08 Nov 2025, 18:26
އިންޑިއާގެ މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ލިބޭ ފިލްމީ ދެމަފިރިން ކަމަށްވާ ކެޓްރީނާ ކައިފް އާއި ވިކީ ކޯޝަލްއަށް ފިރިހެން ކުއްޖަކު ލިބުމާ އެކު ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.
އަންހެނުން އަދި ބަތަލާ ކެޓްރީނާ ކައިފް ވިހެއިކަން ވިކީ އިއުލާނުކުރީ އިއްޔެގެ ވަގުތެއްގައި އަމިއްލަ ރަސްމީ އިންސްޓަގްރާމް މެދުވެރިކޮށެވެ.
ކެޓްރީނާއަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ހަދައިފައިވާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ގްލޯބަލް އެމްބެސެޑަރު ވެސް މެއެވެ. އެއާއެކު މިއަދު ވިޒިޓް މޯލްޑިވްސްއިން އިންސްޓްގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ ކެޓްރީނާއަށް މަރުހަބާ ކިޔައިފައެވެ.
ކެޓްރީނާ ވިހެއި ޚަބަރު އިއުލާނު ކުރުމާ އެކު ބޮލީވުޑް ފިލްމު އިންޑަސްޓްރީގެ ގިނަ ބައެއްގެ އިތުރުން ދެ ތަރިންގެ ސަޕޯޓަރުން ވެސް ވަނީ ސޯޝަލް މީޑިއާގައި އެކަމާ އުފާފާޅުކޮށް ދެމަފިރިންނަށް ތަހުނިޔާގެ މެސެޖުތައް ފޮނުވާފައެވެ.
ވިކީ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓުގެ ކެޕްޝަންގައި ބުނެފައި ވަނީ ދެ މީހުންގެ ދިރިއުޅުމަށް އެންމެ ބޮޑު އުފާވެރިކަމެއް ގެނެސްދިން ވަގުތު އައިސް ޖެހިއްޖެ ކަމަށާއި ދަރިފުޅަށް މަރުހަބާ ކިޔުނީ ލޯތްބާއި ނިމުމެއް ނެތް ހެޔޮ ދުއާތަކާ އެކު ކަމަށެވެ.
ކެޓްރީނާ ބަލިވެއިންކަން އިއުލާނުކޮށްފައި ވަނީ އެކަމާ ގުޅޭގޮތުން މީޑިއާތަކުން އެކި ފަހަރު މަތިން ޚަބަރު ފަތުރަމުން އަންނަތާ އެތައް މަހެއްވީފަހުން މި އަހަރުގެ ސެޕްޓެމްބަރު މަހެވެ.
އަލަތު ދަރިފުޅަށް ކެޓްރީނާ ބަލިވެއިންކަން އިއުލާނު ކުރުމަށް އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ވިކީ ބުނެފައި ވަނީ ދެމަފިރިންގެ ދިރިއުޅުމުގެ އެންމެ އުފާވެރި 'ޗެޕްޓަ' ފެށުމަށް ތައްޔާރު ކަމަށާއި މުޅި އާއިލާއަށް ވެސް އެއީ ލިބުނު އެންމެ ބޮޑު އުފާ ކަމަށެވެ.