޖެހިޔަސް މިރިއަމްގެ އިނގިލީގައި އޮތް އޮރެންޖްކުލައިގެ ޖަވާހިރުޖެހި އަނގޮޓި ފާހަގަވިެވެ. އޭނަ ހީކުރިވަރަށް އެކަމާއިމެދު ފިކުރުބޮޑުނުވެ ހިތް ހަމަޖައްސައިލިއެވެ. ނަމަވެސް މިރިއަމްއަށް އޭނަ އަޅައިގެން ހުރީ ޒުބޭރު ކައިވެންޏަށް ދިން އަނގޮޓިކަން އެނގޭހެއްޔެވެ؟އެއާއެކު އޭނައަށް ފެނުނީ މިރިއަމްގެ އަލި މޫނަށް އެޅުނު ބަނަވިލާކޮޅެއްފަދައިން ކުލަ ބަދަލުވިތަނެވެ. ޓީވީއަށް ނަޒަރު ހުއްޓައިލުމުން ވެގެން އުޅޭގޮތް ސާފުވިއެވެ.
"ރާހިލް އުމައިރު ދިހައަހަރަށް ޖަލަށް ލާން ޝަރީއަތުން ހުކުމްކުރީ ކުރިން ރާވައިގެން މަގުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އޭނަގެ ބައިވެރިވުން އޮތްކަމަށް ސާބިތުވެފައިވާތީއެވެ.
ޓީވީއިން ފެނުނު ފޮޓޯ އެހާ ސާފެއްނޫނެވެ. ފުރާވަރުގެ ފިރިހެންކުއްޖެކެވެ. ތިރިއަށް އަރާފައިވާ ނަން ސާފުކޮށް ފެންނާން އޮތެވެ.
ރާހިލް އުމައިރު
"މިރިއަމް؟" އޭނަ މަޑުމަޑުން ގޮވައިލިއެވެ.
މިރިއަމް ޖަވާބެއް ނުދިނެވެ. ނަޒަރު ވީ ޓީވީގެ ސްކްރީނުގައި ހަރުލާފައެވެ. މޫނު އެއްކޮށް ހުދުވެފައެވެ. އެ ސިކުނޑިތެރެއިން ތޫފާނެއް ދަތުރުކުރީފަދައެވެ. ޚަބަރުކިޔަމުން ދިޔައިރު މިރިއަށް ހީވީ މާދުރުން އަންނަ ހަފުސްވެފައިވާ އަޑެއްހެނެވވެ.
"ކޯޓަށްވަނީ އެކުއްޖާގެ ނިޔަތް އެނގޭވަރަށް ހެކި ހޯދާފައެވެ. އެކްސިޑެންޓްގައި ޒުބޭރު އަހްމަދުގެ ފުރާނައަށް ނުރައްކާވާވަރަށް ބޮޑެތި ޒަޚަމްތައް ލިބުނެވެ."
މިރިއަމްއަށް ވަގުތުން އެނަން އެނގުނެވެ.
އެއީ ޒުބޭރުގެ އެކްސިޑެންޓްގެ ވާހަކައެވެ.
މިރިއަށް އަށް ހީވީ ދުނިޔެ ހެލިގަތްހެންނެވެ. ކަންފަތް ބައްވެ ރަގަބީލުގެ އަޑު ހަރުލިއެވެ. އެއްޗެކޭ ބުނަން މަސައްކަތްކުރިޔަސް ދޫ ހަރަކާތެއްނުކުރިއެވެ. ހަމްޒާ ވަގުތުން ޓީވީ ރިމޯޓް ނަގާފައި ނިވައިލުމުން ތަނަށްވެރިވި ހިމޭންކަން މާ އުދަގުލެވެ. އޭނަ މިރިއަމްއާއި ކައިރިއަށް ޖެހިލަމުން ކޮނޑުގައި އަތް ބޭއްވިއެވެ.
"މިރިއަމް..."
އޭރުވެސް މިރިއަމްއިނީ އަމިއްލަ ދުނިޔެއަކަަށް ގެއްލިފައެވެ. ފުސްވެފައިވާ ހަނދާންތަކެވެ. ޖަވާބު ނުލިބިވާ ސުވާލުތަކެވެ. ހަނދާންވީ އެއީ ޒުބޭރު މިދުނިޔޭގައި ހުންނާނެ އެންމެފަހު ދުވަސްކޮޅުކަން ނޭގި އޭނަ ދުރުވީގޮތެވެ. އޭނަ ގަސްތުގައި ކުރިކަމެއްނޫނެވެ. އެވެސް ހަޔާތުގެ އަނދިރި ސަފުހާތަކެވެ. ބައެއްފަހަރު އަމިއްލަ ބާރުު ނުހިނގާފަދަ ކަންތަކާއި ކުރިމަތިލާން ޖެހެނީ ކުރިން އިންޒާރެއްވެސް ނުލިބިއެވެ. މިހާރު ޓީވީއިން ސާފުވީ އެއީ ހިނގި އެކްސިޑެންޓެއްނޫންކަމެވެ. ބަޔަކު ދުރާލާ ރާވައިގެން ޒުބޭރު މަރައިލީއެވެ. އެއީ އަދި އޭނަގެ އަމިއްލަ ކޮއްކޮއެކެވެ. ރާހިލް އުމޭރުއެވެ.
