ރާއްޖޭގެ ހުރިހާ ރަށެއްގައި ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށާއި އާންމު ސިއްހަތު ކުރިއެރުވުމަށް ގައުމީ ކެމްޕެއިނެއް މިއަދު އިފުތިތާހުކޮށްފިއެވެ.

"ދުޅަހެޔޮ ދިރިއުޅުން ކެމްޕެއިން"ގެ ނަމުގައި އެ ހަރަކާތް އިންތިޒާމުކުރަނީ ހެލްތު މިނިސްްޓްރީންނެވެ. ކ. ގުރައިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހަރަކާތް އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

އެ ކެމްޕޭން ފެށުމުގެ ރަސްމިއްޔާތު ބޭއްވީ ގުރައިދޫ ކައުންސިލާއި ރަށުގައި ގާއިމުވެފައިވާ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ ބައިވެރިވުމާއި އެހީތެރިކަމާ އެކުގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ކެމްޕެއިނަކީ އާންމު ސިއްހަތު ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން، ދިރިއުޅުގެ އާދަތަކާއި ކެއިންބުއިން ބައްޓަންވެފައިވާ ގޮތާއި ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ރާއްޖޭގައި އާންމުވަމުންދާ ބަލިތަކުން ރައްޔިތުން ދުރުހެލިކޮށް، ރައްކާތެރިކުރުމަށް ހޭލުންތެރިކުރުމުގެ މަގްސަދުގައި ހިންގާ ކެމްޕޭނެއް ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ "ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު" ޝިއާރުގެ ދަށުން ހިންގާ އެ ކެމްޕެއިންގައި ކުޑަކުދިންނާއި ޒުވާނުންނާއި އަންހެނުންނާއި ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށް، ދުޅަހެޔޮކަން ކުރިއަރުވައި، ދެމެހެއްޓެނިވި އާންމު ސިއްހަތާ ގުޅޭ ހަރަކާތްތައް ހިންގާނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެ ކެމްޕެއިން ހިންގުމަށް ހަމަޖެހިފައިވަނީ އެކި އިދާރާތަކާ ގުޅިގެން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

· ރަށުގެ ސިއްހީ މަރުކަޒުތައް / ހޮސްޕިޓަލް

· ތައުލީމީ ދާއިރާ، ސްކޫލް/ކޮލެޖު/ ޔުނިވާސިޓީ

· ރަށު ކައުންސިލް

· އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ

· އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތައް

· ސަރުކާރާއި އަމިއްލަ މުއައްސަސާތައް

· ޔޫތު ފޯކަލް ޕޮއިންޓްސް

ހެލްތު މިނިސްޓްރީން ބުނީ މި ކެމްޕެއިންގައި ހިންގާ ހަރާކާތްތައް ގަވައިދުން މޮނީޓާކޮށް ވަޒަންކުރާނެ ކަމަށެވެ. އަދި ކެމްޕެއިންގެ ހަރަކާތްތަކަށް ރިޕޯޓު ހުށަހެޅުމުގެ ނިޒާމާއި އިންތިޒާމު ގާއިމުކޮށްފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ކެމްޕެއިންގެ މަސައްކަތާއި ހަރަކާތްތަކުން އާންމު ސިއްހަތު ކުރިއެރުވުމަށް އެންމެ ރަނގަޅަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށާއި މަސައްކަތުގައި ދެމިހުރުމަށް ހިތްވަރު ދިނުމަށް އެވޯޑުތަޖެއް ތައާރަފުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެއީ:

1. ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު ރަށު އެވޯޑް

2. ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު ސްކޫލު އެވޯޑް

3. ދުޅަހެޔޮ ދިރިއުޅުން – އުފާވެރި މުޖުތަމައު ޖަމިއްޔާ އެވޯޑް

އެއީ ކަނޑައެޅޭ މިންގަނޑުތަކެއްގެ މައްޗަށް ބިނާކޮށް އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރާ ފަރާތަކަށް ކޮންމެ އަހަރަކު ދޭނެ އެވޯޑުތައް ކަމަށް މިނިސްޓްރީން ބުންޏެވެ.

ދިރިއުޅުމުގެ މާހައުލާއި އާދަތަކާ އާންމުކޮށް ގުޅިފައިވާ، ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި ވަރަށް އާންމެވެ. އޭގެ ތެރޭގައި ހިމެނޭ މައިގަނޑު ބަލިތަކަކީ، ކެންސަރާއި ހިތުގެބައްޔާއި ސްޓްރޯކާއި ފުއްޕާމޭގެ ދާއިމީ ބަލިތަކާއި ހަކުރުބައްޔާއި ކިޑްނީ ބައްޔާއި ނަފްސާނީ ބަލިތަކެވެ.

ހެލްތު މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތު އެނގޭ ގޮތުގައި، ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 84 އިންސައްތަ ހިއްސާ ކުރާ ބަލިތަކަކީ ސިއްހަތަށް ނުރަނގަޅު އާދަތަކާ ގުޅިފައިވާ ބަލިތަކެވެ.

އެފަދަ ބަލިތަކަށް ހުށަހެޅޭ އެންމެ މުހިންމު ހިރާސްތަކަކީ ކެއިންބުއިމުގެ ނުރަނގަޅު އާދަތަކާއި، ދުންފަތުގެ އިސްތިޢުމާލުކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، އެކަށީގެންވާ މިންވަރަށް ހެލިފެލިވެ ނޫޅުން ފަދަ އާދަތަކެވެ.