21 Aug 2012, 12:36
ނ. މިލަދޫ ކޯޓް ފަޅާލައި އެކޯޓްގެ ތިޖޫރިން ފައިސާ ނަގަން މަސައްކަތް ކޮށްފި އެވެ.
މިލަދޫ ކައުންސިލްގެ ރައީސް ހަސަން ޣައްސާން މިއަދު ވިދާޅުވީ އީދު ވިލޭރޭ އެ ރަށު މެޖިސްޓުރޭޓް ކޯޓް ފަޅާލައި ވައްކަންކުރަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އެތަނަން ވަދެފައި ވަނީ ކުޑަދޮރެއް ހަލާކުކޮށްލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ މިދިޔަ އަހަރުގެ ފަހުކޮޅު މިލަދޫ ކޯޓާއި ކައުންސިލް އިދާރާގައި ހުޅުޖެހި ހާދިސާއަށް ފަހު ކޯޓު ހިންގަމުން ގެންދަނީ އަމިއްލަ މީހެއްގެ ގޭގައި ކަމަށާއި އެތަނަށް ވަގުންވަދެ އެ އޮފީހުގެ ތިޖޫރި ހަލާކުކޮށްލުމަށް ދަނގަޑު ފޭރާއަކުން މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް އެކަންތައް އެ މީހުނަށް ކާމިޔާބްވެފައި ނުވާ ކަމަށެވެ. އަދި އެވަގުތު އެ ތިޖޫރީގައި ހުންނާނީ 125ރ. ވަރަކަށް ރުފިޔާ ކަމަށާއި އެ އޮފީހުން އެއްޗެއް ވަގަށް ގެންގޮސްފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
މިލަދޫ ކޯޓް އީދު ވިލޭރޭ ފަޅާލާފައިވާ އިރު މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވެސް ވަނީ އެކޯޓް ފަޅާލައި 7000ރ. އަށް ވުރެ ގިނަ ރުފިޔާ ވަގަށް ގެންގޮސްފަ އެވެ. އެނގިފައިވާ ގޮތުގައި އެ ކޯޓަކީ ސެކުރިޓީ ގާޑުން ބަހައްޓައިގެން ފޯރިމަރާތަނެއް ނޫނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އިއްޔެ ހެނދުނު އެ ރަށު ކޯޓަށް ވަގުން ވަދެފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ހުށައެޅުމުން އިއްޔެ ފުލުހުން އެ ރަށަށް ގޮސް އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށާއި އަދި މިހާތަނަށް އެ މައްސަލާގައި މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށެވެ.
މިއަހަރު ކުރީ ކޮޅުވެސް ވަނީ މިލަދޫގެ ތިން ގެއަކުން ވައްކަންކޮށް އަލިފާން ރޯ ކޮށްލައިފަ އެވެ.