"މިރިއަމް އަމިއްލަ ނަފުސް ކުށްވެރި ނުކުރައްޗޭ...." އޭނަ ވިސްނައިދޭން އުޅުނެވެ.
"އަޖައިބެއްކަހަލަ ކަމެއް..."މިރިއަމް އަމިއްލަ ނަފުސާއި ވާހަކަދެއްކިއެވެ." ބައެއްފަހަރު މިރިއަމްއަށް ހީވަނީ ދޯ ވަގުތު ދާވަރަކަށް މާޒީގެ ދުވަސްތައްވެސް ދޮވެވިގެން ހިނގައިދާނެއޭ...އެކަމަކު އެހެނެއްނޫން ވަނީ....ވަގުތު ވެސް މިއޮންނަނީ ހަމަ އެކަންތައް ފޮރުވާފައި...އަދި ކޮންމެވެސް ހިސާބަކުން އަނެއްކާ އެކަންތައްތައް ކުރިމައްޗަށް ގެނެސް ވައްޓައިލަނީ...އަދި އެ ރާހިލް އުމޭރު...އުމޫރުގެ ދަރި ކީއްވެ އެހެން ހަދަންވީ؟ "
ހަމްޒާ އިތުރަށް ވިސްނާދޭކަށް މަސައްކަތްނުކޮށް ގާތުގައި އިށީދެލައިގެން އިނީއެވެ. މިރިއަމްގެ ހިތުގައިވާ ޝުއޫރުތައް ފައުޅުކުރެވުމުން ލުޔެއް ލިބިދާނެއެވެ.
ހަގީގަތަކީ ބަދަލު ހިފާ މީހާއަށް ގިނަފަހަރު ކާމިޔާބުވިޔަސް ހިތްހަމަޖެހުމެއް ނުލިބޭކަމެވެ. އަދި އިންސާނެއްގެ ފުރާނަ ދުއްވައިލުމުން ދެދުނިޔެއިންވެސް އެކަމުގެ އަދަބު ލިބޭނެކަމެވެ. ހާރިސާ ޒުބޭރު ދުނިޔެއިން ނައްތައިލަން އުޅުނީ އަމިއްލަ މާމަދަރިފުޅު ސަލާމަތްކުރުމަށެވެ. އެކަމަކު ކުށްކުރާ ކުދިން ލާފައި ހުންނަ މަރުކަޒުން ނިކުތްގޮތަށް ހިންގި ނުބައި އަމަލުން މިފަހަރު ވަންނަން ޖެހުނީ ޖަލުގެ ކުޑަ ގޮޅިއަކަށެވެ. ސަލާމަތްވާނެ އެއްވެސް އަލިމަގެއް ނެތިއެވެ. ޒުވާންކަން ހޭދަކުރަންޖެހުނީ އަނދިރި ދުނިޔެއެއްގައެވެ. މިނިވަންކަމެއް ނެތިއެވެ. ހާރިސާ އެހެން މީހުނަށް ދިން ލައުނަތް އެނބުރި އޭނައާއި ޖެހުނީއެވެ.
***
ހަފްތާއެއްހާ ދުވަސްފަހުން ހަމްޒާގެ މަންމަ ރުމައިސާގެ ދައުވަތު މިރިއަމްއަށް ލިބުނެވެ. އެއީ ހައިރާންކުރުވަނިވި ބަދަލެކެވެ. ހީނަރުވެފައިވާ ގުޅުން ބަދަހިކުރަން ކުރިއަށް އެޅުނު ފިޔަވަޅެކެވެ. މިރިއަމްއަށް ހަމްޒާގެ މަންމަގެ ފަތަރާސީކަމާއި ކިބުރުވެރިކަން ތަޖުރިބާކުރެވިފައިވާތީ އެގެއަށްދާން ޖެހިލުންވެ ހިތް ބިރުގަތެވެ. ނަމަވެސް މަރްވާ ހުރުމުން އަމިއްލަ ނަފުސަށް އޮތް އިތުބާރުބޮޑުވިއެވެ. އޭނަ އެގެއަށް ދިޔައީ ފަހަރެއްގައިވެސް ދިމާވެދާނެ ހާލަތަކަށް ތައްޔާރު ވެގެނެއްނޫނެވެ.
ނުނިމޭ