08 Nov 2025, 18:30
ވޮޝިންޓަން (8 ނޮވެންބަރު 2025) : އެމެރިކާގެ ފެޑްރަލް ސަރުކާރުގެ ބަޖެޓް ފާސްކުރުމުގައި ސަރުކާރާއި ކޮންގްރެސްއާ ދެމެދު ޖެހިފައިވާ މައްސަލާގައި ބަޖެޓް ފާސް ނުކުރެވި އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް އައިސްފައިވާތާ ގިނަ ދުވަސްތަކެއް ވުމުގެ ނަތީޖާއެއްގެ ގޮތުން އެމެރިކާގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރައި އެތައް ހާސް ފްލައިޓްތަކެއް ކެންސަލް ކުރަން ޖެހިއްޖެއެވެ.
އެމެރިކާގެ މީޑީއާ ބުނާގޮތުން މިއީ މައި ސަރުކާރު ހުއްޓުމަކަށް އައުމުގެ މައްސަލަ މިހާ ބޮޑަށް ދިގުލައިގެން ދިޔަ ފުރުތަމަ ފަހަރެވެ. މިކަމުގެ ސަބަބުން އެމެރިކާގެ 60 އަށް ވުރެ ގިނަ އެއާޕޯޓުގެ ޚިދުމަތްތައްވަނީ ވަރަށް ބޮޑަށް ހުއްޓުމަކަށް އައިސްފައެވެ.
އެއާޓްރެފިކް ކޮންޓްރޯލްގައި މަސައްކަތް ކުރާ މީހުންގެ މުސާރަ ނުލިބޭތީ އެ މީހުންވަނީ ޚިދުމަތަށް ނުކުތުން ހުއްޓާލާފައެވެ. އެމެރިކާގެ ވައިގެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރާ އެއާލައިންތަކުގެ ދަތުރުތަކަށް ވެސް ވަނީ ބުރޫއަރާފައެވެ. އެއީ އެއާޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތްތަކަށް ނުކުންނަ މުވައްޒަފުން މަދުކަމުން ޚިދުމަތް ދިނުން މަޑުޖެހިފައިވާތީއެވެ. ނަމަވެސް ޚިދުމަތް އެއްކޮށް ހުއްޓުމަކަށް ނާދެއެވެ.

ކަނޑައެޅިފައިވާ ތާރީޚުގައި ފެޑްރަލް ސަރުކާރުގެ ބަޖެޓް ފާސް ނުކުރެވުމުގެ ސަބަބުން މައި ސަރުކާރު ހުއްޓުމަކަށް އައިސްފައިވީ ނަމަވެސް ސްޓޭޓްތަކުގެ ލޯކަލް ސަރުކާރުތައް ބަރާބަރަށް މަސައްކަތް ކުރެއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ފެޑަރަލް ބަޖެޓް ފާސް ކުރަންޖެހެއެވެ. ނަމަވެސް އަދިވެސް ބަޖެޓްވަނީ ފާސް ނުކުރެވިއެވެ. އެހެންކަމުން ފާއިތުވި ދޮޅުމަސް ތެރޭގައި އެމެރިކާގެ މައި ސަރުކާރު ހިންގަންޖެހިފައިވަނީ އިމަޖެންސީ ހާލަތުގައި ބޭނުންކުރާ ބަޖެޓްގައި ހިމެނޭ ފައިސާއިންނެވެ. ސިފައިންނަށް ޚަރަދުކުރުންފަދަ ކަންކަންވެސް ކުރަނީ މި ބަޖެޓުންނެވެ. ނަމަވެސް މުއްދަތު ދިގުލައިގެން ދިޔުމުގެ ސަބަބުން މި ބަޖެޓް ވެސް މިހާރު ދަނީ ހުސްވަމުންނެވެ.
ބަޖެޓް ފާސް ނުކުރެވި ވަނީ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީއާއި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ބަޖެޓްގައި ހިމެނޭ ބައެއްކަންކަމަށް އެއްބަސް ނުވެވުމާއެކު ދެ ޕާޓީން ވެސް ގޮތްދޫކުރަން އެއްބަސްނުވުމުންނެވެ.
ހަރުކަށިކަން ކުރިޔަށް ނެރުމާއެކު ދެ ފަރާތުން ވެސް ދޫދީގެން މެދުމިނުގެ ހައްލަކަށް ދާން ބޭނުންނުވާތީއެވެ. މިދިޔަ ހަފްތާގައި އެމެރިކާގެ ސްޓޭޓް ލެވެލްގައި ބޭއްވި އިންތިޚާބުތައް ކާމިޔާބުކުރީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީންނެވެ. މީގެތެރޭގައި ނިޔުޔޯކްގެ މޭޔަރުކަމުގެ މަގާމު ޑިމޮކްރެޓިކް ޕާޓީގެ މުސްލިމް ކެންޑިޑޭޓް ޒަހްރާން މަމްދާނީ ކާމިޔާބު ކުރެއްވުން ހިމެނެއެވެ.
މި އިންތިޚާބުގައި ވެރިކަންކުރާ ރިޕަބްލިކަން ޕާޓީ މުޅިން ފެއިލް ވުމުން ޑިމޮކްރެޓުންނަށްވަނީ ބަޖެޓްގެ މައްސަލާގައި ގޮތްދޫނުކުރުމަށް މިހާރު ބޮޑު ހިއްވަރެއް ލިބިފައެވެ.
ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ލިބުނު އާދަޔާ ޚިލާފު ނާކާމިޔާބީތަކާއެކު އެ ޕާޓީގެ އެތެރޭގައި ވަނީ ބޮޑެތި ކޯޅުންތަކާއި ޒުވާބުތައް އުފެދިފައެވެ. ފެޑްރަލް ބަޖެޓް ފާސްކުރުމުގައި ގޮތްދޫކޮށް ފަހަށް ޖެހުމަށް ރިބަޕްލިކަން ޕާޓީގެ ތެރެއިން ވަނީ ގޮވާލަން ފަށާފައެވެ. ނަމަވެސް ރައީސް ޓްރަމްޕް ހުންނެވީ ފަހަތަށް ޖެހި އަދިވެސް ގޮތް ދޫކުރައްވާ ގޮތަށް ނޫންކަމަށް ރިޕޯޓްތައް ބުނެއެވެ.
މައި ސަރުކާރުގެ ބަޖެޓް ފާސްނުކުރެވި މައި ސަރުކާރު ބަންދުކުރަން ޖެހުމުން ހަފްތާއެއްގެ މައްޗަށް އެމެރިކާއަށް 20 ބިލިޔަން ޑޮލަރުގެ އިގްތިސާދީ ގެއްލުން ލިބޭކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.